ENGLISH

24 ޑިސެމްބަރު 2025

Advertisement

މިއަހަރު އަތުލައިގަތް މަސްތުވާތަކެއްޗާއި ބަނގުރަލުގެ މަގުމަތީ އަގު 875 މިލިއަން ރުފިޔާއަށް ވުރެ މަތީގައި

24 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ޑްރަގް އެންފޯސްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. ފޮޓޯ: ފުލުހުން

މިއަހަރު މުޅި ރާއްޖެއިން އަތުލައިގަތް މަސްތުވާތަކެއްޗާއި ބަނގުރަލުގެ މަގުމަތީ އަގު ހުރީ 875 މިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ޑްރަގް އެންފޯސްމަންޓުގެ މަސައްކަތްތަކުގެ މިއަހަރުގެ އަދާހަމަ ހާމަކޮށްފައެވެ. އެކަމަށް ޚާއްޞަކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ޑްރަގާއި ބަނގުރަލުގެ އޮޕަރޭޝަނަލް މަސައްކަތްތަކާއި ތަޙްޤީގުގެ އަދާހަމަތައް އާއްމުކޮށްފައެވެ. 

އޮޕަރޭޝަނަލް މަސައްކަތްތަކާއި ގުޅޭގޮތުން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިހު މުޙައްމަދު ވިދާޅުވީ، މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް މިއަހަރުތެރޭ ހިންގާފައިވާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ 1 އިން ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް އަތުލައިގަނެފައިވާ މަސްތުވާތަކެއްޗާއި ބަނގުރަލުގެ ތަފާސްހިސާބުތައް ނޫސްވެރިންގެ ބައްދަލުވުމުގައި ފާޠިހު އާއްމުކުރެއްވިއެވެ. 

ފާޠިހު ވިދާޅުވީ އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ ހިކި އެއްޗެހީގެ ގޮތުގައި 498.99 ކިލޯ އަތުލައިގެންފައިވާ ކަމަށެވެ. އެއީ މަގުމަތީގެ އަގުން ނަމަ 871،243،131 (އަށްސަތޭކަ ހަތްދިހަ އެއްމިލިއަން، ދެލައްކަ ސާޅީސް ތިންހާސް، އެއްސަތޭކަ ތިރީސް އެއްރުފިޔާ) އެވެ. 

ފުޅި އާއި ދަޅު ހިމެނޭހެން ބަނގުރަލުގެ 6860 ބާވަތް މިއަހަރުތެރޭ ވަނީ ހިފަހައްޓައިފައެވެ. އެ ތަކެތީގެ މަގުމަތީ އަގު ހުރީ 3،992،492.50 (ތިން މިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް، ހަތަރުސަތޭކަ ނުވަދިހަ ދެ ރުފިޔާ / ފަންސާސް ލާރި) ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ. 

މަސްތުވާތަކެއްޗާއި ބަނގުރާ ހިމެނޭހެން ދެ ބާވަތުގެ މަގުމަތީ ޖުމްލަ އަގު 875 މިލިއަނަށް ވުރެ ގިނަކަން ނޫސްވެރިންގެ ބައްދަލުވުމުގައި ފާޠިހު ވިދާޅުވިއެވެ. އެއީ 875،235،623.50 (އަށްސަތޭކަ ހަތްދިހަ ފަސް މިލިއަން ދެލައްކަ ތިރީސް ފަސްހާސް، ހަސަތޭކަ ތޭވީސް ރުފިޔާ / ފަންސާސް ލާރި) އެވެ. 

ފުލުހުންގެ ޚިދުމަތުން ބުނީ، މިއަހަރު ވެސް ކަނޑުމަގުންނާއި ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގިނަ މައްސަލަތަކުގައި ބޮޑެތި އަދި ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގާފައިވާނެ ކަމަށެވެ. އެ އޮޕަރޭޝަންތައް ހިންގުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކޯސްޓް ގާޑުގެ އޮފިސަރުން ދެއްވާ އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު