ENGLISH
24 ޑިސެމްބަރު 2025
އަންހެން ފުޓްބޯޅަ ޤައުމީ ލެވެލްގައި މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެ: ނައިބު ރައީސް
24 ޑިސެމްބަރު 2025
|
އެފްއޭއެމް ވިމެންސް ލީގު 2025 ގެ ފަހު މެޗަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަސްދީގަތުންދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މިހާރު ބައްޓަންކުރަމުން އަންނަ ގޮތުން، އަންހެން ފުޓްބޯޅަ ވެސް ޤައުމީ ލެވެލްއެއްގައި މުޅި ރާއްޖެއަށް ފުޅާކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އިއްޔެ ގަލޮޅު ދަނޑުގައި ކުޅުނު އެފްއޭއެމް ވިމެންސް ލީގު 2025 ގެ ފަހު މެޗު ޝަރަފްވެރިކޮށްދެއްވައި، މެޗަށްފަހު ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އަންހެން ފުޓްބޯޅަ މުބާރާތަކީ ފެށުމަކަށް ވާނެ ކަމަށެވެ.
އެފްއޭއެމް މިހާރު ބައްޓަންވެފައި އޮތީ ރާއްޖޭގެ އެކި ޒޯންތަކުގައި މުބާރާތް ކުޅެގެން މާލެ އަންނަ ފޯމިއުލާއެއްގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އެގޮތުން ފިރިހެން ފުޓްބޯޅަ ޒޯންތަކަށް ބަހާލައިގެން ކުޅެން ފަށާފައިވާއިރު، އަތޮޅުތެރޭގެ ޓީމުތަކަށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބިގެންދާނެއެވެ.
އެފްއޭއެމްއިން އެ ގެންނަ ބަދަލާއެކު، ރަށްތަކުގައި ވެސް އަންހެން ފުޓްބޯޅަ ޤައުމީ ލެވެލްގައި ކުޅެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
"ހަމައެކަނި މާލޭގަ މިކުޅޭ ކުޅުން އަޅުގަނޑުމެންނަށް މި ފެންނަނީ، އެހެންނަމަވެސް ރާއްޖޭގެ ރަށްތަކުގައި ވަރަށް ފޯރިއާއެކު އެބަގެންދޭ. އެހެންވީމާ އަޅުގަނޑު މި ދެންނެވީ މިއީ ފެށުމަކަށޭ ވާނީ، މި ފެށުން އިރާދަކުރެއްވިއްޔާ ރަށްތަކުގައި އަޅުގަނޑުމެން އެފްއޭއެމް މިހާރު ބައްޓަންކުރަމުން އަންނަ ގޮތަށް ރާއްޖޭގެ އެކިއެކި ޒޯންތަކުގައި މުބާރާތް ކުޅެގެން މާލެ އަންނަ ކަހަލަ ފޯމިއުލާއެއްގެ މިހާރު މި އޮތީ" - ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް
އަންހެން ފުޓްބޯޅައިގައި މިދިޔަ އަހަރުތަކުގައި ރާއްޖެ އޮތީ ފަހަތުގައެވެ. ޤައުމީ ލީގެއް ނުބޭއްވުމާއި، ވާދަވެރި އެހެން އެއްވެސް މުބާރާތެއް ވެސް ޤައުމީ ފެންވަރުގައި މިދިޔަ އަހަރުތަކުގައި ކުޅެފައެއްނުވެއެވެ.
އެފްއޭއެމް ވިމެންސް ލީގުގެ ވަނަތައް ހޯދި ކުޅުންތެރިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު. ފޮޓޯ: ރައީސް އޮފީސް
އެފްއޭއެމްގެ ހިންގުން ބޮއްސުންލާފައި އޮއްވައި މިހާރު ވަނީ މެނޭޖްމަންޓް ބަދަލުކޮށް އަލުން ހިންގަން ފަށައިފައެވެ. އަދި، ފުޓްބޯޅައިގެ ހަރަކާތްތައް މިހާރު ވަނީ ފޯރިއާއެކު ފަށައިފައެވެ. އެފްއޭއެމްގެ ބަދަލާއެކު އަންހެން ފުޓްބޯޅަ މުޅި ރާއްޖެއަށް ފުޅާކުރުމުގެ ވިސްނުމެއް ވެސް އެބައޮތް ކަމަށް މީގެކުރިން އެފްއޭއެމްއިން ވަނީ ބުނެފައެވެ.
"އެހެންވީމަ އެކަން ތަންފީޒުވެގެންދާއިރު އަންހެން ފުޓްބޯޅައިގައި ވެސް އިރާދަކުރެއްވިއްޔާމު އެ ފޯރި ރަށްތަކުގައި ހިފިގެންދާނެ ނޭޝަނަލް ލެވެލްއެއްގައި، މިހާރު ވެސް އެބަ ކުޅޭ ރަށްތަކުގައި، އެހެންނަމަވެސް ބޭނުންވަނީ ރަނގަޅަށް އިންތިޒާމުކުރެވިގެން މިހާ ހިސާބަށް އެކުޅިވަރު ގެންނަން. އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުވާތަން އެބަފެނޭ" - ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް
އެފްއޭއެމް ވިމެންސް ލީގު 2025 ގެ ފަހު މެޗުގައި އޮޑި ސްޕޯޓްސް ކްލަބް 0-2 އިން ބަލިކޮށް، ލީގު ޗެމްޕިއަންކަން ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ.
މިފަހަރުގެ ވިމެންސް ލީގަކީ 2014 ވަނަ އަހަރުގެ ފަހުން ބޭއްވި ފުރަތަމަ ވިމެންސް ލީގެވެ. މިދިޔަ 11 އަހަރުތެރޭ ބޭއްވި ފުރަތަމަ ވިމެންސް ލީގު ފެނުނީ ފޯރިގަދަކޮށެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުވީ ވެސް އިއްޔެ ކުޅުނު ފަހު މެޗުގައެވެ.
މިއަހަރުގެ ވިމެންސް ލީގުގައި 6 ޓީމަކުން ވާދަކުރިއެވެ. އެއީ ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް އޮޑި ސްޕޯޓްސްގެ އިތުރުން، ތިން ވަނަ ހޯދި ވިކްޓްރީ ސްޕޯޓްސް ކްލަބާއި، ހަތަރު ވަނަ ލިބުނު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިތުރުން ފަސް ވަނަ ހޯދި ޓީސީ ސްޕޯޓްސް ކްލަބާއި ބިސް ބުރު ސްޕޯޓްސް ކްލަބެވެ.