ENGLISH
31 ޑިސެމްބަރު 2025
ޔާމީން މަރާލި މައްސަލަ އަލުން ބަލަނީ، ހައިޝަމްއާ ޒިހާން އަލުން ބަންދަށް
31 ޑިސެމްބަރު 2025
|
ޔާމީން ރަޝީދު --
ސ.ފޭދޫ، ޗަބޭލީގެ ޔާމީން ރަޝީދު މަރާލި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މީގެ 8 އަހަރު ކުރީން 23 އެޕްރީލް 2017 ދުވަހުގެ ވަގުތެއްގައި ސ.ފޭދޫ، ޗަބޭލީގެ ޔާމީން ރަޝީދުގެ ދިރިއުޅޭ ގެއަށް އޭނާ ވަތް ވަގުތު އޭނާ ހިފަހައްޓާ ތޫނު ހަތިޔާރުން ޙަމަލާދީ ރަޙުމް ކުޑަގޮތަކަށް މަރާލާފައިވާ މައްސަލައިގައި ހަ މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ.
ނަމަވެސް ހަތަރު މީހެއްގެ މައްޗަށް ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި އެވެ. ކުށްވެރިވެ އުމުރު ދުވަހުގެ ޖަލު ހުކުމެއް އައީ ހ. އަންނާރުމާގެ އިސްމާޢީލް ހައިޝަމް ރަޝީދުއާއި ހުޅުމާލެ ގޯތި ނަންބަރު 11399 އަޙްމަދު ޒިހާން އިސްމާޢިލްގެ މައްޗަށެވެ. ނަމަވެސް އެ ނިންމުން ހައިކޯޓްގައި އިސްތިއުފާނު ކުރުމުން ކްރިމިނަލް ކޯޓްގެ ނިންމުން ބާތިލުކޮށް ހައިކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
އެއީ އެ މައްސަލައާ ގުޅޭ ހުރިހާ ކަމެއް އަލުން ބެލުމަށެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މިރޭ ބުނީ ހައިކޯޓްގެ ނިންމުމާއި ގުޅިގެން ހައިޝަމް އާއި ޒިހާންގެ ބަންދާމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓަށް ތަޙްވީލްކުރި މައްސަލައިގެ ޝަރީޢަތް ނިމެންދެން އިސްމާޢީލް ހައިޝަމް ރަޝީދުއާއި، އަޙްމަދު ޒިހާން އިސްމާޢިލް ބަންދުކުރަން އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.