ENGLISH

04 ޖެނުއަރީ 2026

Advertisement

ދިއްދޫ ބިންހިއްކަން ބޭނުންކުރާ ޑްރެޖަރު އެރަށުގައި ބަނދަރުކޮށްފި

03 ޖެނުއަރީ 2026

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހއ.ދިއްދޫ ރައްޔިތުންނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް އެ ރަށުގެ އެއާޕޯޓު މަސައްކަތްކުރުމަށާއި، އިތުރު ކަންކަމަަށް ބޭނުންކުރަން ރަށަށް އިތުރުކުރާ ބިން ހިއްކުމަށް ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ޑްރެޖަރު މިއަދު އެ ރަށުގައި ބަނދަރުކޮށްފިއެެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިންގާ މި މަޝްރޫޢުގައި ދިއްދޫ 110 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމަށް ވުރެ ބޮޑު ސަރަހައްދެކެވެ. ހިއްކާ ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމާއި ދިއްދޫގައި އެއާޕޯޓް އެޅުމަށެވެ. 

ބިންހިއްކުމުގެ ރަސްމިއްޔާތަށް ވާންޖެހޭ ތައްޔާރީތައް ދިއްދޫ ކައުންސިލާއި އެމްއޭސީއެލް ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބިމަށް 110 ހެކްޓަރުގެ ބިމެއް އިތުރުކުރާނެއެވެ. ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ އިތުރުކުރެވޭ ބިމަކީ އެއާޕޯޓު ތަރައްގީކުރުމުގެ އިތުރަށްވެސް ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ގިނަ މަސައްކަތްތަކަށް މަގުފަހިކުރުމަށް ބޭނުންކުރެވޭނެ ބިމެއް ކަމަށެވެ. 

މެންބަރު ވިދާޅުވި ގޮތުގައި އެއާޕޯޓަކީ ދިއްދޫގެ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެންނާނެ ބިޔަ މަޝްރޫއެކެވެ. އެގޮތުން އެއާޕޯޓާއެކު ދިއްދޫގައި ފަތުރުވެރިކަން ތަރައްގީކޮށް، ވިޔަފާރިތައް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމުގައި މެންބަރު ފާހަގަކުރެއްވިއެވެ. 

ހިއްކާ ބިމުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ހިދުމަތްތަކާއި އައު ވިޔަފާރިތައް ގާއިމުކުރެވިގެންދާއިރު، ދިއްދޫ ރައްޔިތުންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމުގައިވެސް މެންބަރު ދެކެވަޑައިގަންނަވައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓު ތަރަައްގީކުރުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާއިރު ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ވަރަށް ގިނަ ރަށްރަށަށް ބިން އިތުރުކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްވެސް އަންނަނީ ކުރެވެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު