ENGLISH

01 ޖެނުއަރީ 2026

Advertisement

ލޯކަލް ކައުންސިލް އިންތިޚާބު: ކެނޑިޑޭޓުންގެ ފޯމު ބަލައިގަންނާނީ އޮންލައިންކޮށް

01 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

އިލެކްޝަން ކޮމިޝަނުގެ އޮފިޝަލުން އިންތިޚާބެއްގައި ވޯޓު ގުނަނީ. --ފޮޓޯ:އިލެކްޝަން ކޮމިޝަން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅަން ޖެހޭނީ، އޮންލައިންކޮށް ކަމަށް އިލެކްޝަން ކޮމިނަނުން ބުނެފި އެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެއްވެސް ކަރުދާސް ފޯމެއް ބަލައި ނުގަންނާނެ ކަމަށާއި، އޭގެ ބަދަލުގައި ފޯމު ހުށަހަޅަންވާނީ، އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް ކަމަށާއި، ފޯމާއެކު ކުށާއި ދަރަނީގެ ރެކޯޑު ވެސް އެ ޕޯޓަލަށް ހުށަހެޅޭނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަނުން ބުނީ، އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުން ކުރިން، ތާއީދު އޮތްކަން ހާމަކޮށްދޭން ސޮއި ހޯދުމަށްފަހު ފޯމު ހުށަހަޅަން ޖެހުނު ނަމަވެސް މި އިންތިޚާބުގައި ފޯމު ހުށަހެޅުމުން، އެ ކެންޑިޑޭޓުން މައުލޫމާތު ފޮނުވާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ތާއީދު ކުރުމުގެ ރިކުއެސްޓް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ ރެކޯޑުތައް ނެގޭނެ އިންތިޒާމު ޑީޖޭއޭގެ ޕޯޓަލް މެދުވެރިކޮށް އަދި ކަރެކްޝަނަލް ސަރވިސްއަށް މެއިލް ކޮށްގެންނާއި، މީރާއިން ޓެކްސް ކްލިއަރެންސް ނެގޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށެވެ.

އިންތިޚާބަށް ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުގެ ކުރިން ޕޯޓަލް ހުޅުވާލައި، ފޯމު ހުށަހަޅާނެ ގޮތުގެ ތަފްސީލީ ގައިޑް ލައިނެއް އާއްމު ކުރާނެ ކަމަށާއި، ޕޯޓަލް ހުޅުވާލުމުން ކޮންމެ ކެންޑިޑޭޓަކަށްވެސް ފޯމު ފުރިހަމަކޮށް ޕޯޓަލްގައި ސޭވް ކުރެވުނު ނަމަވެސް ފޯމު ހުށަހެޅޭނީ، އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް ހުޅުވާލުމުން ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުން ބުނީ، ފޯމު ހުށަހެޅުން އޮންލައިން ނިޒާމްއަށް ބަދަލުކޮށް،އެކަމާ ގުޅޭ މައުލޫމާތު މިހާރު ސިޔާސީ ޕާޓީތަކާ އެކު ހިއްސާކުރެވިފައިވާނެ ކަމަށެވެ. އެގޮތުން my.elections.gov.mv މެދުވެރިކޮށް ކެންޑިޑޭޓުން އެޕްލިކޭޝަން ފޯމު ހުށަހަޅާނެ ގޮތާއި، ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ކެންޑިޑޭޓުން އެންޑޯޒްކުރުމަށް ޕާޓިތަކުން އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތުމވެސް އެ ފަރާތްތަކަށް ހިއްސާކޮށްފައިވާނެ ކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ.

އިންތިޚާބާށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ދުރާލައި ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމަށް އެދި ސިޔާސީ ޕާޓީތަކުން ބާރުއަޅައިދިނުމަށާއި، އިންތިޚާބަށް ކުރިމަތިލުމަށް އެދި އޮންލައިންކޮށް ފޯމު ހުށަހެޅުމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމަށް ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރެވިފައިވާކަމަށް އިލެކްޝަނުން ބުންޏެވެ.

ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކުރުމަކީ، އެ ކޮމިޝަނުން ދެމުންގެންދާ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއް ކަމަށް އެ ކޮމަޝަނުން ވަނީ ބުނެފަ އެވެ. މިހާރު ބާއްވަމުންއަންނަ އިންތިޚާބުތަކުގައި އޮފިޝަލުންގެ ފޯމުތަކާއި، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ފޯމުތައްވެސް ޕޯޓަލް މެދުވެރިކޮށް އަންނަނީ ބަލައިގަންނަމުންނެވެ. 

މީގެ އިތުރުން އެ ކޮމިޝަނުން ދެމުން އަންނަ ހިދުމަތްތަކާއި، ލޯކަލް އިންތިހާބަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން އިލެކްޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއީ، ކެންޑިޑޭޓުންގެ ފޯމު ޑިޖިޓަލްކޮށް ބަލައިގަންނަ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު