ENGLISH
25 ޑިސެމްބަރު 2025
އެސްއެމްއީތަކަށް އުފާވެރި ހަބަރެއް؛ ކުރިއަށް އޮތް ދެ އަހަރު އެސްއެމްއީތަކަށް ހާއްސަ އިނާޔަތްތަކެއް ލިބޭނެ
25 ޑިސެމްބަރު 2025
|
ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމުގެ ތެރެއިން ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ސަރުކާރުން ދިނުމަށް ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު އެމަނިކުފާނު ނިންމަަވައިފިއެވެ.
ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތްތަކާއި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވުމަށް ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބައްދަލުކުރައްވައި، ރައީސް ޑރ.މުޢިއްޒު އެ ވިޔަފާރިތަކުގެ ކަންބޮޑުވުން އޮޅުންފިލުއްވާފައިވާ ކަމަށެވެ.
އަދި އެކަންބޮޑުވުންތަކާ ގުޅިގެން ވަގުތުން ހައްލުކޮށްދެއްވެން ހުރި ކަންކަން ބައްލަވައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއެކު އެ މައްސަލަތައް ހައްލުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށާއި، އެގޮތުން އެއިން ބައެއް ކަންކަން މިހާރުވެސް ތަންފީޒުކުރަން ފެށިފައިވާ ކަމަށެވެ.
އޭގެ އިތުރަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމުގެ ގޮތުން އެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން ދިނުމާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު، ހާއްސަ ލުއިތަކެއް އަދި އިނާޔަތްތަކެއް އަންނަން އޮތް ދެ އަހަރު އެ ވިޔަފާރިތަކަށް ދެއްވުމަށް ރައީސް ނިންމަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އިއްޔެގެ ކެބިނެޓުގެ ނިންމެވުމެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުގައި ރައީސް މަޝްވަރާކުރައްވައި، ސްޓާޓްއަޕްސްއަށް އަދި ކުދި ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދޭނެ ދެ އަހަރުގެ ގޮތުގައި ކުރިއަށް އޮތް ދެ އަހަރު ކަނޑައަޅާފައިވޭ. އޭގެ ތެރޭގައި ވިޔަފާރިވެރިން ރައީސްގެ އަރިހުގައި ފާހަގަކުރި ކަންބޮޑުވުންކާއި އޭގެ އިތުރަށްވެސް ބައެއް ކަންކަން ހިމެނިގެންދާނެ،" ސައީދު ވިދާޅުވިއެވެ.
ސައީދު ފާހަގަކުރެއްވި ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަމަޖެހޭ ލުއިތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން މުދާ އެތެރެކުރުމުގައި ހުރި ދަތިތައް ހައްލުކުރެވުމާއި، ވިޔަފާރިއަކާ ގުޅުންހުރި އެކި ދާއިރާތަކާ ވާހަކަދެކެވިގެން ވިޔަފާރިތަކުން ފާހަަގަކުރާ އަދި ސަރުކާރަށް ފާހަގަކުރެވޭ ކަންކަމަށް ހައްލު ގެންނަ ދެ އަހަރަށް އަންނަ ދެ އަހަރު ހެއްދެވުމަށް ރައީސް ނިންމަވާފައިވެއެވެ.
ރައީސް ޑރ.މުޢިއްޒުވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ގިނަ މައްސަލަތަކެއް ހައްލުކުރެއްވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އޭގެ ތެރޭގައި އެއާޕޯޓުގައި މުދާ ކްލިއާކުރުމުގެ ހިދުމަތްދޭ ވަގުތު އިތުރުކުރުން ހިމެނެއެވެ.