ENGLISH
24 ޑިސެމްބަރު 2025
ޑްރަގް އެންފޯސްމަންޓުން 648 މައްސަލައެއް ތަޙްޤީގުކޮށް 335 މައްސަލަ ޕީޖީއަށް ފޮނުވައިފި
24 ޑިސެމްބަރު 2025
|
މިއަދު އޮތް ޑްރަގް އެންފޯސްމަންޓުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނާއިފް ވާހަކަދައްކަވަނީ. ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓުން މިއަހަރު 648 މައްސަލައެއް ތަޙްޤީގުކޮށް 335 މައްސަލައެއްގައި ދަޢުވާ ކުރުމާ މެދު ގޮތެއް ނިންމަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވެއްޖެއެވެ.
ނާއިފް މިފަދައިން ވިދާޅުވީ ޑްރަގް އެންފޯސްމަންޓުން މިއަހަރު ކޮށްފައިވާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ނާއިފް ވިދާޅުވީ މިއަހަރު ބެލި މައްސަލަތަކުގެ ތެރޭގައި ޑްރަގް ޓްރެފިކިންގެ 53 މައްސަލައެއް ހިމެނޭ ކަމަށެވެ. އެއީ މޭޖަރ ކޭސްތަކުގެ ގޮތުގައި ކުރިއަށްގެންދާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ. ބާކީ މައްސަލަތަކަކީ މަސްތުވާތަކެތި ބޭނުންކުރުމާއި މުޢާމަލާތްކުރުމުގެ މައްސަލަތަކެވެ.
މިވަގުތު ޑްރަގް އެންފޯސްމަންޓުން 133 މައްސަލައެއް ކުރިއަށްގެންދާ ކަމަށް ނާއިފް ވިދާޅުވިއެވެ. އޭގެތެރޭގައި ގިނައީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ މައްސަލަތަކެވެ. އޭގެއިތުރުން، ޑްރަގް ފައިނޭންސިން އިންވެސްޓިގޭޝަންގެ 30 މައްސަލައެއް ބަލަމުންގެންދާ ކަމަށް ނާއިފް ވިދާޅުވިއެވެ.
ޑްރަގްގެ މައްސަލަތަކުގައި ދަޢުވާ ނުއުފުލަން ނިންމި ކޭސްތަކުގައި ކަންހިނގާދިޔަ ގޮތް ވެސް ނާއިފް ވަނީ ސާފުކޮށްދެއްވާފައެވެ. ނާއިފް ވިދާޅުވީ އޭގެތެރެއިން ގިނަ މައްސަލަތަކަކީ ހެކި ހުރިނަމަވެސް އެމީހުންގެ އެހެން މައްސަލަތައް ޑްރަގް ކޯޓުގައި އޮތުމުން ކުރިއަށް ގެންދިމުގެ އިޙްތިޞޯސް ނޯންނަ މައްސަލަތައް ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ދައުވާ އުފުލުމައްޓަކައި ނުފޮނުވިވާ މައްސަލަތަކުގެ ތެރޭގައި ނުވަތަ އަޅުގަނޑުމެންނަށް ފައިލްކުރަންޖެހުނު މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ، އެމީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކުރުމުގެ ދައުވާ ކުރުމަށްޓަކައި އެކަށީގެންވާ ހެއްކާއި ގަރީނާ ހުރިނަމަވެސް، އެމީހުންގެ އިތުރު މައްސަލައެއް ޑްރަގް ކޯޓުގައި ހިނގަމުންދާތީވެ އެކޯޓަށް އެމީހުންގެ އިތުރު މައްސަލައެއް ވެއްދުމުގެ އިޙްތިޞޯސް ނެތުމުގެ ސަބަބުން ފައިލްކުރަން ޖެހުނު މައްސަލަ" - ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް
ނާއިފް ވިދާޅުވީ އެގޮތަށް ތިބޭ މީހުން މަސްތުވާތަކެތި ބޭނުންކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި ފަރުވާގެ ނިޒާމުގެ ތެރެއިން އެމީހުން ނޭޝަނަލް ޑްރަގް އޭޖެންސީއަށް ރިފަރކުރާ ކަމަށެވެ. އެގޮތުން 301 މީހަކު މިއަހަރު މިހާތަނަށް ޑްރަގް ކޯޓު މެދުވެރިކޮށް ފަރުވާއަށް ފޮނުވާފައިވާކަމަށް ނާއިފް ވިދާޅުވިއެވެ.