ENGLISH

10 އޭޕްރީލު 2025

Advertisement

ބިލްބާއޯ އަތުން ރެއާލް ބަލިވެއްޖެ

05 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ބިލްބާއޯއާ ދެކޮޅަށް ރެއާލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

ސްޕެނިޝް ލީގުގައި ރަށުން ބޭރުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މިއީ ރެއާލް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވި ހަތަރު ވަނަ ފަހަރެވެ.

ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެ ޓީމުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު، ފުރަތަމަ ހާފުގައި ރެއާލަށް މާއެދެވޭ ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މި ހާފުގައި އެ ޓީމަށް ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު، ބިލްބާއޯ އިން ލީޑު ނެގީ އަލެކްސް ބެރެންގުއާ ވައްދާލި ލަނޑުންނެވެ.

އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ރެއާލަށް އެއްވަރުކޮށްދޭން ކީލިއަން އެމްބާޕޭ އަށް ރަނުގެ ފުރުޞަތެއް ލިބި ވަނީ ބޭކާރު ވެފައެވެ. ރެއާލަށް ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ފޮނުވާލި ބޯޅަ ބިލްބާއޯގެ ގޯލްކީޕަރު، ހުލެން އަގިރެޒަބަލާ މަތަކުރިއެވެ.

އޭގެ 10 މިނެޓު ފަހުން، ބެލިންހަމްގެ ގޯލުން ރެއާލް އެއްވަރުކޮށްފައިވަނިކޮށް، މެޗުގެ 80 ވަނަ މިނެޓުގައި ގޯރްކާ ގުރުޒޭޓާ ވަނީ ރެއާލްގެ ފެޑެރީކޯ ވަލްވާޑޭ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބިލްބާއޯ އަށް ގޯލު ޖަހައި މޮޅު ކަށަވަރުކޮށްދީފައެވެ.

މި ނަތީޖާއާ އެކު ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކުރަން ރެއާލަށް ލިބުނު ފުރުޞަތު ވަނީ ގެއްލުވާލައިފައެވެ. މި ވަގުތު އެއްވަނައިގައި ބާސެލޯނާ އޮތީ 16 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ރެއާލަށް ލިބިފައި ވަނީ 33 ޕޮއިންޓެވެ. ބިލްބާއޯ ވަނީ 16 މެޗުން 29 ޕޮއިންޓް ހަމަކޮށް، ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު