ENGLISH
25 ޑިސެމްބަރު 2025
ސައިބާ ކުށްތަކާ ދެކޮޅު ގާނޫނެއް އެކުލަަވައިލަނީ
25 ޑިސެމްބަރު 2025
|
ކޮފީ ވިތް ދަ ޕްރެޒިޑެންޓް އިވެންޓުގައި ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި އިތުރުވަމުން އަންނަ ސައިބާ ކުށްތަކާ ދެކޮޅަށް ހާއްސަަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް އަންނަ އަހަރު ސަރުކާރުން ކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވަައިފިއެވެ.
ޒުވާނުންނާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާނުންގެ ގައުމީ ކޮންފަރެންސްގައި ކުރިއަށްގެންދިޔަ "ކޮފީ ވިތް ދަ ޕްރެޒިޑެންޓް" ބައްދަލުވުމުގައި އެ މައްސަލައާ ގުޅިގެން ވަރަށް ގިނަ ޒުވާނުންވަނީ ކަންބޮޑުވުން ހިއްސާކޮށްފައެވެ. ރައީސްވަނީ އެ ކަންބޮޑުވުންތައް އަޑުއައްސަވައި އެ މައްސަަލާގައި ސަރުކާރުން އަޅާނެ ފިޔަވަޅުތަކުގެ ތަފުސީލު ހާމަކުރައްވާފައެވެ.
އެގޮތުން އޮންލައިން މަންސަތަައް މެދުވެރިކޮށް ހިންގާ ސްކޭމުތަކާއި، އެފަދަ މަންސަތަކުގައި ހިންގާ ހަނގާކުރުން ފަދަ ނޭދެވޭ އަމަލުތައް އިތުރުވެ، އެކަމާމެދު އާއްމުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މިހާރު އޮތް ގާނޫނީ އޮނިގަނޑުގައި ސައިބާ ކުށްތައް ހުއްޓުވުމަށް ބޭނުންވާ ބާރުވެރިކަން އެކަށީގެންވާ ގޮތެއްގައި ތަންފީޒީ އިދާރާތަކަށް ފޯރުކޮށްދީފައި ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފާއިތުވި އަހަރު އަލަށް ގާއިމުކުރެވުނު ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީއަށްް މަސައްކަތްކުރެވޭނީ ރަނގަޅު ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކުލަވައިލެވިގެން ކަމަށެވެ.
އެހެންކަމުން އަންނަ އަހަރު އެކަމަށް ބޭނުންވާ ގާނޫނެއް އެކުލަވައިލުމުގެ އިތުރަށް ސައިބާ އިންސިޑެންޓް ރެސްޕޮންސް ޓީމެއް ގާއިމުކޮށް، އެ ދާއިރާއިން މަސައްކަތް ކުރުމަށް ބޭނުންވާ މާހިރުންނާއި ތަޖުރިބާކާރުން ބިނާކުރުމުގެ މަސައްކތްވެސް ކުރެވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ މައިގަނޑު ޒިންމާއަކީ ދިވެހި ދައުލަތާއި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުންހުރި ކަންކަމަށް ފާރަވެރި، ގައުމީ ފެންވަރުގައި ސައިބަރ ސެކިއުރިޓީ ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި މައިގަނޑު ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމެވެ.
އޭގެ އިތުރަށް ސައިބާ ސެކިއުރިޓީ ދާއިރާގަައި ރާއްޖެއިން އަމަލުކުރާނެ އުސޫލުތައް އެކަށައަޅައި، އެކަމުގައި ހިފަހައްޓާނެ މިންގަނޑުތައް ކަނޑައަޅައި ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަކީވެސް ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީގެ ޒިންމާއެކެވެ.