ENGLISH

01 ޖެނުއަރީ 2026

Advertisement

2025 ގެ ފަސްފަހަތް؛ އިސްލާހުތަކާއެކު، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވި، މިސްރާބު ރަނގަޅުކުރެވެނު

01 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައީސް ޑރ.މުޙައްމަދު މުޢިއްޒު

އަހަރެއް ނިމި އައު އަހަރެއް ފެށިގެންދާއިރު، ފާއިތުވި އަހަރު ހާސިލުކުރެވުނު ކަންކަމާއި އަލަށް ފެށޭ އަހަރަށް ކުރެވޭ އުންމީދުތަކާމެދު ވާހަކަދައްކައިލުމަކީ ކުރަންޖެހޭ ކަމެކެވެ. ގައުމެއްގެ ހައިސިއްޔަތުން ފާއިތުވި 2025 ވަނަ އަހަރަކީ ރާއްޖެއަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނެވުނު، ވެރިކަން ހިންގުމުގައި ރައްޔިތުންގެ ޝާމިލުވުމާއި ބައިވެރިވުން އިތުރުކުރެވި، ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފެށި، ގައުމުގެ މިސްރާބު ރަނގަޅު އަމާޒަށް ބަދަލުކުރެވުނު އަހަރެކެވެ. 

މާލީ ނިޒާމަށް ބޮޑު ބަދަލެއް 

2025 ވަނަ އަހަރު ފެށިގެންދިޔައީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ގެނެވުނު މާލީ އިސްލާހުތައް ތަންފީޒުކުރަން ފެށުމާވެސް އެކުއެވެ. އެއީ ރާއްޖޭގެ މާލީ ނިޒާމާއި ދިވެހިރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތް ކަމުގައި ފަތުރުވެރިކަން ގުޅުވައިލާ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުން ލާޒިމުކޮށް، އެ އާމްދަނީގެ ވަކި ނިސްބަތެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކުރުމުގެ އިސްލާހެވެ. 

އެ އިސްލާހަށް އަމަލުކުރަން ފެށީ ޖަނަވަރީ 1، 2025 ވަނަ ދުވަހުއެވެ. އެ އިސްލާހުގެ ނަތީޖާއަކަށްވީ ބޭންކުތަކަށް ލިބޭ ބޭރު ފައިސާ އިތުރުވުމާއެކު، ދައުލަތަށް ލިބޭ އާމްދަނީގެ ބޭރުން މަރުކަޒީ ބޭންކަށް ބޭރު ފައިސާ ލިބޭނެ އައު މަގެއް ފަހިކުރެވި، އޭގެ ސަބަބުން ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވް ތިޔާގިވުމެވެ. އަހަރު ނިމެން މަސް ދުވަހަަށްވީއިރު ރިޒާވްގައި 800 އެތައް މިލިއަން ޑޮލަރެއް ރައްކާކުރެވިފައި ހުއްޓެވެ. ބޭނުންކުރެވޭ ރިޒާވްގައި 197 މިލިއަން ޑޮލަރު ހުއްޓެވެ. 

މަސްވެރިންގެ ކަންބޮޑުވުން ހައްލުވެ ސިނާއަތަށް ތިޔާގިކަން 

މަސްވެރިކަމުގެ ސިނާއަތަށް 2024 ވަނަ އަހަރުވީ ދަތި އަހަރަކަށެވެ. ނަމަވެސް އެ އަހަރު ނިމެނިކޮށް ޑިސެންބަރު 10، 2024 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހުނެވެ. ނަތީޖާއަކަށްވީ މަސްވެރިކަން ވެއްޓިފައި އޮތް އަނދަވަޅުން ސަަލާމަތްވާން ފެށުމެވެ. 

އެގޮތުން 2025 ގައި މަސްކިރުވި މިންވަރު 2024 ވަނަ އަހަރަށްވުރެ ބޮޑު ތަން އިތުރުވެ، މަސް ޕްރޮސެސްކޮށް ބޭރުކުރި މިންވަރަށްވެސް ބޮޑު ކުރިއެރުމެއް ލިބުނެވެ. ނިމުނު އަހަރުގެ ތެރޭގައި މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކުރެވުނެވެ. 

ރަށްރަށުގައި މަސްވެރިންނަށް ތެޔޮ ވިއްކުމަށް ގާއިމުކުރާ ފިއުލް ޝެޑްތައް ގާއިމުކުރުމުގެ މަސައްކަތް ނިމުނު އަހަރު ތެރޭ ފަށައި ބައެއް ރަށްރަށުގައި ޕަމްޕް ސްޓޭޝަންތައް ގާއިމުކޮށް ހެޔޮ އަގުގައި މަސް ފޯރުކޮށްދިނުމުގެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދިޔައެވެ. 

