ENGLISH

07 ޖެނުއަރީ 2026

Advertisement

ހުކުރު ޚުޠުބާގެ މައުޟޫއުތައް ހުށަހަޅަން ހުޅުވައިލުމުން ގިނަ ހިޔާލުތަކެއް

03 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

އިސްލާމީ މަރުކަޒުގައި ހުކުރު ޖަމާއަތުގެ ތެރެއިން، ފޮޓޯ: މިހާރު

ހުކުރު ޚުޠުބާގެ މައުޟޫއުތައް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން ހުޅުވައިލުމާ ގުޅިގެން ގިނަ ބަޔަކު ހިޔާލުތައް ހިއްސާކޮށްފިއެވެ. 

އާއްމުންނަށް ހުކުރު ހުތުބާގެ މައުޟޫއުތަކާ ގުޅޭ ގޮތުން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މީސްމީޑިޔާ މަންސަތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލާފައިވެއެވެ. އެގޮތުން އެ މިނިސްޓްރީން ފޭސްބުކުގައި ޝާއިއުކުރި ޕޯސްޓުގެ ތިރިއަށް ހުކުރު ހުތުބާ ލިޔަން ކަމުދާ މައުޟޫއުތައް ކޮމެންޓުގެ ގޮތުގައި ޕޯސްޓުކުރުމަށް ހުޅުވައިލުމާއެކު އެތައް ސަތޭކަ ކޮމެންޓެއް މީހުންވަނީ ކޮށްފަައެވެ. 

މިހާތަނަށް 600 އަށްވުރެ ގިނަ ހިޔާލު އެ ޕޯސްޓުގެ ތިރީގައި ކޮމެންޓުގެ ގޮތުގައި ހިއްސާކޮށްފައިވާއިރު، ހުށަހަޅާފައިވާ މައުޟޫއުތަކުގެ ތެރޭގައި އިޖުތިމާއީ މައްސަލަތަަކާއި ޒުވާނުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، ޒަމާނާއެކު އަލަށް ފެންމަތިވަމުން އަންނަ ދީނީ އެކިކަހަލަ ޝުބުހަތުތައް ހިމެނެއެވެ. 

އިސްލާމިކް މިނިސްޓްރީންވަނީ މި ޕޯސްޓުގެ ދަށުގައި ކޮމެންޓުތަކުގައި ފާހަގަކުރަމުންދާ ހިޔާލުތަކުގެ ތެރެއިން އެންމެ ކަމުދާ މައުޟޫއު އާއްމުން އިހުތިޔާރުކޮށްދިނުމަށް އެދިފައެވެ. 

ހުތުބާ ތައްޔާރުކުރުމުގައި އެއިރެއްގައި މުޖުތަމައަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތައް ދެނެގަނެ އެކަންކަމާމެދު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އިސްކަންދެއެވެ. އަދި އިސްލާމީ އަގީދާއާއި އަހުލާގާމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށްވެސް ހުތުބާތައް ތައްޔާރުކޮށްފައި ހުރެއެވެ. 

ރާއްޖޭގައި ހުކުރު ހުތުބާއަކީ އާއްމުކޮށް އިސްލާމިކް މިނިސްޓްރީން ލިޔެ ތައްޔާރުކޮށް ހުރިހާ އިމާމުންނާ ހިއްސާކުރާ ހުތުބާއެކެވެ. އެއީ ދީނީ ގޮތުން އޮންނަ އެއްބައިވަންތަކަން ދަމަހައްޓައި، ދީނީ ހިޔާލު ތަފާތުވުންތަކާއި އަރައިރުންވުން އުފެދޭ މަސްދަރަކަށް ހުތުބާ ވިޔަނުދިނުމަށް ސަރުކާރުތަކުން އިހުއްސުރެ ހިފަހައްޓައި ނަގަހައްޓަމުން އަންނަ އުސޫލެކެވެ. 

ކިޔުންތެރިންގެ ހިޔާލު