ENGLISH
10 އޭޕްރީލު 2025
އާސެނަލުން ޔުނައިޓެޑް ބަލިކުރިއިރު، ޗެލްސީ ދެވަނަ އަށް
05 ޑިސެމްބަރު 2024
|
ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. --
ސެޓް-ޕީސްތަކުން ޖެހި ދެ ލަނޑާ އެކު ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 އިން އާސެނަލް މޮޅުވިއިރު، ސައުތެމްޓަން އަތުން 1-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ޗެލްސީ ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ.
ރޭގެ ނަތީޖާތަކަށް ފަހު އަދިވެސް އެއްވަނައިގައި އުޅެނީ ލިވަޕޫލެވެ. އެ ޓީމަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ހަތް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ޗެލްސީ އެވެ. ތިންވަނައިގައި އޮތް އާސެނަލަށް ވެސް 14 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ހަތަރު ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 14 މެޗުން 26 ޕޮއިންޓް ހަމަކޮށްގެންނެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ހުސް ފުރުޞަތުތަކެއް ނުލިބެއެވެ. މެޗުގެ ދެ ލަނޑު ވެސް ޖެހީ ފަހު ހާފުގައެވެ.
އާސެނަލުން ލީޑު ނެގީ 54 ވަނަ މިނެޓުގައި ޑެކްލަން ރައިސް ނަގައިދިން ކޯނަރެއްގެ އެހީގައި ޔޫރިއެން ޓިމްބާ ވައްދާލި ލަނޑުންނެވެ. އޭގެފަހުން، މެޗުގެ 73 ވަނަ މިނެޓުގައި އާސެނަލްގެ ދެވަނަ ލަނޑު، ވިލިއަމް ސަލީބާ ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ވިންގް، ބުކާޔޯ ސަކާ ނަގައިދިން ކޯނަރެއްގެ އެހީގައި ތޯމަސް ޕާޓޭ ބޮލުން ޖައްސާލި ޕާހަކުންނެވެ.
މި މެޗުގައި ޔުނައިޓެޑަށް ލަނޑެއް ޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ނަގައިދިން ހިލޭޖެހުމަކުން މަތައިސް ޑިލިޓް ބޮލުން ފޮނުވާލި ބޯޅަ އާސެނަލްގެ ގޯލްކީޕަރު، ޑޭވިޑް ރާޔާ މަތަކުރިއެވެ.
މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ރަށުން ބޭރުގައި ޗެލްސީ މޮޅުވިއިރު، ލަނޑުތައް ޖަހައިދިނީ އެކްސެލް ޑިސާސީ، ކްރިސްޓޮފާ އެންކުންކޫ، ނޮނީ މަޑުއޭކޭ އާއި ކޯލް ޕާމާ އަދި ޖޭޑަން ސަންޗޯ އެވެ.
މެޗުގެ ފަހު ހާފު އެއްކޮށް، 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ސައުތެމްޓަންގެ ހަމައެކަނި ލަނޑުޖަހައިދިނީ ޖޯ އަރީބޯ އެވެ.