ENGLISH
25 ޑިސެމްބަރު 2025
ޓެލެގްރާފްގައި ރައީސްގެ ލިޔުއްވުމެއް؛ ބަޔާންކޮށްދެއްވީ އިނގިރޭސި ވުނޭރުންނަށް ރާއްޖެއިން ލިބެންހުރި ފުރުސަތުތައް
25 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: މުހައްމަދު އަފުރާހު،އޭއެފްޕީ
އިނގިރޭސިވިލާތުގެ ކޮންޒަަވޭޓިވް ފިކުރުގެ އެންމެ ބޮޑު އެއް ނޫސްކަމުގައިވާ "ދި ޑެއިލީ ޓެލެގްރާފް" ނުވަތަ "ދި ޓެލެގްރާފް"ގައި އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ލިޔުއްވުމެއް ޝާއިއުކޮށްފައިވެއެވެ. އެ ލިޔުއްވުމުގައި އެމަނިކުފާނުވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ސިފަކޮށްދެއްވުމާއެކު، އިގުތިސާދީ ގޮތުން ރާއްޖޭގައި އިނގިރޭސި އިންވެސްޓަރުންނަށް ނުވަތަ ވުނޭރުންނަށް ލިބެން ހުރި އެކި ފުރުސަތުތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްދެއްވާފައެވެ.
ރައީސްގެ ލިޔުއްވުން ފެއްޓެވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މަންފާ ދިވެހިންނަށް ލިބެމުންދާ ގޮތް ފުރަމާލެއިން ސިފަކޮށްދެއްވަމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެ ގުޅުވައިދޭ ބުރިޖާއި ހައިވޭއަކީ ޗައިނާއިން ރާއްޖެއަށް ދިން އެހީތެރިކަމުގައި ބިނާކޮށްފައިވާ އަގުހުރި ބިނާރަށްވާއިރު، މާލޭގެ އަނެއްކޮޅުގައި އިންޑިޔާގެ އެހީތެރިކަމާއެކު ޖެހިގެން އޮތް ތިން ރަށް ގުޅުވައިލުމަށް ބުރިޖު މަގެއް ތަރައްގީކުރަމުންދާ މަންޒަރު ފެންނާނެ ކަމެވެ.
21 ވަނަ ގަރުނުުގެ އެންމެ ވާދަވެރި ބޮޑު ދެ ބާރުން ރާއްޖޭގެ ވެރިރަށުގައި ހިންގަމުންދާ މި ބޮޑު ދެ މަޝްރޫއަކީ ފަތުރުވެރިން ދެކެން ބޭނުންވާ ހިތްގައިމު ގޮނޑުދޮށްތައް ކަމުގައިނުވި ނަމަވެސް މިއީ ދިވެހިންނަށްޓަކައި ދިވެހި ދައުލަތުން ތަރައްގީކުރަމުންދާ ހައިޓެކް ދިވެހިރާއްޖެކަން ރައީސް ފާހަގަކުރެއްވިއެވެ. އާބާދީގެ ގޮތުން ބައި މިލިއަނެއްހައި މީހުންގެ އާބާދީއެއް އޮތް މިގައުމަށް މިފަދަ މަޝްރޫއުތައް ހަގީގަތަކަށް ހެދެނީ އަމިއްލަ ސިޔާދަތަށް އިސްކަންދިނުމާއެކު، އަމަލީ ހާރިޖީ ސިޔާސަތެއް ހިންގަމުންދާތީކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށްވެސް ޖިއޯޕޮލިޓަކްސްގެ ފައިދާ ހޯދިދާނެކަމުގެ ހެއްކެއް ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ތަރައްގީކުރުމުގައި އިނގިރޭސިވިލާތުގެ ދައުރު ވަރަށް ބޮޑުކަމަށާއި، ފާއިތުވި އަހަރު އެކަނި އެ ގައުމުން 180،000 އަށްވުރެ ގިނަ ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިކަން ފާހަގަކުރައްވަމުން ރައީސް ލިޔުއްވާފައިވަނީ ދިވެހިން ދެމެހެއްޓެނެވި އުސްލޫބުތައް ބޭނުންކޮށްގެން ބާނާ މަސް އިނގިރޭސި ފިހާރަަކާއި ގެދޮރަށް ވާސިލުވެ، ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ އަގު އަހަރެއްގެ މައްޗަށް 20 މިލިއަން ޑޮޮލަރަށް އަރާ ކަމަށެވެ.
އިނގިރޭސިވިލާތާއި އިންޑިޔާއާއި ޗައިނާ ފަދަ ބޮޑު ބާރުތަކާއެކު ރާއްޖެއިން މުއާމަލާތްކުރި ނަމަވެސް ބައިނަލްއަގުވާމީ ބޮޑެތި މައްސަލަތަކުގައި ވަކި އަތަކަަށް ބުރަނުވެ، ވަކި ފަޅިއެއް ނުނަގައި ހަރަަކާތްތެރިވުމުގެ އިހުތިޔާރު އޮންނާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު ސިފަކުރައްވާ ގޮތަށް ޗައިނާއަކީ އިތުބާރުކުރެވޭ ތަރައްގީގެ ބައިވެރިޔާ ގޮތުގައި އިންޑިޔާއަކީ އެންމެ ގާތް އެއް އެކުވެރިޔާގެ ގޮތުގައި އަދި އިނގިރޭސިވިލާތަކީ ތަބީއީ ބައިވެރިޔާ ގޮތުގައި ސިފަކުރެއްވުމުގައި ފުށުއެރުންތަކެއް ނެތްކަމަަށްވެސް ރައީސް ވިދާޅުވިއެވެ.
އިނގިރޭސިވިލާތާއި ރާއްޖޭގެ މެދުގައި އޮތް ގުޅުމަކީ އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް ވަރަށް ގިނަ ދިވެހިންނަށް ވަރަށް ޕާސަނަލް ޒާތީ ގުޅުމެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ، މީގެ ތިން އަހަރު ކުރިން ފެށުނު ޔޫކޭ-މޯލްޑިވްސް ސްޓްރެޓެޖިކް ޑައިލޮގްގެ ތެރެއިން ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން އެކި ދާއިރާތަކުން ހާއްސަކޮށް ވިޔަފާރީގެ ދާއިރާއިން ވަރަށް ބޮޑަށް ފުޅާވަމުންދާ ކަމަށެވެ.
ޓޫރިޒަމް ދާއިރާގެ ބޭރުން އިނގިރޭސި ވިޔަފާރިތަކަށް ބަލައިހޯދޭން ގިނަ ދާއިރާތަކެއް ރާއްޖޭގެ އިގުތިސާދުގައި ފެންނަ ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީގައި، ޑިޖިޓަލް ކޮންޓެންތާއި، ޑިޒައިނާއި މީޑިޔާއާއި ގޭމިން އަދި އެނޫންވެސް އެކި އުފެއްދުންތެރި މަސައްކަތްތައް ކުރިއެރުވުމުގައި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހިދުމަތް އެކްސްޕޯޓުކުރާ ގައުމުގެ ހައިސިއްޔަތުން އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށް އަދާކުރެވޭނެ މުހިއްމު ދައުރެއް އެބައޮތް ކަމަށެވެ.
ދުނިޔޭގައި ޑިޖިޓަލް ގަވަނެންސްގެ އެއްވަނަ ގައުމަކީ އިނގިރޭސިވިލާތަށްވާއިރު، ޔޫކޭގެ ޓެކް ކުންފުނިތަކާއި ސޮފްޓުވެއާ ފޯރުކޮށްދޭ ފަރާތްތަކާއި، އީގަވަނެންސްގެ މާހިރުންނާއި ސައިބާ ސެކިއުރިޓީ ވިޔަފާރިތަކަށް ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިވެފައި އޮންނާނެކަން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް އިއާދަކުރަނަވި ހަކަތައާއި މަސްވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތައް ފާހަގަކުރެއްވިއެވެ. އަދި އިނގިރޭސި ވުނޭރުންނަށް ރާއްޖޭގެ އިގުތިސާދު އިތުރަށް ފުޅާކުރުމުގައި އިނގިރޭސި ވިޔަފާރިތަކުގެ ތަޖުރިބާއާއި އެކްސްޕާޓީސް ބޭނުންކުރެވޭނެ ގޮތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް އެމަނިކުފާނުވާނީ ހާރިޖީ ސިޔާސަތުގައި އިނގިރޭސިވިލާތަކީ ވަކި ފަޅިއެއް ނުނެގުމުގެ އެންމެ ވަރުގަދަ ނަމޫނާ ކަމުގައި ބެލެވިދާނެކަން ފާހަގަކުރައްވައި، އެމެރިކާއާއި ޔޫރަޕުގެ މެދުގައި ވަކި އަތަކަށް ބުރަނެވެ އޮތުމުގައި އިނގިރޭސިވިލާތުން ދައްކަމުންދާ ނަމޫނާއަށް ތާރީފުކުރައްވަމުން، އެއީ ރާއްޖެއިން ކުރިއަށްދާން އިހުތިޔާރުކުރާ މަގުގެ ގޮތުގައި ފާހަގަކުރައްވާފަައެވެ.