ENGLISH
25 ޑިސެމްބަރު 2025
ދީނާ ދުރަށް ބައެއް ޒުވާނުން ދާ ދިއުން؛ އެއިރުވެސް މިހާރުވެސް ރައީސްގެ ކަންބޮޑުވުމެއް
25 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އެ ދުވަސްވަރަކީ އަލަށް އިންޓަނެޓު ތައާރަފުވެ، އެކި ނަންނަމުގައި ބްލޮގުތައް ހަދައިގެން ދިވެހި ޒުވާނުން އެކި ކަންކަމާ ހިޔާލު ފާޅުކުރަން ފެށި ދުވަސްވަރެވެ. އެ ދުވަސްވަރު ދުނިޔޭގައި އެންމެ ގަދައަށް ފެތުރެމުން އައި އެއް އޮއިވަރަކީ "އައު އިލްހާދު" ނުވަތަ "ނިއު އެތިޒަމް"ގެ އޮއިވަރެވެ. މި އޮއިވަރުގައި ޖެހި އިސްލާމްދީނާ ދެކޮޅަަށް ބައެއް ދިވެހިންވެސް އިންޓަނެޓުގައި އެކި ނަންނަަމުގައި އެކި ހިޔާލުތައް ޝާއިއުކުރަމުންދިޔައެވެ.
މިދެންނެވުނު ދުވަސްވަރު ސައިންސާއި އިލްމާއި ފިކުރާއި ފަލްސަފާގެ އަލީގައި އިސްލާމްދީނުގެ ދިފާއުގައި ލިޔުންތައް ލިޔުއްވި ޒުވާނަކު އިނގިރޭސިވިލާތުގައި ކިޔަވައިވިދާޅުވިއެވެ. އެ ޒުވާނާގެ ބްލޮގުގައި، އައު އިލްހާދުގެ އޮއިވަރުގެ ތެރެއިން އުފަންކުރަމުންއައި ޝައްކުތަކާއި ވަހުމްތަކަށް ސައިންސާއި އިލްމުގެ އަލީގައި ރައްދުދެމުންދިޔައެވެ. އެއްވެސް މީހެއްގެ ޒާތަށް، ނުވަތަ ޝަަހުސަށް ހަމަލާއެއް ދިނުމެއް ނެތިއެވެ. މުޅިންވެސް އިލްމީ ގޮތެއްގައި، އެއްވެސް ކައްޓަރު ހަރުކަށި ގޮތެއް ނެތް، މަޑުމައިތެރި އޯގާތެރި އިބާރާތްތައް ބޭނުންކޮށްގެންނެވެ.
މިދެންނެވުނު ބްލޮގު ލިޔުއްވި ޒުވާނާއަކީ މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. މި ބްލޮގާމެދު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި "ދިޔަރެސް"އަށް ދެއްވި ބަސްދީގަތުމެއްގައި ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އެއިރު އެމަނިކުފާނު ކިޔަވައިވިދާޅުވާން އިނގިރޭސިވިލާތުގައި ހުންނެވި ދުވަސްވަރު ދީނާ ދުރު އޮއިވަރުތައް ދިވެހި ޒުވާނުންގެ މެދުގައި ފެތުރެމުންދާކަން ފާހަގަކުރެއްވި، އެކަމާ ދެކޮޅަށް އެމަނިކުފާނުގެ އަމިއްލަފުޅު ހައިސިއްޔަތުން ކުރެއްވެން އޮތް މަސައްކަތްޕުޅެއް ކުރައްވަން ބޭނުންފުޅުވީ ކަމަށެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޒުވާނުން މާލެއަށް ޖަމާވެ ކުރިއަށްގެންދިޔަ ޒުވާނުންގެ ގައުމީ ކޮންފަރެންސްގައި ޒުވާނުންނާއެކު ރައީސް ހޭދަކުރެއްވި ވަގުތުގައި ޒުވާނުން ކުރަމުންދިޔަ ސުވާލުތަކަށް ޖަވާބުދެއްވަމުންދަނިކޮށް ޒުވާން އަންހެންކުއްޖަކު ކުރީ ވަރަށް ތަފާތު ސުވާލެކެވެ. މިއަދު 20 އަހަރުގެ ޒުވާނެއްގެ ގޮތުގައި ހުންނެވިނަމަ ރައީސް އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާނެ ކަމަކީ ކޮބައިތޯއެވެ؟
ސުވާލުގެ ޖަވާބުގައި ރައީސް ފާހަގަކުރެއްވީ ޒުވާނުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، އެކަންކަން ޒުވާނުންގެ މަހާސިންތާގައި އެކުދިން ފާހަގަކޮށްފައިވާއިރު، އެ މައްސަލަތައް ހައްލުކުރުމަށް ސިޔާސަތުތައް ފަރުމާކޮށް ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެ ޒުވާނުންގެ މަގާމުގައި ނުވަތަ މަހައްލުގައި ހުންނެވިނަމަ އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަކަށްވާނީ ޒުވާނުންގެ ތެރެއިން މަދު ނަމަވެސް ބަޔަކު ފިކުރީ އެކި އޮއިވަރުތަކުގައި ޖެހި ނޭނގިތިބެ ނަމަވެސް އިސްލާމްދީނާ ދުރަށް ދިއުން ކަމަށެވެ.
"ދީނީ އަދި ގައުމީ އޭންގަލްއިން ކަންކަމާ ވަރަށް ވިސްނާ މީހެއްވީމާ އަޅުގަނޑު ވަރަށް ވޮރީކުރާނެ އަޅުގަނޑުމެންނަށް ނޭނގި ތިބެ ނަމަވެސް އަޅުގަނޑުމެން އެންމެ ލޯބިވާ އިސްލާމްދީނާއި އަގީދާއާ ދުރަށް އެޅޭ ފިޔަވަޅުތަކާމެދު،" ރައީސް ވިދާޅުވިއެވެ.
ދުނިޔެ ބަވަނަވެފައި އޮތުމުގެ ސަބަބުން އެކިކަހަލަ ފިކުރީ އޮއިވަރުތައް ދިވެހި ޒުވާނުންނާ ހަމައަށްވެސް ފޯރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަ އޮއިވަރުތަކުގައި ނޭނގިތިބެ ޖެހެމުންދާ ޒުވާނުން އަނބުރާ ރަނގަޅު މަގަށް ގެނައުމަކީ ވަރަށް ބޮޑަށް އެމަނިކުފާނު ވިސްނަވާނެ ކަމެއް ކަމަށެވެ.
ނޭނގި ތިބެ އިސްލާމީ އަގީދާގެ އިންތަކުން ބޭރަށް ބައެއް ޒުވާނުންނަށް ދެވޭ ދެވުމަކީ މިއަދު ޒުވާނެއްގެ ގޮތުގައި ހުންނެވިނަމަ އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާނެ ކަމެއް ކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެއީ ކުރިންވެސް އެމަނިކުފާނު އެކަމަކާ ކަންބޮޑުވެވަޑައިގެންނެވި ކަމެއް ކަމަށެވެ.
ރައީސް އިޝާރާތްކުރެއްވީ އިނގިރޭސިވިލާތުގައި ކިޔަވައިވިދާޅުވި ދުވަސްވަރު އެފަދަ ފިކުރުތަކުގައި ޖެހުނު ޒުވާނުން އަނބުރާ އިސްލާމްދީނުގެ އިންތަކަށް ރުޖޫއަކުރެއްވުމަށް އަމިއްލަ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅަށެވެ. ބްލޮގު ލިޔުއްވުމުގެ އިތުރަށް އިނގިރޭސިވިލާތުގައި އޮންނަ ދިވެހި ދަރިވަރުންގެ ޖަމްއިއްޔާގެ ރައީސްގެ ހައިސިއްޔަތުންވެސް އެކަމަށް އިސްކަންދެއްވައިގެން މަސައްކަތްތަކެއް އެމަނިކުފާނުވަނީ ކުރައްވާފައެވެ.
ރައީސް ޑރ.މުޢިއްޒުގެ ފަސްމަންޒަރަށް ބަލައިލުމުން ފެންނަނީ އިސްލާމްދީން ދިފާއުކުރެއްވުމަށް މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހައިސިއްޔަތުން އެކަނި އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅެއް ނޫން ކަމެވެ. އެ މަގާމު ލިބިވަޑައިގަތުމުގެ އެތައް ޒަމާނެއް ކުރިން، ޒުވާން ދަރިވަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާ އެއް އުމުރެއްގެ ޒުވާނުންގެ މެދުގައި ދީނާމެދު ދުރު އޮއިވަރުތައް ފެތުރެމުންދިޔައިރު އަމިއްލަފުޅު އިސްނެންގެވުމަށް ދީން ދިފާއުކުރެއްވި ކަމެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ދިވެހީންގެ އިސްލާމީ ޝަހުސިއްޔަތު ނަގަހައްޓަވައި، ދުނިޔޭގައި އެނބުރެމުންދާ އެކި ބާވަތްތަކުގެ އޮއިވަރުތައް ބަަވަނަވެފައި އޮތުމުގެ ތެރެއިން ދިވެހީން ހާއްސަަކޮށް ދިވެހި ޒުވާނުންގެ ވިސްނުންތައް ހިސޯރުކުރަން ފުރުސަތު ނުދެއްވަން މަސައްކަތްކުރައްވަނީ، އިހުއްސުރެ އެމަނިކުފާނު އެކަމަަށް ދެއްވާ ސަމާލުކަމެއްގެ ސަބަބުންކަން ސާފެވެ.