ENGLISH
25 ޑިސެމްބަރު 2025
އެސްއެމްއީ ޑިޖިޓަލްއިން ކަނޑު އުޅަނދުފަހަރަށް ހާއްސަކޮށް "ވެސަލް ފައިނޭންސިންގ" ތައާރަފްކޮށްފި
25 ޑިސެމްބަރު 2025
|
އެސްއެމްއީ ޑިޖިޓަލް އިން "ވެސަލް ފައިނޭންސިންގ" ތައާރަފްކުރުން--ފޮޓޯ: އެސްއެމްއީ
އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 'ވެސަލް ފައިނޭންސިންގ' ގެ ނަމުގައި އައު ފައިނޭންސިންގ ޕްރޮޑަކްޓެއް ތަޢާރަފްކޮށްފި އެވެ.
މި ފައިނޭންސިންގެ ދަށުން 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެކަމަށާއި އަދި ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމާއި، ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިނޭންސިންގ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 10 އަހަރާ ހަމައަށް އަނބުރާ ދެއްކުމުގެ މުއްދަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ. އަދި މި މުއްދަތުގެ ތެރޭގައި 18 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެކަމަށްވެސް ބުންޏެވެ.
އެސްއެމްއީ އިން ބުނީ، މި އައު ފައިނޭންސިންގ ފަރުމާކޮށްފައިވަނީ، ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ވިޔަފާރިތައް މުޅިން އަލަށް ފަށަން ބޭނުންވާ ފަރާތްތަކަށާއި، މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް އުޅަނދުފަހަރު ބަނުމަށާއި ނުވަތަ ގަތުމަށް އަދި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފައިވާ ގޮަތަށްކަމަށެވެ. އަދި މި ފައިނޭންސިންގ މެދުވެރިކޮށް މަސްވެރިކަމާއި، ޓޫރިޒަމް އަދި މުދާ އުފުލުމާއި، ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި އެއާ ގުޅޭ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ބުނެފަ އެވެެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ފައިނޭންސިންއަކީ ރާއްޖޭގެ އިޤްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކަނޑު އުޅަނދުފަހަރާއި ގުޅުންހުރި ސިނާޢަތްތައް ކުރިއެރުވުމަށް ހުޅުވާދެވުނު މުހިންމު މަގެއް ކަމަށެވެ. މީގެ ސަބަބުން އުޅަނދުފަހަރު ބަނުމާއި، ގަތުމާއި، އިންޖީނު އެޅުން ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގައި ވިޔަފާރިތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، އެ ބޭންކުގެ އަމާޒަކީ ހުރިހާ ދާއިރާތަކަކަށްވެސް ފަހި ފުރުސަތުތަކެއް ހޯދައިދީ، ޤައުމުގެ އިގްތިސާދު ހަރުދަނާ ކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުން ކަމަށެވެ.
މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ، އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.
މިކަމާ ގުޅުންހުރި އިތުރު މައުލާމާތު ބޭނުންވާ ފަރާތްތަކުން އެ ބޭންކުގެ ނަންބަރު 3026040 ނަންބަރާ ގުޅުމުން، ނުވަތަ އެ ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް މައުލޫމާތު ލިބޭނެކަމަށްވެސް އެސްއެމްއީ އިން ވަނީ ބުނެފަ އެވެ.