ENGLISH
31 ޑިސެމްބަރު 2025
ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށް
31 ޑިސެމްބަރު 2025
|
ކްރިމިނަލް ކޯޓް --
ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި އެވެ.
މިއީ 2020 ވަނަ އަހަރު އެކި ދުވަސްމަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް ރުޤްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށް ދަޢުވާކުރުމަށް 30 ޑިސެންބަރު 2020 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓަށް ހުށެހެޅި 12 ދަޢުވާވެސް ސާބިތުވާކަމަށް ކަނޑައަޅާ ކޯޓުން މިއަދު ވަނީ ޙުކުމްކޮށްފަ އެވެ. 25 އަހަރުގެ ޙުކުމެއް އައީ މުޙައްމަދު އަޞީލްގެ މައްޗަށެވެ.
އެގޮތުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށްލަށް ލުމަށާއި ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުމުގެ ދައުވާ ސާބިތާ ކަމަށް ކަނޑައަޅާ ހަތް އަހަރަށް ޖަލަށްލުމަށާއި ޖިންސީ ގޯނާކުރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ތިން އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމްކޮށްފަ އެވެ.
އަދި ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގައި ތިން އަހަރަށް ޖަލަށްލުމަށާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގައި އެއް އަހަރާއި 07 މަހާއި 06 ދުވަހަށް ޖަލަށްލުމަށާއި އަނިޔާއެއް ދިނުމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށާއި ގައިގައި އަތްލުމުގެ ކުށުގައި މަސް ދުވަހާއި އިތުރު ހަ ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ޖުމްލަ އަދަބަކީ 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލެވެ.
އިސްމާޢީލް ވަޙީދުގެ މައްޗަށް ސާބިތުވީ ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުމުގެ ކުށާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށާއި ގައިގައި އަތްލުމުގެ ދެ ދައުވާ އެކެވެ.
އޭނާ ހަ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.