ENGLISH
02 ޖެނުއަރީ 2026
ދިގު އިންތިޒާރަށް ނިމުން، އެތައް ބައެއްގެ އެހީގައި ޝެއިޚު މުހައްމަދު އިބްރާހީމް ބޭސްފަރުވާއަށް ފުރައިފި
02 ޖެނުއަރީ 2026
|
ޝެއިޚް މުޙައްމަދު އިބްރާޙީމް ވީއައިއޭގައި --
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް މުޙައްމަދު އިބްރާޙީމް، ލޮލުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް މިއަދު ފުރައިފި އެވެ.
ދަޢުވަތުގެެ މައިދާނުގައި ވަަރަށް ހަރަކާތްތެރި އަދި ނައިފަރު މަދަރުސަތުލް އިފްތިތާހުގެ އިސްލާމް މުދައްރިސް ޝެއިޚް މުހައްމަދު އިބްރާހިމަށް ލޮލުގެ އާލާސްކަންފުޅެއް ޖެހި ލޮލުގެ ފެނުން މުޅީން ގެއްލުނެވެ. މިހާރު އޭގެ ފަހުން ދެތީން އަހަރު ވަނީ އެވެ.
ބައެއް ފަރުވާ ކުރެވުނު ނަމަވެސް އެކަށީގެންވާ ފަރުވާގެ ފުރުސަތު މިހާތަނަށް އޮތީ ނުލިބި އެވެ. ރަނގަޅު ފަރުވާ ދެވިއްޖެނަމަ ލޮލުގެ ފެނުން އަލުން އިއާދަވުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ބުނެ އެވެ.
އެހެން ކަމުން "އެހީ" ޖަމިއްޔާއިން އިސްނަގައިގެން ވަނީ ޝެއިޚްގެ ފަރުވާއަށް ޢާންމުންގެ އެހީތެރިކަން ހޯދާފަ އެވެ. ސައުވީސް ގަޑިއިރުވެސް ނުވަނީސް ޝެއިޚްގެ ފަރުވާއަށް ފުރަތަމަ ދަތުރަށް ބޭނުންވާ އަދަދަށް ފައިސާ ލިބުނެވެ. ވަރަށް ގިނަ ބަޔަކު ވަނީ ޝެއިޚަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ދިވެހީންގެ އެހީތެރިކަމުގައި ޝެއިޚް މިއަދު ވަނީ ތައިލެންޑަށް ފަރުވާއަށް ފުރައިފަ އެވެ.
ލޮލުގެ ފެނުން ގެއްލުނު ނަމަވެސް ޝެއިޚް ގެންދެވީ ދަޢުވަތުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ކިޔަވައިދިނުމާއި ދުރަށް ދާން މަޖުބޫރުވީ އެވެ.
އައްޝައިޚް މުޙައްމަދު އިބްރާހިމަށް މިހާރު ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡެއްގެ މަޤާމު ހަމަޖައްސަވާފަ އެވެ. އަދި ޝެއިޚް މާލެ ވަޑައިގެން ހުންނެވި ދުވަސްވަރު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ވަނީ ޝެއިޚާއި ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދީނީ ދަޢުވަތު ފެތުރެއްވުމަށްޓަކައި ޝައިޚް މުޙައްމަދު އިބްރާހިމް ކުރައްވަމުން ގެންދަވާ މަސައްްކަތްޕުޅުތަކަށް ވަޒީރު ވަނީ ތަޢުރީފް ކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.
އަދި ޝައިޚް މުޙައްމަދު އިބްރާހިމް ވުޒާރާއާއި ގުޅިވަޑައިގެންނެވުމަކީ ވުޒާރާއާއި ދީނީ ދަޢުވަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ޝެއިޚްގެ ޚިދުމަތް ފާހަގަކުރައްވާ ދައުލަތުން ގޮތްތަކެއް ހަމަޖައްސައިދޭން އެތައް ބަޔަކު ދިޔައީ އެދެމުންނެވެ. އަދި ސަރުކާރުގެ މި ނިންމުމާއެކު އެކަަމަށް އެތައް ބަޔަކު ދަނީ ތަޢުރީފު ކުރަމުންނެވެ.