ENGLISH
24 ޑިސެމްބަރު 2025
ބަންދާ ދިމާކޮށް ކަނޑު އުޅަނދުތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައި
24 ޑިސެމްބަރު 2025
|
ކަނޑު އުޅަނދުތައް ބަލައިފާސްކުރުން--ފޮޓޯ:ޕޮލިސް
ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް ކަނޑުދަތުރު ކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ އުޅަނދުތައް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ، ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ މީހުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި، ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށް ދަތުރުކުރާ އޮޑިދޯނިފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މެރިން ޕޮލިހުން ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މި ހަރަކާތުގައި ގްރޭޓަރ މާލެ އޭރިއާއިން މީހުން ގޮވައިގެން ދަތުރުކުރާ ފެރީތަކާއި މުދާ ބަރުކޮށް އަތޮޅުތަކަށް ފުރުމަށް ތައްޔާރުވަމުންދާ އޮޑިދޯނިފަހަރާއި އެހެން އަތޮޅުތަކުން މާލެ އަންނަ އޮޑިދޯނިފަހަރާއި ބޯޓުތައް ބަލައިފާސްކޮށް، އެ އުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބަލަމުންގެންދާނެކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން، އޮޑިދޯނިފަހަރާއި ބޯޓު ފަހަރު ފުރުމުގެ ކުރިން ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުންނަށް އަންގައިދީ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުންވެސް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ކަނޑު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެ، އެކަންކަން ތަންފީޒުކުރުމުގައި އުޅަނދުތަކުގެ ކެޕްޓަނުންނާއި ފަޅުވެރިންގެ ފުރިހަމަ އެއްބާރުލުން ލިބުމުގެ މުހިއްމު ކަމާގުޅޭ ގޮތުންވެސް މައުލޫމާތު ދެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ޑިސެމްބަރު މަހުގެ 23 އިން ޖަނަވަރީ 3، 2026 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓްގާޑުގެ އެހީތެރިކަމާ އެކުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.