ENGLISH

02 ޖެނުއަރީ 2026

Advertisement

ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ވެސް ހިންގާނީ ދިވެހިން: ވަޒީރު އަމީން

02 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް--ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ބައިނަލް އަގުވާމީ އެއާޕޯޓްތަކުގެ އިތުރުން އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތައް ވެސް އޮޕަރޭޓް ކުރާނީ ދިވެހި މުވައްސަސާތަކުން ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި ގާއިމްކުރެވިފައިވާ ހުރިހާ އެއާޕޯޓްތަކަކީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް އިންޑިއާގެ ކުންފުންޏެއް ހަވާލުވެ ދިނުމަށް ރާއްޖޭން އެދިފައިވާ ކަމަށް އެޤައުމުގެ ނޫހަކުން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އެއާޕޯޓްތައް އޮޕަރޭޓް ކުރަމުންދަނީ ގައުމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އޭވިއޭޝަން މިންގަނޑުތަކަށް ފެތޭ ގޮތަށް، ރާއްޖޭގެ ހުއްދަ ލިބިފައިވާ ފަރާތްތަކުންނެވެ. މިކަމުގެ ސަބަބުން ގައުމުގެ މުހިންމު އުމްރާނީ ވަސީލަތްތަކުގެ މައްޗަށް ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށާއި، ދިވެހިންގެ ގާބިލުކަން ތަރައްގީކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަން ފާހަގަކުރެއްވި އެވެ.

އެއާޕޯޓްތައް ހިންގުމުގެ ޒިންމާ ދިވެހި މުއައްސަސާތަކާ ހަވާލުވެފައި އޮތުމަކީ، ސަލާމަތީ ކަންކަން އެއް ފެންވަރެއްގައި ހިފެހެއްޓުމަށާއި، ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރާކަން ޔަގީންކުރުމަށް ލިބޭ ބާރެއް ކަމަށާއި، އޭގެ އިތުރުން،ދިވެހި ފަންނުވެރިންނަށް މި ދާއިރާއިން ތަމްރީނާއި ވަޒީފާގެ ފުރުސަތުތައް ފަހިވެ، ދެމެހެއްޓެނިވި ގޮތެއްގައި އެއާޕޯޓްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާކަންވެސް ވަޒީރު ފާހަގަކުރެއްވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި އުސޫލަށް އަމަލުކުރުމުން، ދަތުރުވެރިންނަށާއި އެއާލައިންތަކަށް ރާއްޖޭގެ އެއާޕޯޓްތަކުގެ ރައްކާތެރިކަމާމެދު އޮންނަ އިތުބާރު ބޮޑުވެގެންދާ ކަމަށެވެ. އަދި ރެގިއުލޭޓަރުންނާއި ހިދުމަތްދޭ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާވެ، އޮޕަރޭޝަނަލް ކަންކަމުގައި އަވަސް ހައްލުތައް ހޯދުމަށް ފަސޭހަވެގެންދާކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި މަސައްކަތަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބޯލެބުމާއެކު، ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށް ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ. އަދި އޭވިއޭޝަން ދާއިރާއަކީ ރައްކާތެރި އަދި ހަރުދަނާ ދާއިރާއަކަށް ހެދުމަށްޓަކައި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާކަން އެ ވުޒާރާއިން ވަނީ ހާމަކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު