ENGLISH

24 ޑިސެމްބަރު 2025

Advertisement

ބާވެ ހަލާކުވެ، މާލޭގެ މަގުތަކަށް ދޫކޮށްލާފައި ހުރި 800 އަށް ވުރެ ގިނަ އުޅަނދު މިއަހަރު ނައްތާލައިފި

24 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަސީޙް ވާހަކަދައްކަވަނީ. ފޮޓޯ: ޕޮލިސް

ބޭނުންނުކޮށް މާލޭގެ މަގުތަކަށް ދޫކޮށްލާފައިވާ 800 އަށް ވުރެ ގިނަ އުޅަނދު މިއަހަރު ނައްތާލާފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޯޑް ސޭފްޓީ އެވެއަރނެސް އެންޑް ޕްރިވެންޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީޙް ވިދާޅުވެއްޖެއެވެ. 

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފަސީޙް ވިދާޅުވީ ބާވެ ހަލާކުވުމާއެކު، މަގުތަކަށް ގިނަ އަދަދެއްގެ އުޅަނދުތައް ދޫކޮށްލާފާއިވާ ކަމަށެވެ. އެގޮތުން، އުޅަނދުތައް ނަގައި، ނައްތާލީ އިޖުރަޢާތްތައް ފުރިހަމަކުރުމަށް ފަހު ކަމަށް ފަސީޙް ވިދާޅުވިއެވެ. އެގޮތުން 801 އުޅަނދު ނައްތާލާފައިވާކަމަށް މަޢުލޫމާތުދީފައިވެއެވެ. 

އެ އުޅަނދުތަކުގެ އިތުރުން، މާލޭގެ ހޮސްޕިޓަލުތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ރޭންޕުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި މިސްކިތްތަކާއި ދަރިވަރުން ސްކޫލަށް ވަދެ ނުކުތުމަށް ދަތިވާ ގޮތަށް ވެސް އުޅަނދުތައް ޕާކުކޮށްފައި ހުރެއެވެ. އެ އުޅަނދުތަކާއި، ކަފިހިހުރަސް މަތީގައި ޕާކުކޮށްފައި ހުންނަ އުޅަދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަމުންގެންދާކަން ފަސީޙް ވިދާޅުވިއެވެ. 

އެފަދަ 7442 އުޅަނދު މިއަހަރު ނަގާފައިވާކަމަށާއި، ގާނޫގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވެރިފަރާތުން ހަވާލުވާން ނައުމުގެ ސަބަބުން، ދެފޮރުޅުލީ 899 އުޅަނދާއި، ހަތަރުފުރޮޅުލީ 106 އުޅަނދު އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

މީގެ އިތުރަށް ފަޞީހް ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ނަގަހައްޓާނެ އާ ޖީލެއް ބިނާކުުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން މި އަހަރުގެ މިހާތަނަށް 17 ސްކޫލެއްގައި 549 ދަރިވަރުން ތަމްރީނުކުރެވި މި 17 ސްކޫލްގެ ހުރިހާ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ހިމެނޭ ގޮތަށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ވާހަކައިގައި ފާހަގަކުރައްވާފައެވެ.

އާއްމުކޮށް ވެހިކަލް ދުއްވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގުނު 10 ތަމްރީނު ޕްރޮގްރާމް ވެސް ފުލުހުން ވަނީ ކުރިއަށްގެންގޮސްފައެވެ. އޭގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ކަންކަމަށް ހޭލުންތެރިކުރުވުމަށް 1070 މީހަކަށް މައުލޫމާތު ދީފައިވެއެވެ.

މަގު ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ މެސެޖުތައް ދިނުމާއި މައުލޫމާތު ފޯރުކޮށް ދިނުމުގެ ހަރަކާތްތައް ވެސް މާލެއާއި އަތޮޅު ތެރޭގައި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ރައްކާ ރޯޑް ޝޯވ ށ. އަތޮޅާއި. ގއ. އަތޮޅުގައި ގިނަ ހަރަކާތްތަކަކާއެކު ކުރިއަށް ގެންދެވި ގިނަ ބަޔަކު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރެވިފައިވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފަސީޙް ވިދާޅުވިއެވެ. 

ފުލުހުން އިއްޔެ ކުރިއަށްގެންދިޔައީ، މާލެ ޕޮލިސްގައި ހިމެނޭ ބަހާތަކުން ކުރަމުންދާ މަސައްކަތްތަކާއި އާ އަހަރާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ނޫސްވެރިންގެ ބައްދަލުވުމެވެ. 

ކިޔުންތެރިންގެ ހިޔާލު