ENGLISH
24 ޑިސެމްބަރު 2025
ފުލުހުންގެ އަލިމަގު އޮޕަރޭޝަނުގައި 166 ތަނެއް ބަލައި 193 މީހަކު ހައްޔަރުކޮށްފި
24 ޑިސެމްބަރު 2025
|
ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުޙައްމަދު ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތުދެއްވަނީ. ފޮޓޯ: ފުލުހުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ޑްރަގު ވިއްކާ މީހުންނާ ދެކޮޅަށް ހިންގަން ފެށި އަލިމަގު އޮޕަރޭޝަނުގައި މިހާތަނަށް 166 ތަނެއް ބަލައިފާސްކޮށް 193 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން އަލިމަގު އޮޕަރޭޝަން ފެށީ ނޮވެމްބަރު 13 ވަނަ ދުވަހު އެވެ. ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް އެދުވަހު މުޅި ރާއްޖޭގައި ފެށި އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވިއެވެ.
ޑްރަގް އެންފޯސްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އަލިމަގު އޮޕަރޭޝަނުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުޙައްމަދު ވިދާޅުވީ، އަލިމަގު އޮޕަރޭޝަން ކުރިއަށްގެންދަނީ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް އަދި ރީޖަނަލް މަރުކަޒުތައް ގުޅިގެން ކަމަށެވެ. އެގޮތުން މިހާތަނަށް 166 ބަލައިފާސްކޮށް 193 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފާޠިހު ވިދާޅުވިއެވެ.
ފުލުހުން ވަނީ އަލިމަގު އޮޕަރޭޝަން 39 ރަށެއްގައި ހިންގައިފައެވެ. އޮޕަރޭޝަނުގައި ހައްޔަރުކުރި 193 މީހުންގެ ތެރޭގައި ހިމެނެނީ 186 ފިރިހެނުންނާއި 7 އަންހެނުންނެވެ. ފުލުހުން ބުނީ އޮޕަރޭޝަނުގައި 9 އެއްގަމު އުޅަނދު ބަލައިފާސްކޮށް، 1 ކަނޑުއުޅަނދު ފާސްކޮށްފައިވާނެ ކަމަށެވެ.
އޮޕަރޭޝަނުގެ ތެރެއިން 30.63 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު 182 ބަނގުރާ ފުޅި އަދި ދަޅު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ފާޠިހު ވިދާޅުވީ އަލިމަގު އޮޕަރޭޝަން ފުލުހުން ކުރިއަށްގެންދާނެ ކަމަށާއި، އެގޮތުން ޑިސެމްބަރު މަހު 23 ވަނަ ދުވަހު ފެށި އޮޕަރޭޝަން މިއަދު ހެނދުނު ނިމުނުއިރު، 7 ތަނެއް ބަލައި ފާސްކޮށް 9 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިއްޔެ ހައްޔަރުކުރީ 6 ފިރިހެނުންނާއި 3 އަންހެނުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މީގެކުރިން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ދައުލަތުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާނީ އެ ވަބާ މުޅީން ނައްތާލުމަށް ފަހު ކަމަށާ އެކަމަށް ކުޑަވެސް ފުރުސަތެއް މި ޤައުމުން ދެން ނޯންނާނެ ކަމަށެވެ.
"ދެން ޖެހޭނީ މިކަން ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުޞަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫކުރާނަން" އޮޕަރޭޝަން އަލިމަގު ފެށި ދުވަހު ޢަލީ އިޙްސާން ދެއްވި ބަސްދީގަތުމުގައި ވިދާޅުވިއެވެ.
ފުލުހުންގެ އަލިމަގު އޮޕަރޭޝަނަކީ މިފަހުގެ ތާރީހުގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތައް ނައްތައިލުމަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު އޮޕަރޭޝަނެވެ.