ENGLISH
01 ޖެނުއަރީ 2026
ފަތުރުވެރިކަން ބާރަށް ކުރިއަށް؛ ފާއިތުވި އަހަރު ފަތުރުވެރިކަމުގެ އާމްދަނީ ރެކޯޑު މިންވަރަކަށް އިތުރުވި
01 ޖެނުއަރީ 2026
|
2025 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއް، ފޮޓޯ: ވިޒިޓް މޯލްޑިވްސް
ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ފައިސާ ރެކޯޑު އަދަދަކަށް އިތުރުވެފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަރުކަޒީ ބޭންކުގެ ރިޕޯޓުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ފަތުރުވެރިން ހޭދަކުރި މިންވަރު ނުވަތަ ދިވެހި އިގުތިސާދަށް ފަތުރުވެރިންގެ އަތުން ވަން ފައިސާގެ އަދަދު 5.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށެވެ. މިއީ 2024 ވަނަ އަހަރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ފައިސާއަށްވުރެ 15.8 އިންސައްތަ އިތުރު އަދަދެކެވެ.
ފާއިތުވި އަހަރު ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީއާއި ގްރީން ޓެކުހުގެ ރޭޓުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން އުފެދުނު ބަހުސްގައި އެ ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުން މަޑުޖެހި، ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު ދަށްވާނެކަމަަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަކަން ފާހަގަކޮށް، ވިޒިޓް މޯލްޑިވްސްްއިން ބުނެފައިވަނީ ނިމިދިޔަ އަހަރަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ކާމިޔާބު އަހަރެއް ކަމަށެވެ.
އެ ސިނާއަތަށް ނިމުނު އަހަރު ލިބުނު ކާމިޔާބުތަކުގެ ތެރޭގައި ފަތުރުވެރިކަމުން އިގުތިސާދަށް އެތެރެވި ފައިސާގެ އަދަދު މަތިވުމުގެ އިތުރަށް، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އަހަރުން އަހަރަށް އިތުރުވުންވެސް ހިމެނެއެވެ. އެގޮތުން ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރި ގޮތުގައި ނިމުނު އަހަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތ އިތުރުވެފައިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން 2025 ވަނަ އަހަރު ހާސިލުކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބަކީ ލޯ ސީޒަން ނުވަތަ ފަތުރުވެރިން މަދުން އަންނަ މޫސުމުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވުމެވެ. އެއީ ފަތުރުވެރިކަން ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި މެދުކެނޑުމެއް ނެތި ރާއްޖެ އިޝްތިހާރުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާކަން ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.
ކުރިއްސުރެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މާކެޓުތަކުން ލިބުނު ކުރިއެރުންވެސް ބޮޑެވެ. އެގޮތުން ޗައިނާ ފަތުރުވެރިން ރާއްޖެއަށް އައި މިންވަރު އިތުރުވެ، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 22 އިންސައްތައަށް ޗައިނާ ބާޒާރު ފުޅާވެފައިވާއިރު، ރަޝިޔާ ފަތުރުވެރިންނަކީ ރާއްޖެއަށް އައި ފަތުރުވެރިންގެ 20 އިންސައްތައެވެ.
ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުގެ އޮކިއުޕަންސީ ރޭޓު ދަށްވުމުގެ މައްސަލަ ހައްލުކުރުމަށް ސިނާއަތުގެ ހިއްސާދާރުންނާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ތަފާތު ކެމްޕެއިންތައް އިންތިޒާމުކުރުމާ ސިޔާސަތުތައް އެކަށައަޅައި މައްސަލަތައް ހައްލުކުރުމުގައި ސިނާއަތުގެ ބައިވެރިވުން ހޯދުން ހިމެނޭކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި ލަގްޒަރީ ފަތުރުވެރިކަމަށް އިންވެސްޓުކުރަން އެންމެ ރަނގަޅު އެއް ގައުމުގެ ގޮތުގައި ފޯބްސް ޓްރެވަލް ގައިޑްގައި ފާހަގަކޮށްފައިވެއެވެ. އަދި ލަގްޒަރީ ފަތުރުވެރިކަން ތަރައްގީކޮށް ޕްރޮމޯޓުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރިއަށް އޮތް ތަނުގައި ހާއްސަަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވެއެވެ.
ސުޕަރ ޔޮޓުތަކަށް ހާއްސަ ކެމްޕެއިނެއް ކުރިއަށްގެންގޮސްފައިވާއިރު، މަތީ ފަންތީ ފަތުރުވެރިކަމަށް އޮތް ޑިމާންޑު އިތުރުކޮށް ދެމެހެއްޓުމަށް 40 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ވިޒިޓް މޯލްޑިވްސްއިން ކޮށްފައިވެއެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 2025 ވަނަ އަހަރު ހަވަނަ ފަހަރަށް ވޯލްޑް ޓްރެވަލް އެވޯޑްސްގައި ލީޑިން ޓޫރިޒަމް ޑެސްޓިނޭޝަން ނުވަތަ ދުނިޔޭގެ އެއް ނަންބަރު މަންޒިލުގެ މަގާމު ރާއްޖެއިން ހޯދާފައިވާކަން ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރިއެވެ.
އެ ކުންފުނިން ދިން ޔަގީންކަމަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބާޒާރުގައި ވާދަވެރި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް 2026 ވަނަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ރޭވުންތެރިކަމާއެކު އިސްތިރާޖީ ގޮތެއްގައި ކުރުމަށްވަނީ ރޭވިފައެވެ.