ENGLISH
01 ޖެނުއަރީ 2026
އެތެރެކުރާ މުދަލުގެ އަގު ކަނޑައެޅުމުގެ އުސޫލުތައް ކަސްޓަމްސްއިން ހަރުދަނާކޮށްފި
01 ޖެނުއަރީ 2026
|
މާލޭގެ ވިޔަފާރި ބަނދަރު. ފޮޓޯ: އެމްޕީއެލް
މުދަލުގެ އަގު ކަނޑައެޅުމުގެ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ނެރުނު ނޫސް ބަޔާނެއްގައިވަނީ، ކަސްޓަމްސްގެ ގާނޫނުގެ 63 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) "އެގްރީމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" އާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުސޫލެއްކަމަށް ބަލާނީ، އެ މުދަލެއްގެ މުއާމަލާތުގެ އަގު ނުވަތަ "ޓްރާންސެކްޝަން ވެލިއު" އަށް ބަލައިގެން އަގު ކަނޑައެޅުން ކަމަށެވެ.
އެހެންކަމުން، ވެރިފައަބަލް ލިޔެކިއުމާއެކު މުދަލުގެ އަގު ކަނޑައެޅުމަށް ކަސްޓަމްސް އަށް ހުށަހެޅުމުން އެ އަގު ގަބޫލުކުރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ވެރިފައަބަލް ލިޔެކިއުން ހުށަހަޅާފައި ނުވާނަމަ، އިސްވެ ދެންނެވި އެގްރީމެންޓަށް ރިއާޔަތްކޮށް، ކަސްޓަމްސް އަށް ހުށަހެޅި އަގު 25 އިންސައްތައަށް ވުރެ ބޮޑުކުރަންޖެހިއްޖެނަމަ، ވެރިފަރާތުން ރިކުއެސްޓް ނުކުރިނަމަވެސް އެ މުދަލާ ގުޅޭގޮތުން ކަސްޓަމްސް އިން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުހަލާއެއް ކުރިއަށްގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ ޕްރޮސެސްއެއް 1 ޖަނަވަރީ 2026 އިން ފެށިގެން ގާއިމުކުރެވިގެންދާނެ ކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.
މީގެއިތުރުން، ކަސްޓަމްސް އިން ބުނީ، ބަދަލުކުރެވޭ އަގު، ހުށަހެޅި އަގުގެ 25 އިންސައްތައަށްވުރެ ކުޑަނަމަ، މިހާރުވެސް އަމަލުކުރާ އުސޫލުން 3 މަރުހަލާއެއްގައި، އެ އަގު ރިވިއުކޮށްދިނުމަށް ރިކުއެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މި ބަދަލު ގެނެސްފައި މިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ބޭއްވި ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްއަށް ވެރިފައަބަލް ލިއެކިއުމާއެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށްވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި ވިޔަފާރިވެރިން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވުމާ ގުޅިގެން އެކަން ހައްލުކޮށްދެއްވުމުގެ ގޮތުންނެވެ.
އެ ބައްދަލުވުމުގައި ވިޔަފާރިވެރިންނާ މުހާތަބުކުރައްވާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކޮންމެ ކަމެއް އެމަނިކުފާނު ކޮށްދެއްވާނެ ކަމަށެވެ. އަދި ގާނޫނާއި އުސޫލުތައް ބަދަލުކޮށްގެން ވެސް ގެނެސްދެވެން އޮތް ހައްލުތައް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްެވި އެވެ. އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ އެއީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.