ފަލަސްޠީނުގެ ޙައްޤުގައި ވަރުގަދަ ތާރީހީ ފިޔަަވަޅެއް 

2025 ވަނަ އަހަރުގެ އޭޕްރީލު މަހުގެ 15 ވަނަ ދުވަހަކީ ރާއްޖެއަށް ތާރީހީ ދުވަހެކެވެ. ނިރުބަވެރި އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނާމެދު ހިންގަމުންދިޔަ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ދުނިޔެއަށް ފިލާވަޅަކަށް ފުދޭވަރުގެ ހަރުދަނާ ފިޔަވަޅެއް ދިވެހި ދައުލަތުން އެޅީ އެ ދުވަހުއެވެ. އެއީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމުމެވެ. 

ފަލަސްޠީނުގެ މުޖާހިދުންނާއި އެގައުމުގެ ލީޑަރުންގެ ޝުކުުުރު ދިވެހި ސަރުކާރަށް ލިބުނެވެ. ޣައްޒާގައި އިސްރާއީލުން ހިންގަމުންދިޔަ ގަތުލު އާއްމާއި ނަސްލު ނައްތައިލުމުގެ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ދުނިޔޭގައި ހިނގަމުންއައި ބޮޑު އޮއިވަރުގެ ތާރީފާއި ޝުކުރުވެސް ރާއްޖެއަށް އޮހުނެވެ. އިސްލާމީ ގައުމުތަކުގެ ރައްޔިތުން އެ ގައުމުތަކުގެ ވެރިންނަށް ނަމޫނާއެއްގެ ގޮތުގައި ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ދައްކައި ތާރީފުގެ ބަސްތައް އޮއްސައިލިއެވެ. 

ދުންފަތާ ދެކޮޅު މަސައްކަތުގައި އައު ހަރުފަތެއް؛ ދުނިޔޭގެ ސަމާލުކަން 

ދުނިޔޭގެ ސަމާލުކަން ލިބުނު އަނެއްކަމަކީ ދުންފަތް ކޮންޓްރޯލުކޮށް މުޖުތަމައުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި މުހިއްމު ސިޔާސަތެއްގެ ގޮތުގައި މުޅި ދުނިޔެއިން ގަބޫލުކުރަމުންއައި ޖެނެރޭޝަނަލް ބޭން ނުވަތަ ވަކި އުމުރަކުން ފެށިގެން ހަގު އެންމެނަށް ދެމިގެންދަނިވި ގޮތަކަށް ދުންފަތް މަނާކުރުމުރުމުގެ ސިޔާސަތު އަމަލީ ގޮތުން ގާނޫނުގައި ލިޔެވިގެން ތަންފީޒުކުރަން ފެށި ގައުމަށް ރާއްޖެވުމެވެ. 

އެގޮތުން ނޮވެންބަރު 1، 2025 ވަނަ ދުވަހުން ފެށިގެން 2007 ވަަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހާއި އެ ދުވަހުގެ ފަހުން އުފަންވި އެންމެނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ރާއްޖޭގައި މަނާވީއެވެ. ޖީލުތަކެއް ދުންފަތުން މިންޖުކުރުމަށް ފިޔަވަޅުއެޅުނީއެވެ.  އެއާއެކު ރާއްޖެއަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ. 

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި، ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ އެހެނިހެން ޖަމްއިއްޔާ ޖަމާއަތްތަކުން ދިވެހި ސަރުކާރުގެ ހިތްވަރުގަދަ ނިންމުމަކީ ނަމޫނާ އެހެނިހެން ގައުމުތަކުން އެއަށް އަމަލުކުރުން ލާއިގު ނިންމުމެއް ކަމުގައި ސިފަކުރިއެވެ. 

ރަައްޔިތުންނާ ގާތުން ސަރުކާރު ހިންގުމުގެ މިސާލު ފެނުނު 

2025 ވަނަ އަހަރަކީ ރައްޔިތުންނާ ގުޅުން ކެނޑިފައި ތިއްބަވައިގެން ވެރިން ސަރުކާރުތައް ހިންގަވަމުން ގެންދެވި ގޮތަށް އިންގިލާބީ ބަދަލެއް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންނެވި މަންޒަރު ދިވެހިން ދުށް އަހަރެކެވެ. އެގޮތުން ރައީސްވަނީ 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކުރައްވަން ފެއްޓެވި ޒިޔާރަތް ފުރިހަމަކުރައްވައިފައެވެ. 

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ކައުންސިލުތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުއައްސަސާތަކާ ބައްދަލުކުރެއްވިއެވެ. ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ އަޑުއައްސަވައި ހިޔާލުތައް ހޯއްދެވިއެވެ. 

އަހަރު ނިމެންދިޔައިރު މާލޭ ސަރަހައްދުގެ ހުރިހާ އަވަށެއްގަައި ދިރިއުޅޭ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމުގެ ބައްދަލުވުންތަކެއް ބޭއްވެވިއެވެ. ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ. 

ސަރުކާރު ހިންގަވަމުންގެންދަވަނީ މި ބައްދަލުވުންތަކުގައި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަތް ހިޔާލުތަކާއި ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށް ބައްލަވަައިގެން، ރައްޔިތުންގެ އިހުސާސްތަކަށް ރިއާޔަތްކުރައްވައި، ފުރިހަމައަށް ރައްޔިތުންގެ ބައިވެރިވުން އޮންނާނެ ގޮތަށެވެ. 

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް 

ފާއިތުވި އަހަރަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތުގައި ތާރީހީ ކާމިޔާބުތަކެއް ހާސިލުކުރެވުނު އަހަރެކެވެ. އެގޮތުން 2024 ވަނަ އަހަރު ފެށި އޮޕަރޭޝަން ކުރަގިގެ ދަށުން 200،000 އަށްވުރެ ގިނަ ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވުނެވެ. އަދި ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓުކުރެވުނެވެ. ގާތްގަނޑަކަށް 10،000 އެއްހައި ބިދޭސީން ޑީޕޯޓުކުރެވުނެވެ. އެއީ 2018 އިން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ފާއިތުވި ފަސް އަހަރު ޑީޕޯޓުކުރި ބިދޭސީންނަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ. 

އޭގެ އިތުރަށް އަހަރު ނިމުނުއިރު ރާއްޖޭގެ ގާނޫނުތަކާ ހިލާފަށް ބިދޭސީން ހިންގަމުން އައި ވިޔަފާރިތައް ހުއްޓުވުމުގެ ހާއްސަ އޮޕަރޭޝަނެއް އޮތީ ފެށިފައެވެ. މަހެއްހައި ދުވަހުގެ ތެރޭގައި ނުގަވާއިދުން ބިދޭސީން ހިންގަމުން އައި 70 އެއްހައި ވިޔަފާރި ބަންދުކުރެވުނެވެ. 

މާލީ ކަންކަން ރަނގަޅު މިސްރާބަށް 

ދައުލަތުގެ މާލީ ކަންކަން ވަރަށް ބޮޑަށް ބޮއްސުންލާފައި އޮއްވަައި ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ޑރ.މުޢިއްޒު ފެއްޓެވި އެއް މަސައްކަތްޕުޅަކީ މާލީ ކަންކަން ހަމަމަގަށް އެޅުއްްވުމެވެ. 2025 ވަނަ އަހަރަކީ އެ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދުނު އަހަރެކެވެ. 45 ހަފުތާ ބަޖެޓުގެ ދަރަންޏެއް ނެތި އަރަނީގައި ހިންގާފައިވެއެވެ. އަދި ދައުލަތުގެ މާލީ ކަންކަން ހަމަމަގަށް އެޅުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރަކީ 2020 ގެ ފަހުން ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންނުޖެހި ނިންމައިލެވުނު ފުރަތަމަ އަހަރެވެ. 

އަހަރު ނިމިގެންދިޔައިރު މާލީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައި އޮތް ހާލަަތު ބަދަލުވަމުން އަންނަކަން ދުނިޔެއިންވެސް ބަލައިގަނެފައިވެއެވެ. އެގޮތުން ފިޗްއިން ރާއްޖޭގެ ކްރެޑިޓް ރޭޭޓިންގެ އައުޓްލުކް ނެގެޓިވްއިން ސްޓޭބަލްއަށް ބަދަލުކޮށް، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އިއާދަކުރެވުނެވެ. 

ރައްޔިތުންނަށް ލުއިތަކާއި ކުރިއެރުން 

އަހަރު ފެށުނުއިރު ރައްޔިތުން އުންމީދުނުކުރާ ގިނަ ލުއިތަކެއް 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރައްޔިތުންނަަށް ލިބިގެން ގޮސްފިއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި އިސްލާމިކް ބޭންކް އޮފް މޯލްޑިވްސްއިން ލުއި ގޮތެއްގައި ހައުސިން ލޯނު ދޫކުރަން ފެށިއެވެ. %5 ފައިދާގައި ދޫކުރާ "ހިޔާވަހި ފައިނޭންސް"ގެ 700 އަށްވުރެ ގިނަ ލޯނު އެޕްރޫވުކޮށްފައިވެއެވެ. 

އޭގެ އިތުރަށް ބީއެމްއެލްގެ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުގެ ލިމިޓުތަކަށް މި އަހަރު ހެޔޮ ބޮޑު ބަދަލެއް ގެނެވި ބޮޑެތި ލުއިތަކެއް ލިބިފައިވެއެވެ. ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި 3،000 ޑޮލަރާ ހަމައަށް ޑެބިޓު ކާޑުތަކުން މިހާރު މުއާމަލާތްކުރެވެއެވެ. މިއީ ބޭސްފަރުވާއަށް ދާ މީހުންނާއި އެހެނިހެން ކަންކަމުގައި ރާއްޖެއިން ބޭރަށް ދާ ގިނަ ބަޔަކަށް  ލިބުނު ލުޔެކެވެ. 

ރައްޔިތުންނަށް ލިބުނު ކުރިއެރުންތަކަށް ބަލާއިރު ދައުލަތުގެ ޕޭ ހާމަނައިޒްކުރުމުގެ ސިޔާސަތުގެ ދަށުން ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ އިތުރަށް ލޯކަލް ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރެވުނީވެސް 2025 ވަނަ އަހަރުއެވެ. 

މި އަހަރަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓައި، މާލީ ހިދުމަތްތަކަށް ރައްޔިތުންނަށް އޮންނަ އެކްސެސް ނުވަތަ ހިދުމަތްތަކަށް ވާސިލުވުމުގެ މަގުތައް އިތުރަށް ފުޅާކުރެވުނު އަހަރެކެވެ. އަދި ހުރިހާ އަތޮޅަކަށް އެމްއައިބީ އޭޓީއެމްގެ ހިދުމަތްވެސް ފުޅާކުރެވުނެވެ. 

އޭގެ އިތުރަށް ޕާސްޕޯޓު ހެއްދުމާއި އައިޑީ ކާޑުގެ ހެއްދުމުގެ ހިދުމަތް ހުރިހާ އަތޮޅަކުން ލިބޭނެ އިންތިޒާމު ހަމަޖެހި އިތުރު ފަސޭހަތަކެއް ރައްޔިތުންނަށް މިއަހަރު ލިބުނެވެ. 

މުހިއްމު ގާނޫނުތަކެއް ވުޖޫދުކުރެވުނު 

މި އަހަރަކީ ދައުލަތް ހިންގުމާއި އިގުތިސާދީ ކަންކަން ހަރުދަނާކުރުމަށް މުހިއްމު ގާނޫނުތަކެއް ވުޖޫދުކުރެވުނު އަހަރެކެވެ. އެއީ ޒަމާނީ އިންވެސްޓުމެންޓު ގާނޫނާއި، ކޮޕީ ރައިޓްސް ގާނޫނާއި، ޒަކާތުގެ ގާނޫނު ފަދަ އެތައް އައު ގާނޫނެކެވެ. އަދި ޖިނާއީ ކުށްތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތަށް ބާރުދިނުމުގެ ގޮތުން މި އަހަރު ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނު ވުޖޫދުކުރެވުނެވެ. 

އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމާ ބެހޭ ގާނޫނެއް ވުޖޫދުކުރެވި އެ ގާނޫނުގެ ދަށުން އައްޑޫގެ ބައެއް ރަށްރަށުގެ ރައްޔިތުން އައްޑޫ ސިޓީގައި ދެމި ތިބުމާމެދު ދެކޭ ގޮތް އޮޅުންފިލުވައި ރައްޔިތުން އެދުނު ބަދަލުތައް ގެނެސްދެވިއްޖެއެވެ. 

އައު ގާނޫނުތަކުގެ އިތުރަށް ގާނޫނުތަކަށް ގެނެވުނު މުހިއްމު އިސްލާހުތައް ބައިވަރެވެ. މަސްތުވާތަކެތި އެތެރެކޮށް އެއިން ވިޔަފާރިކޮށް ފައިދާ ހޯދާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހެވެ. ޓައުންޝިޕް މަޝްރޫއުތަކަށް މަގުފަހިވާ ގޮތަށް އެސްއީޒެޑް ގާނޫނަށް ގެނެވުނު އިސްލާހެވެ. 

