ENGLISH

01 ޖެނުއަރީ 2026

Advertisement

ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސްގެ ޚާއްޞަ މަންދޫބު ބައިވެރިވެވަޑައިގެންފި

01 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސްގެ ޚާއްޞަ މަންދޫބު ބައިވެރިވެވަޑައިގަތުން --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބޭއްވި ޖަނާޒާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބައިވެރިވެވަޑައިގެންފި އެވެ.

މި ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ބަންގްލަދޭޝްގެ ދާކާގައެވެ.

ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ވަނީ، ރައީސުލްޖުމްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ވަގުތީ ޗެއަރމަން ތާރިޤު ރަޙްމާނަށާއި ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނަށް ތަޢުޒިޔާ ރައްދު ކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ ޑޮކްޓަރ ޢަލީ ޙައިދަރު ވަނީ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ޒިޔާރަތް ކުރައްވަމުންގެންދެވި ނޭޕާލް، ބޫޓާން އަދި އިންޑިއާގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައި، ސަރަހައްދީ ގުޅުންތަކާއި މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ، ތިން ފަހަރެއްގެ މަތިން އެ މަޤާމު އަދާކުރައްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު