ENGLISH

24 ޑިސެމްބަރު 2025

Advertisement

ފާއިތުވި 7 ދުވަސް ތެރޭ 21 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފި

24 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މިފްކޯއަށް މަސްކިރުވުން-- ފޮޓޯ: ޕީއެސްއެމް

ފާއިތުވި ހަތް ދުވަސް ތެރޭ 21 މިލިއަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިފްކޯ އިން އަންނަނީ ކޮންމެ ދުވަހަކު އެ ކުންފުނިން މަސްވެރިންނަށް ދޫކުރަމުންދާ ފައިސާގެ ތަފްސީލުތައް މީޑިޔާއާ ހިއްސާކުރަމުންނެވެ.

އެގޮތުން، އެ ކުންފުނިން މީޑިޔާއާ އެންމެ ފަހުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ދިޔަ ހަތް ދުވަސްތެރޭގައި 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފަ އެވެ. މީގެ އިތުރުން 36 އުޅަނދަކަށް 1،655،461.01 ރުފިޔާ މިއަދު ވަނީ ދޫކޮށްފަ އެވެ. މި ފައިސާއަކީ އެ ކުންފުންޏަށް، މި މަހުގެ 22 ވަނަ ދުވަހު ކިރުވި މަހަށްވާ ފައިސާ އެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ވަޢުދާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދެމުންނެވެ. ވެރިކަމާ ހަވާލުވުމަށް ފަހު، މި ސަރުކާރުން ވަނީ މިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަން ރުފިޔާ ދައްކައިފަ އެވެ.

ބެކްލޮގް ހުސްކުރުމަށް ފަހު މަސްވެރިންނަށް ގަވައިދުން ފައިސާ ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ޑރ. މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ގަވާއިދުން މަސްވެރިންނަށް ފައިސާ ދިނުމުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރަށްވުރެ މިއަހަރު މިފްކޯއަށް މަސްކިރުވި މިންވަރު އިތުރުވެ، މަސްވެރިންނަށް މިފްކޯއިން ދޫކޮށްފައިވާ ފައިސާގެ އަދަދުވެސް އިތުރުވެފައިވާކަން މިފްކޯގެ ތަފާސްހިސާބުތަކުން ދައްކަ އެެވެ.

މަސްވެރިންނަށް ފައިސާ ގަވާއިދުން ދޫކުރުމުގެ އިތުރުން އެ ސިނާއަތުގެ ކުރިއެރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެޔޮ ވަނީ އަގުހެޔޮކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު