ENGLISH

02 ޖެނުއަރީ 2026

Advertisement

މަރު އައިސް އަހަރެމެންނާ ބައްދަލުކުރުމުން ލަހެއް ފަހެއްނެތި އިޖާބަދޭން ޖެހޭނެ: ހުކުރު ޚުޠުބާ

02 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

މަރު އައިސް އަހަރެމެންނާ ބައްދަލުކުރުމުން ލަހެއް ފަހެއްނެތި އިޖާބަދޭން ޖެހޭނެ ކަމަށާއި އެއަށްފަހު ޤިޔާމަތާ ހަމައަށް (އަލުން ދިރުއްވައި މަޙުޝަރުކުރެއްވުމާ ހަމައަށް) އޭނާ އޮންނާނީ ކަށްވަޅުގަ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. 

"މާތްﷲ ގެ ޙަޟުރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މި މަޢުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، މަޙުޝަރުކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް ކަމަށާއި، އެ ދުވަހުގެ ބިރުވެރިކަމުގައި އެ މައިދާނުގައި، ފަންސާސް ހާސް އަހަރުގެ ދިގު މުއްދަތެއްގައި ތިބޭން ޖެހޭނެ ކަމަށެވެ.

"އެ ބިރުވެރި ދުވަހުގެ ހުއްޓި ހުރުމަކީ ލުއިފަސޭހަ ހުއްޓިހުރުމަކަށް ހެދުމާއި ނުހެދުން އޮތީ އަހަރެމެންގެ އަތްމަތީގައެވެ. ތަޤުވާވެރި ޞާލިޙު އަޅުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިޙުސާސްކުރެވޭނީ، ދުންޔަވީ ޙަޔާތުން ނަމަ މެންދުރު ނަމާދާއި ޢަޞްރު ނަމާދާ ދެމެދުގެ ވަގުތުކޮޅެއްގެ ގޮތުގައެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، ދުންޔަވީ ޙަޔާތަކީ ވަގުތީ ޙަޔާތެއް ކަމަށާއި، ކޮންމެ އިންސާނަކީ ވެސް މަރުގެ ރަހަ ދެކޭނޭ މީހެއް ކަމަށެވެ. އަދި، އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުމެ ކުރާންޖެހޭނޭ ކަމެއްކަން ވަނީ ހަނދާންކޮށްދީފައެވެ.

"ދުނިޔޭގެ މި އިމްތިޙާނަށް ވުރެ ބޮޑު އިމްތިޙާނެއް ކުރިމަތީގައި އެބަ އޮތެވެ. އެއީ އާޚިރަތް ދުވަހުގެ އިމްތިޙާނެވެ. މި އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެއެވެ. އެއީ ހުރިހައި އެންމެން ވެސް ކުރިމަތިލާން ޖެހޭނޭ އިމްތިޙާނެކެވެ. ފިރިހެނުންނާއި އަންހެނުންނެވެ. މުއްސަނދީންނާއި ފަޤީރުންނެވެ. ވެރީންނާއި ރައްޔިތުންނެވެ. ފަހެ، އެ ދުވަހުގެ އިމްތިޙާނަށް ޓަކައި ތިބާ ތައްޔާރުވެއްޖައީމުހެއްޔެވެ؟ އެ އިމްތިޙާނުގައި އެހީވެދޭނޭ މީހަކު ވެސް ނުހުންނާނެއެވެ. ބައްޕައަކު ދަރިއަކަށް، އަތްނބަކު ފިރިއަކަށް، ރަޙުމަތްތެރިއަކު ރަޙްމަތްތެރިއަކަށް ވެސް އެހީއެއް ނުވެވޭނެއެވެ. ކޮންމެ މީހަކު ވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތްނުވެވިގެންނެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާ ނިންމާލަމުން ވަނީ، މާތް ﷲއަށް އުރެދުނު މީހުންނާއި ފާފަކުރުމުގައި ދެމި ތިބެ މަރުވެ ދިޔަ އެންމެންނަށް ހިސާބު ބައްލަވާ ދުވަހު އޮތީ ﷲގެ ވަޙީބަސްފުޅުގައި ވާފަދައިން ކަންބޮޑުވުމާއި ހިތްދަތިކަން ކަމުގައި ހަންދާންކޮށްދީފައެވެ.

ހަމަކަށަވަރުން ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކަ ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ބަޔާންކޮށްދެއްވައި، އެ ދުވަހާ މެދު އިންޒާރުކުރައްވައިފައިވަނީ އެއިން އަހަރެމެން ޢިބުރަތް ޙާޞިލުކޮށް އެ ދުވަހަށް ތައްޔާރުވުމަށް ޓަކައި ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު