ENGLISH

01 ޖެނުއަރީ 2026

Advertisement

އާ އަހަރާއެކު އާރުޑީސީގެ އާ ލޯގޯ ލޯންޗު ކޮށްފި

01 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

އާ އަހަރާއެކު އާރުޑީސީގެ އާ ލޯގޯ ލޯންޗު ކޮށްފި އެވެ. 

އެ ކުންފުނިން އާ ލޯގޯ އާންމުކުރުމަށް ފަހު ބުނީ ލޯގޯ އިން ދައްކައިދެނީ ދިވެހިންގެ އަތްތެރިކަމުގެ އެންމެ އަސާސީ ބިންގައު ކަމަށެވެ. އެގޮތުން ދިވެހި ރުކުގެ ފަން ވިނުމުގެ ފުރަތަމަ މަރުހަލާ ފެންނަ މި ލޯގޯއިން އާރުޑީސީގެ އުފެއްދުންތެރިކަމާއި އިމާރާތްކުރުމުގެ ފެށުން ދައްކުވައިދޭ ކަަމަށެވެ. 

ދިވެހިރާއްޖޭގެ އާދަކާދަ އާއި ސަގާފަތުގައި ދިވެހި ރުކުގެ ފަނުން ވިޔެފައިވާ ފުރާޅުތަކާއި ފާރުތަކަކީ ކާބަފައިން ދިރިއުޅުމުގެ ކަންކަމަށް އޭރު ބޭނުންކޮށްފައިވާ އެންމެ މުހިންމު އެއް ވަސީލަތެވެ. އޭރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ފެނިގެންދިޔައީ ފަނުން ވިޔެފައިވާ ގެތަކާއި ފުރާޅުތަކެވެ.

ފަން ވިޔުމުގައި ކޮންމެ ފަތެއް އަނެއް ފަތަކާ ގުޅި، ބާރުވެރިވެ، އެކުގައި ވަރުގަދަ އެއްޗަކަށް ވެގެންދެ އެވެ. މިއީ ދިވެހިންގެ ދިރިއުޅުމުގައި ފެންނަ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރަމްޒެކެވެ. 

މިއަދު އާރުޑީސީ ރީބްރޭންޑް ކުރުމުގައި މި ވިޔުމުގެ ފަންނުން "އިންސްޕިރޭޝަން" ލިބިގަންނަނީ ގެދޮރު އިމާރާތްކުރުމަށް ބޭނުންކުރި ދިވެހި ރުކުގެ ފަނުންއެކުލެވިގެންވާ މުހިންމު މާނަތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ފަން ވިނުމުގެ ފުރަތަމަ ފަންވަތް މަޅާލުމުން ފެށިގެން ނިޒާމެއް އުފެދިގެންއަންނަ ގޮތް ދައްކުވައިދޭ މި ލޯގޯއަކީ ކުންފުނީގެ މަސައްކަތުގެ ވާހަކަ ކިޔައިދޭ ލޯގޯއެއް ކަމަށާ އެ ކުންފުނިން ކުރާ ކޮންމެ މަސައްކަތަކީވެސް ބިންގަލެއް އެޅުމަށް އަދި ގުޅުންތަކެއް އުފެއްދުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ބުނީ އެކަކު އަނެކަކާ އެކުވެރިކަން އާލާކޮށް ގުޅުންތައް ވަރުގަދަވުން އެއީ މި ލޯގޯގެ އެއް މާނަ ކަމަށެވެ.

ވިޔުމުގެ ޕްރޮސެސްގައި ކޮންމެ ފަންވަތެއް އަނެއް ފަންވަތާއި ގުޅި، އެއްބާރުލުން ދީ، އެހީތެރިވެދޭ ފަދައިން، އެ ކުންފުނިން ވެސް ފެންނަނީ އެފަދަ ގުޅުންތަކާއި މުވައްޒަފުންގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ގާތްކަމުގެ ގުޅުން ކަމުގައިވެސް ބުނެފައިވެ އެވެ. އާރުޑީސީން ޚިދުމަތް ފޯރޮކޮށްދޭ ފަރާތްތަކާއި މުވައްޒަފުންނާއި ދެމެދުގައި އޮންނަ ގާތް ގުޅުމާއި މުޖުތަމައުއަށް ކުންފުނިން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި އޮންނަ ގާތް ގުޅުންވެސް ލޯގޯއިން ރަމްޒުކޮށްދެ އެވެ.

މީގެ ކޮންމެ ގުޅުމަކީވެސް ކުންފުނީގެ ކޮންމެ ޑިޕާޓްމަންޓަކުން ވެސް ކުރާވަކިވަކި މަސައްކަތްތަކާއި އެކުވެގެން އުފެދޭ ވަރުގަދަ ގުޅުމެއް ކަމާއި ދިވެހި ރުކުގެ ފަނުން ވިޔެފައިވާ ފުރާޅެއް ފަދައިން، މި ކުންފުނީގައި ކޮންމެ މުވައްޒަފެއްގެ  ދައުރަކީވެސް ކުންފުނީގެ ކޮންމެ މުއައްޒަފެއްގެ އެކުވެރިކަމާއި އެކަކު އަނެކަކާއި އޮންނަ ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ކުންފުނީގެ ކޮންމެ މުއައްޒަފަކީވެސް އެކުވެރި މާހައުލެއްގައި މައްސައްކަތް ކުރަމުން އަންނަ މުއައްޒަފެއް ކަމަށް ބުނެފައިވެ އެވެ.

މި ކުންފުނީގެ ލޯގޯގައި ހަ ކަން (ހެކްސަގޮން) މި ބައްޓަމުން ދައްކުވައިދެނީ ކުންފުނީގެ ހަރުދަނާކަމާއި، ބިންގަލުގެ ވަރުގަދަ ކަމެވެ. 

"ރީބްރޭންޑްކުރުމުގެ މި މަސައްކަތަކީ އަޅުގަނޑުމެންގެ ކުންފުނީގެ އާފެށުމެއް. ދިވެހި އަތްތެރިކަމުގެ ފުރަތަމަ މަރުހަލާއިން ފެށިގެން، މިކުންފުނިވެސް އާ ފޮޅުވަތެއް ލިޔަމުން މިދަނީ އެ އަސާސީ ހަމަތަކުގެ މައްޗަށްބިނާކޮށް. މި ލޯގޯއަކީ މި ކުންފުނީގެ މާޒީއާއި މުސްތަޤްބަލު ގުޅުވައިދޭފާލަމެއް," އާރުޑީސީން ބުނެފައިވެ އެވެ.

އާރުޑީސީ އުފެއްދި މަޤްޞަދަކީ މަގުތައް ހެދުމާއި، ދާލަންތައް މަރާމާތުކޮށްބެލެހެއްޓުމާއި، ހައިވޭތަކާއި ކޯޒްވޭތައް ހެދުމާއި، އިމާރާތްކުރުމާއިއިމާރާތްކުރާ ސާމާނު ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު