ENGLISH
25 ޑިސެމްބަރު 2025
ވަޒީފާ ބޭނުންވާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލަނީ
25 ޑިސެމްބަރު 2025
|
ވަޒީފާ ބޭނުންވާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުން--ފޮޓޯ:އިމިގްރޭޝަން
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ ތެރެއިން ވަޒީފާ ބޭނުންވާ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ބުނެފި އެވެ.
މިނިސްޓްރީ ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް 'އޮޕަރޭޝަން ކުރަނގި' ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިން މަސައްކަތްތައް މިނިސްޓްރީން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، އެ މިނިސްޓްރީއިން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން، ވަޒީފާދޭނެ ފަރާތެއްނެތް ބިދޭސީން ފޯމު ފުރިހަމަ ކުރުމަށްފަހު އެ ވުޒާރާއަށް ހުށަހެޅުމަށެވެ.
އެކުލަވާލާ ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބޭނުންވާ ބިދޭސީންނަށް، އެ އިންތިޒާމްތައް ވުޒާރައިން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދާނެކަމަށްވެސް ވުޒާރާއިން ބުންޏެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާފަރާތްތަކުން، 1485 ގުޅައި ނުވަތަ [email protected] އަށް އީމެއިލް ކުރުމުން މައުލޫމާތު ލިބޭނެ ކަމަށްވެސް ބުންޏެވެ.
ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރާ ބިދޭސީން ލީގަލައިޒްކުރުމަށް "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" އަންނަ މަހުގެ 1 އިން ފެށިގެން އަންނަ އޭޕްރީލް މަހުގެ 2 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.
މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ކުރެވޭ ބިދޭސީންގެ ޝަރުތުތަކަކީ؛
މިނިސްޓްރީން ބުނި ގޮތުގައި މިގޮތުން ވަޒީފާ ދޭނެ ފަރާތެއްހުރި، ލީގަލައިޒްވާން އެދޭ ބިދޭސީން ލީގަލައިޒްކުރުމަށް ހުށަހަޅާނީ، "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް، ވަޒީފާދޭ ފަރާތުން ކަމަށެވެ. އަދި ލީގަލައިޒްކުރުމަށް ސިސްޓަމް މެދުވެރިކޮށް ހުށަހަޅާނެ ގޮތުގެ ޔޫޒަރ ގައިޑް އެކްސްޕެޓް ސިސްޓަމް ހޯމް ޕޭޖަށް އަޕްޑޭޓް ކުރާނެ ކަމަށް ވެސް ބުންޏެވެ.