ENGLISH
24 ޑިސެމްބަރު 2025
ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާ ދިވެހިން ބޭރުގައި އެބަތިބި، އެމީހުންގެ ތަޙްޤީގު ހިންގާނަން: ފުލުހުން
24 ޑިސެމްބަރު 2025
|
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ފުލުހުން
ރާއްޖޭން ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާ ދިވެހިން އެބަތިބި ކަމަށާއި، އެމީހުން ރާއްޖެ ގެނެސް ތަޙްޤީގު ހިންގާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ޑްރަގް އެންފޯސްމަންޓުން މިއަދު ވަނީ މިއަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަންސް އަދި ތަޙްޤީގުގެ މައްސަލަތަކުގެ މަޢުލޫމާތު އާއްމުކޮށްފައެވެ. އެގޮތުން، ތަޙްޤީގުގެ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ހާމަކުރެއްވީ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް އެވެ.
ފުލުހުން މިއަދު އާއްމުކުރީ 2025 ޖަނަވަރީ 1 އިން 2025 ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ މަސައްކަތުގެ ތަފާސްހިސާބެވެ.
ނާއިފް ވިދާޅުވީ، ޑްރަގް އެންފޯސްމަންޓުން 648 މައްސަލައެއް ތަޙްޤީގުކޮށް ދައުވާއާ މެދު ގޮތެއް ނިންމުމަށް 335 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ޑްރަގްގެ މައްސަލަތަކުގައި ކަންބޮޑުވުން އޮތްކަން ހާމަކުރައްވައި ނާއިފް ވިދާޅުވީ، ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ރާއްޖޭން ބޭރުގައި ދިވެހިން ގާއިމުވެ ތިބޭ ކަމަށެވެ. އެގޮތުން ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގައި ދިވެހިން ތިބެ، އެއަރ ކާގޯ އާއި ސީ ކާގޯ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާކަމަށް ނާއިފް ވިދާޅުވިއެވެ. އޭގެތެރޭގައި ތައިލެންޑާއި މެލޭޝިއާގައި ބައެއް ދިވެހިން ތިބިކަން ފުލުހުން ބުނެފައިވެއެވެ.
ނާއިފް ވިދާޅުވީ، އެމީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އިލެކްޓްރިކް އައިޓަމްތައް ކަމަށެވެ. އެގޮތުން ބަދިގޭގައި ބޭނުންކުރާ އަވަނާއި ތެލި ފަދަ ތަކެތީގައި ބަންދުކޮށްގެން މަސްތުވާތަކެތި ރާއްޖެ ފޮނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ރާއްޖޭން ބޭރުގައި ތިބެ ޖިނާޢީ އެ ޢަމަލު ހިންގާ މީހުން އިންޓަޕޯލް މެދުވެރިކޮށް ރާއްޖެ ގެނެސް، ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަޤީންކަން ފުލުހުން ވަނީ ދީފައެވެ.
"ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި ޤާއިމުވެގެން ތިބި ކަމުގައި ވިޔަސް، މިފަދަ ޖިނާޢީ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް އަޅުގަނޑުމެން އެފަރާތްތައް ދިވެހިރާއްޖެއަށް ގެނެސްގެން އެފަރާތްތަކުގެ މައްޗަށް ތަޙްޤީގު ހިންގާނެކަން" - ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް
ނާއިފް ވިދާޅުވީ ޤާނޫނުތަކުގެ ތެރެއިން، އަވައްޓެރި ޤައުމުތަކާއި އެހެން ޤައުމުތަކާއެކު އެމައްސަލަތައް ބަލަމުންދާ ކަމަށެވެ. އަދި، އެމީހުންގެ ތަޙްޤީގު ކުރިއަށްދާ މަންޒަރު ފެނިގެންދާނެކަމަށް ނާއިފް ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް ބޮޑުވެފައިވާއިރު، ސްކޫލް ނިންމާފަ ތިބޭ ދަރިވަރުން އެ ކުށަށް ހުށަހެޅޭކަން ވެސް ނާއިފް ފާހަގަކުރެއްވިއެވެ. އެގޮތުން، ސްކޫލް ނިންމާ ވަޒީފާއަކަށް ނުގޮސް ތިބޭ ކުދިންނަށް އަމާޒުކޮށްގެން މީސްމީޑިއާގެ ކްލޯޒްޑް ގްރޫޕްތަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެފަދަ މައްސަލަތައް ސަމާލުކަމަށް އައިސްފައިވާތީ، ފުލުހުންގެ ސައިބަރ ސެންޓަރު މެދުވެރިކޮށް މަސައްކަތްކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތަށް ކަން ހިނގާއިރު ބެލެނިވެރިން ކުދިންނަށް ސަމާލުވުމަށް ވެސް ފުލުހުން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.