ENGLISH
04 ޖެނުއަރީ 2026
އައު އަހަރާއެކު ރާއްޖޭގެ އިގްތިސާދުގައި އިސް ދައުރެއް އަދާކުރާބަޔަކަށް ކުދި ވިޔަފާރިތައް ވެގެންދާނެ
03 ޖެނުއަރީ 2026
|
އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
އައު އަހަރާއެކު ރާއްޖޭގެ އިގްތިސާދުގައި އިސް ދައުރެއް އަދާކުރާބަޔަކަށް ކުދި ވިޔަފާރިތައް ވެގެންދާނެކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ތަރުޖަމާނާއެކު ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުވުމެއް ބާއްވަވާފައިވާއިރު، އެ ބައްދަލުވުމުގައި ވިޔަފާރިވެރިން ފާޅުކުރި ބައެއް ކަންބޮޑުވުންތަކަށް މިހާރުވެސް ހައްލު ލިބިގެން ގޮސްފައިވާކަމަށެވެ. އަދި ކުދި ވިޔަފާރިތަކަށް ޒަމާނުންސުރެ ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އިސްކަންދެއްވި ވެރިއަކު ރައީސް މުޢިއްޒު ނޫނީ ފެނިވަޑައިނުގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވީއިރު ވައިގެ ބަނދަރަށްވެސް އަދި ކަނޑުގެ ބަނދަރަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތަކަށް ދިމާވާ ހުރަސްތައްކަމަށެވެ.
"ލުއިތަކާއެކު ކުދި ވިޔަފާރިތައް އަޅުގަނޑުމެންގެ އިގްތިސާދުގައި އިސްދައުރެއް އަދާކުރާ ބަޔަކަށް ވެގެންދާނެ. އިމްޕޯޓުވެސް ކުރާނެ ކުދި ވިޔަފާރިތަކުން. ރިސޯޓުތަކުގެ ވިޔަފާރިތައް ނޫނީ ދެން އަޅުގަނޑުމެންނަށް ފެނިގެންދާނީ ވަރަށް މަދު މުވައްޒަފުން ބޭނުންކޮށްގެން ކުދި ވިޔަފާރިތަކުން މުދާ ކްލިއަރ ކުރުމުގެ މަސައްކަތްވެސް ކުރަމުންދާތަން. އެހެންއޮއްވާ ރައީސް މިވަނީ ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކޮށްދެއްވާފައި. މިއީ ލިބިގެންދިޔަ ބޮޑު ފަސޭހައެއްކަން ވިޔަފާރިތަކުންވެސް ފާހަގަކުރޭ" - އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
މިކަމާ ގުޅިގެން ވިޔަފާރިވެރިވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދީ ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވައި އަދި މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ވިޔަފާރިތައް ކުރިއެރުވުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން އެދެވޭ މަސައްކަތްތަކެއް ކުރިކަމަށް ގަބޫލުނުކުރައްވާކަމަށް، ކުރީގެ ސަރުކާރެއްގައިވެސް އިގުތިސާދާ ބެހޭ ވަޒީރުގެ މަގާމު ފުރުއްވި ސައީދު ވިދާޅުވިއެވެ.
އައު އަހަރާއެކު ރާއްޖޭގެ އިގްތިސާދުގައި އިސް ދައުރެއް އަދާކުރާބަޔަކަށް ކުދި ވިޔަފާރިތައް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއިރު 2025 އަދި 2026 ވަނަ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ ދެ އަހަރު ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ކަނޑައަޅުއްވާފައެވެ.