ENGLISH
21 މާރިޗު 2026
މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ އާ ވެބްސައިޓް އިފްތިތާހުކޮށްފި
02 ޖެނުއަރީ 2026
|
ޑރ. އަހުމަދު އަންވަރު.
އެންމެ މަޤްބޫލު
މަޖީދިއްޔާ ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ ((އެމްއެމްޑީޖީ) ގެ އާ ވެބްސައިޓް ރޭ ލޯންޗުކޮށްފި އެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ސްކޫލުގެ ގޯތިތެރޭގައި ހުރި ތާރީހީ ބިނާ، ދާރުލްއުލޫމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވެބްސައިޓް ލޯންޗުކޮށްދެއްވީ 98 އަހަރުވީ މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ އަލުން ވުޖޫދުކުރުމުގައި އިސްރޯލެއް އަދާކުރެއްވި އަދި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރެވެ.
މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ރައީސް އަހުމަދު އައްފާލް.
އެމްއެމްޑީ ޖަމިއްޔާގެ މި ދައުރުގެ ރައީސް އަހުމަދު އައްފާލް ވިދާޅުވީ އާ ވެބްސައިޓް ލޯންޗުކުރުމުގެ ބޭނުމަކީ މަޖީދިއްޔާ އަކީ މުސްކުޅި ދަރިވަރުން އެންމެގިނަ ސްކޫލް ކަމަށްވެފައި ވޭތުވެދިޔަ 98 އަހަރު އެ ސްކޫލުން ތައުލީމް ހާސިލްކުރި ހުރިހާ ދަރިވަރުން ޒަމާނީ މަންސައަކުން ގުޅުވާލައި މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފެރެންދާއިރު ސްކޫލުގެ ތާރީޚާއި މިހާރު ހިންގާ ހަރަކާތްތައް ތަފްސީލްކޮށްދިނުން ކަމަށެވެ. އަދި މަޖީދިއްޔާ ސްކޫލާ ގުޅިފައިވާ ހަނދާންތަކާއި މައުލޫމާތާއި ތާރީޚީ ފޮޓޯތައް ވެބްސައިޓް މެދުވެރިކޮށް އާއްމުންނާ ހަމައަށް ގެނެސް ދިނުމެވެ.
މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ނައިބް ރައީސް ޝިފާން
މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްއިއްޔާ އުފައްދާފައިވަނީ ޖުލައި 7، 1946 ގައެވެ.
އެޕްރީލް 19، 2027 ގައި މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭނެ އެވެ. އެ ސްކޫލަށް ގަރުނެއް ފުރޭ އެ ތާރީޚީ މުނާސަބަތަށް 500 ދުވަހުގެ ކައުންޓްޑައުން މިދިޔަ މަހުގެ 4 ވަނަ ދުވަހު ވަނީ ފަށައިފަ އެވެ.
މަޖީދިއްޔާ ސްކޫލުގެ ފެށުމަކީ އޭޕްރިލް 19، 1927 ގައި މަދަރުސަތުއް ސަލާހިއްޔާގެ ނަމުގައި ކިޔަވައިދޭން ފެށި މަދަރުސާއެވެ. އެ މަދަރުސާ ސަރުކާރުގެ މަދަރުސާއެއްގެ ގޮތުގައި ހިންގުމަށް ނިންމެވީ، ރަސްގެފާނު އައްސުލްތާން މުހައްމަދު ޝަމްސުއްދީނާއި ޝެއިޚް އިބްރާހިމް ރުޝްދީ އަލްއަޒްހަރީއާއި ޝައިޚް ހުސައިން ސަލާހުއްދީންގެ ލަފާފުޅުގެ މަތީންނެވެ.
މަޖީދިއްޔާ ސްކޫލުގެ ނަން އެކި ދުވަސްވަރު ބަދަލުވަމުން ދިޔަ އެވެ. މަދަރުސަތުއް ސަނިއްޔާ އިން މަދަރުސަތުލް މަޖީދިއްޔާއަށް އެ ސްކޫލުގެ ނަން ބަދަލުކޮށްފައި ވަނީ، އެޕްރީލް 6، 1947 ގައެވެ. އަދި މަދަރުސަތުލް މަޖީދިއްޔާއިން، މަޖީދިއްޔާ ސްކޫލަށް، ބަދަލުކުރީ މޭ 27، 1969 ގައެވެ.
ހަމައެކަނި ފިރިހެން ކުދިންގެ ސްކޫލެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ފިރިހެން އަދި އަންހެން ކުދިން އެކުގައި ކިޔަވާ ސްކޫލަކަށް މަޖީދިއްޔާ ބަދަލުކުރީ 2011 ގަ އެވެ.