ENGLISH
02 ޖެނުއަރީ 2026
ސިޔާސީ ޕާޓީތަކުން މިހާރު ވަގުތުން ވަކިވެވޭނެ؛އިލެކްޝަން ކޮމިޝަން
02 ޖެނުއަރީ 2026
|
ސިޔާސީޕާޓީތަކަށް ރަޖިސްޓްރީ ވުމުގައި ލު ފަސޭހަ ގޮތްތަކެއް--ފޮޓޯ:އިލެކްޝަން ކޮމިޝަން
ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ވަގުތުން ވަކިވެވޭނެ ގޮތަށް ބަދަލުކުރެވިފައިވާ ކަމަށް އިލެކަޝަން ކޮމިޝަނުން ބުނެފި އެވެ.
ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމަށާއި ޕާޓީން ވަކިވުމުގެ މަރުހަލާތަކަށް ލުއިފަސޭހަކޮށް، އަވަސް ކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސް، އިއްޔެއިން ފެށިގެން ޢަމަލު ކުރުމަށް ފަށާފައިވާކަމަށް އެ ކޮމިޝަނުންވަނީ ބުނެފަ އެވެ.
ސިޔާސީ ޕާޓީގެ މެންބަރުންގެ ގޮތުގައި ދަފުތަރުކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓް ޕާޓީން ޕްރޮސެސްކުރުމަށް ސިޔާސީ ޕާޓީތަކަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެކަމަށެވެ. އަދި މި މުއްދަތު ހަމަވާއިރު، ރިކުއެސްޓް ޕާޓީއިން ޕްރޮސެސްކޮށްފައި ނުވާނަމަ، އެފަރާތެއް ޕާޓީގައި ރަޖިސްޓަރީ ވާނެކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
އެ ކޮމިޝަނުން ބުނީ، ސިޔާސީ ޕާޓީގެ ދަފުތަރުން ވަކިވުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފަރާތްތަކުގެ ރިކުއެސްޓް، ވަގުތުން ވަކިވާނޭހެން ވަނީ ބަދަލުގެނެވިފައި ކަމަށެވެ. އެހެންނަމަވެސް އެކޮމިޝަނުގައި ދަފްތަރުކުރެވިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީއިން ވަކިވާނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީކުރާނަމަ، އެ ކޮމިޝަނުގައި ދަފުތަރުކުރެވިފައިވާ ސިޔާސީ ޕާޓީގެ އިސްމަޤާމުން ވަކިވުމަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އިލެކްޝަނުން އިތުރަށް ބުނެފައިވަނީ، ސިޔާސީ ޕާޓީއަކުން، އެ ޕާޓީގެ މެންބަރަކު، ޕާޓީގެ ދަފްތަރުން އުނިކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް ޕާޓީން ވަކިކުރުމަށް ރިކުއެސްޓުކުރުމުން ޕާޓީން ވަކި ކުރެވޭނެ ކަމަށެވެ.
އިލެކަޝަނުން ދެމުން އަންނަ ހިދުމަތްތައް އޮންލައިން ނިޒާމްއަކަށް ބަދަލު ކުރުމަށް އެ ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކައުންސިލް އިލެކްޝަންގައި ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން އޮންލައިން ނިޒާމަކަށް މިހާރު ވަނީ ބަދަލު ކުރެވިފަ އެވެ.މީގެ އިތުރުން އެ ކޮމިޝަނުން ބާއްވަމުންއަންނަ އިންތިޚާބުތަކުގައި އޮފިޝަލުންގެ ފޯމުތަކާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ފޯމުތައްވެސް ޕޯޓަލް މެދުވެރިކޮށް އަންނަނީ ބަލައިގަންނަމުންނެވެ.