މި ހުރިހާ ބަދަލުތަކަކީ ދިވެހި ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކޮށް، އިގުތިސާދުގެ އަސާސްތައް ހަރުދަނާކޮށް، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމެވެ. މި ގާނޫނުތަކާއެކު އެ މިސްރާބަށް ކުރާ ދަތުރުގައި ބޮޑު ރާސްތާއެއް ކަޑައްތުކުރެވިއްޖެއެވެ. 

ޑިޖިޓަލް ދިވެހިރާއްޖެއަށް ދަތުރު ފެށުނު 

2025 ވަނަ އަހަރު ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ "މޯލްޑިވްސް 2.0" ފެށުމެވެ. މިއީ ރާއްޖޭގެ ސަރުކާރުގެ ހިންގުން ޑިޖިޓައިޒްކޮށް، އިގުތިސާދީ މާލީ، އަދި އިދާރީ ކަންކަން އެންމެ ޒަމާނީ ފެންވަރަށް ގެނައުމަށް ފެށުނު ބުރަ މަސައްކަތެކެވެ. 

ސަރުކާރުގެ ކަންކަން ނިންމުމުގައި ފަރުދުންނަށް އޮންނަ ބާރުވެރިކަމާއި އިހުތިޔާރު ކުޑަކޮށް، އަވަސް ފަސޭހަ ހިދުމަތްތަކެއް ލިބޭނެކަން ކަށަވަރުކޮށް، ކޮރަޕްޝަނަށް ހުޅުވިފައި ހުރި ޖާގަތައް ބަންދުކުރުމަށް އެހީތެރިވާނެ މި ބޮޑު މަޝްރޫއުވާނީ ރާއްޖެއަށް ބޮޑު އިންގިލާބެއް ގެނުވާނެ މަޝްރޫއަކަށެވެ. 

2025 ގައި މޯލްޑިވްސް 2.0 މަޝްރޫއު ފަށައި، އެ މަޝްރޫއުގެ މުހިއްމު ބައެއް މަސައްކަތް މިހާރުވަނީ ނިމިފައެވެ. 2026 ވަނަ އަހަރު އޮންނާނީ ފާއިތުވި އަހަރު ބިނާކުރެވުނު އަސާސްތަކުގެ މަތީގައި ހަރުދަނާ ގޮތެއްގައި ޑިޖިޓަލް ގަވަނޭންސްގެ ނިޒާމު ތަރުތީބުކޮށް އިންތިޒާމުކުރުމެވެ. 

މީގެ އިތުރަށް، އައްޑޫގެ ޝަންގްރިއްލާ ރިސޯޓު ހުޅުވުމާއި، އެއާޕޯޓުތައް ތަރައްގީކުރުމާއި، ގައުމީ އެއާލައިނަށް ވައިޑްބޮޑީ މަތިންދާބޯޓެއް ހޯދައި އެއާލައިންގެ ހިދުމަތް ފުޅާކުރުމާއި، ރަށްރަށުގެ ބިން ހިއްކުމާއި، މާލޭ ސަރަހައްދުން ގެދޮރުވެރިކަން ފޯރުކޮށްދިނުމަށް ފެނުން ތިލަކުރާންޖެހުނު ހިކިފަސް ބިންތައް ހިއްކުމާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި މަޝްރޫއުތައް ފަށައި ޖުމްލަ 1،356 މަޝްރޫއެއްގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންގޮސް، މުޅި ރާއްޖެއަށް ތަރައްގީގެ އީދެއް ގެނުވި އަހަރެކެވެ. 

2025 ވަނަ އަހަރު ނިމިގެންދިޔައީ، ރައްޔިތުންގެ ބައިވެރިވުން އޮންނަ، ރައްޔިތުން އެދޭ ގޮތަށް ހިންގާ ސަރުކާރެއްގެ އަލި ސޫރަ ދައްކައިދެމުންނެވެ. ގިނަގުނަ އިސްލާހުތަކެއް ހަދިޔާކޮށްފައެވެ. އިޖުތިމާއީ އިގުތިސާދީ މައްސަލަތައް ހައްލުކުރުމުގައި މުހިއްމު ބިނާތަކެއްގެ ބިންގާ އަޅަައިދީފައެވެ. 2025 ވަނަ އަހަރު ފަސްދީ ދިޔައީ 2026 ވަނަ އަހަރާމެދު އުންމީދު އައުކޮށްދެމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު