ENGLISH
02 ޖެނުއަރީ 2026
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު އޮތް ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
02 ޖެނުއަރީ 2026
|
ގ. މާވަނި، ޙުސައިން ސަނީ ޢުމަރު
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން މި ނިންމުން ނިންމީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެގޮތަށް ކޯޓްގައި އެދުމުންނެވެ. ސަނީ ހައްޔަރުކޮށް ފުރަތަމަ ޖެހީ 30 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު މިއަދު ހަމަވުމުން އަލުން ވަނީ ބަންދުގެ މަޖިލީހަށް ކޯޓަށް ހާޒިރުކޮށްފަ އެވެ.
އެ އޮފީހުން މިއަދު ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 30 ވަނަ މާއްދާ. އާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ސަނީ އުމަރު ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިއަދު އެ ކޯޓުން ވަނީ ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ. ޕީޖީ އޮފީހުން ބުނީ ތަޙުޤީޤުގައި ކުރަންހުރި މަސައްކަތަށް ރިޢާޔަތްކޮށް އެ އޮފީހުން ވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަޙުޤީޤު މުއްދަތު އިތުރުކޮށްދީފައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ސަނީ އުމަރުގެ މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށެވެ. އަދި ތަޙުޤީޤަށް ވަނީ ކުރިއެރުންތަކެއް ލިބިފަ އެވެ.