ENGLISH

25 ޑިސެމްބަރު 2025

Advertisement

އައު އަހަރު ފެށުމާ ގުޅިގެން ފުލުހުންގެ ހާއްސަ އޮޕަރޭޝަން ފަށައިފި

25 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ، ފޮޓޯ: ދިރާގު

ކޮންމެ އަހަރަކުވެސް އަހަރު ނިމި އައު އަހަރު ފެށެންދާއިރު ފުލުހުންގެ ހިދުމަތުން ހިންގާ ހާއްސަ އޮޕަރޭޝަން މި އަހަރުވެސް ފަށައިފިއެވެ. 

އޮޕަރޭޝަން "ރިވެލި"ގެ ނަމުގައި ހިންގާ މި އޮޕަރޭޝަނަކީ ކޮންމެ އަހަރަކުވެސް އަހަރީ ޗުއްޓީއާ ދިމާކޮށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނަކީ އުޅަނދުތައް ޗެކުކޮށް ބަނގުރާއާއި މަސްތުވާތަކެތި ހޯދައި އަތުލައިގަތުމަށާއި، ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަންދީގެން ހިންގާ އޮޕަރޭޝަނެކެވެ. 

ފުލުހުންގެ ހިދުމަތުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވެފައިވަނީ މި އަހަރުގެ އޮޕަރޭޝަން ޖަނަވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށެވެ. 

ފުލުހުން ބުނެފައިވާ ގޮތުން ރިވެލި އޮޕަރޭޝަން އެ ހިދުމަތުން ފެށީ އިއްޔެ 15:00 ގައެވެ. އަދި މި އޮޕަރޭޝަން ކުރިއަށްގެންދާ ވަގުތުތަކުގައި މާލޭ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަަކާތްތެރިވާނެ ކަމުގައިވެސް އެ ހިދުމަތުން ބުނެފައިވެއެވެ. 

ފުލުހުންގެ ހިދުމަތުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ކޮންމެ އަހަރަކުވެސް އަހަރު ނިމޭ ބޮޑު ޗުއްޓީއާ ދިމާކޮށް އެކި ބާވަތްތަކުގެ ކުށްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

އޭސީޕީ ޝަރީފު ވިދާޅުވި ގޮތުގައި މާލޭގެ އިތުރަށް މާލެއާ ކައިރި ބައެއް ރަށްރަަށާއި ރިސޯޓުތަކުގައިވެސް މި އަހަރު "ރިވެލި" އޮޕަރޭޝަނުގެ ދަށުން ބައެއް ހަރަކާތްތައް ކުރިަަށްގެންދާނެއެވެ. މާލޭގައި ވެހިކަލް ޗެކްކުރާ ޗެކް ޕޮއިންޓުތައް ގާއިމުކުރުމާއެކު، ވައްކަމާއި ފޭރުުން ހުއްޓުވުމަށް ސަމާލުކަންދީގެން މަސައްކަތްތަކެއް ކުރާނެއެވެ. އަދި ބަނގުރަލާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް ހާއްސަ އިސްކަމެއް ދޭނެއެވެ. 

އޭގެ އިތުރަށް އައްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފުވާ މީހުންނާއި، މީހުންނަށް އުދަގޫވާނެހެން ނުވަތަ ނުރައްކާވާނެހެން އެއްގަމު އުޅަަނދުފަހަރު ދުއްވާ މީހުން ހުއްޓުވައި ފިޔަވަޅުއަޅަމުންދާނެ ކަމުގައި ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު