ENGLISH
01 ޖެނުއަރީ 2026
މި އަހަރުވާނީ ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި ކާމިޔާބު ޙާސިލުކުރާނެ އަހަރަކަށް: ރައީސް
01 ޖެނުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ތަގްރީރު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ޙާޞިލުކުރައްވާނޭ އަހަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގަ އެވެ.
ދިވެހީންނަކީ، އެއް އަހަރަށްވުރެ ގިނަ ކުރިއެރުން އަނެއް އަހަރު ޙާޞިލުކުރެވޭތޯ މަސައްކަތްކުރާ، އަދި ތަމައްދުނާއި ތަރައްޤީއަށްޓަކައި އަޅާ ކޮންމެ ބިންގަލެއްގެ މަތީ ކުރާ ބިނާތައް ފުރިހަމަކޮށް ވަރުގަދަކުރެވޭތޯ ކޮންމެ އަހަރަކުމެ ހިންމަތްކުރާ ބައެއްކަން، ތާރީޚުން ސާބިތުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަދި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ، ވަފާތެރި، ޤާބިލު ދިވެހި ދަރީންތަކެއް ބިނާކޮށް، ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ސަފަށް ނިކުމެ ހިންދެމިލުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒަށް ދަތުރުކުރުމުގައި އިތުރު ކާމިޔާބުތަކެއް ހޯދުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"މާތްﷲގެ ވާގިފުޅާއެކު، މިއަހަރު ވާނީ، ދިވެހި ރައްޔިތުން އެދޭ އަމާޒަށް ޤައުމު ގެންގޮސްދިނުމުގައި އިތުރު ކުރިއެރުމާއި ކާމިޔާބީ ހާސިލު ކުރާނޭ އަހަރަކަށެވެ,"
އަންނަ އަހަރަކީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރޭ މުނާސަބާ ދިވެހީންނާ ބައްދަލުކުރާ އަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚުގެ ގޮތުގައި ސިފަކުރައްވާފައެވެ.
"މިއީ، ތާރީޚީގޮތުން ވަރަށް މުހިންމު މުނާސަބާއެއް ދިވެހީންނާ ބައްދަލުކުރާނޭ އަހަރެކެވެ. އެއީ، ރާއްޖެ އިސްލާމްވިތާ ހިޖުރީގޮތުން 900 އަހަރު ފުރުމެވެ. މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަތުހުރި އެއް ތާރީޚެވެ,"
އަދި ކޮންމެ އައު އަހަރަކީވެސް، ފަރުދީގޮތުންނާއި އިޖުތިމާޢީ ގޮތުން ތިމާއަށް، ޤައުމަށްޓަކައި ކޮށްދެވޭނީ ކޮން ޚިދުމަތްތަކެއްތޯ ވިސްނައި، އެންމެންގެ ލާބަޔާއި މަންފާއަށްޓަކައި މަސައްކަތްކުރުމަށް ޢަޒުމު އައުކުރުމުގެ ވަގުތުކަންވެސް އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ހަނދުމަފުޅުކޮށްދެއްވާފައެވެ.