ENGLISH
23 ޑިސެމްބަރު 2025
ކޮންމެ އަތޮޅެއްގައި ޔުނިވާސިޓީ ކެމްޕަހަކާއި ދަނާލެެއް، ދަރިވަރުންނަށް ބޮޑު ހިތްހަމަޖެހުމެއް
23 ޑިސެމްބަރު 2025
|
މިރޭގެ ހަރަކާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
ހުރިހާ އަތޮޅެއްގައިޮ ޔުނިވާސިޓީ ކެމްޕަސްތައް ޤާއިމުކޮށް ކޮންމެ އަތޮޅެއްގައި ވެސް މަތީ ތަޢުލީމަށް ފުރުސަތު ފަހިކުރުމަށް މަަސައްކަތް ފަށާފައިވާ ކަމަށާ އަންނަ އަހަރުގެ ނިޔަލަށް އެ މަޝްރޫޢުގެ މަސައްކަތް މުޅިން ނިންމާލެވި ކެމްޕަސްތައް ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"ނޭޝަނަލް ޔޫތު ކޮންފަރެންސް 2025" ގައި ހިމެނިގެން މިރޭ ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް" ހަރަކާތުގައި ވާހަކަފުުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިރޭގެ ހަރަކާތުގައި ޒުވާނުންގެ ފަރާތުން އިވުނު ކަންބޮޑުވުންތަކަށް ޙައްލު ހޯއްދެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. ހުރިހާ އަތޮޅެއްގައި ޔުނިވާސިޓީ ތައުލީމްގެ ފުރުސަތު ނެތް ކަން ބައެއް ޒުވާނުން ފާހަގަކުރުމުން އެކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ކޮންމެ އަތޮޅެއްގައި ހަޔާ އެޑިއުކޭޝަން ކެމްޕަހެއް ހުރުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ.
އެގޮތުން ކޮންމެ އަތޮޅެއްގައި ޤައުމީ ޔުނިވާސިޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް ޤާއިމު ކުުރުމުގެ މަސައްކަތް މިާރު ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަަސައްކަތް މިހާރު އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބައެއް އަތޮޅުތަކުގައި ދެ ޔުނިވާސިޓީގެ ކެމްޕަސްތައް ވެސް ޤާއިމު ކުރާނެ ކަމަށެވެ. މީގެ އިތުރުން ހުރިހާ އަތޮޅެއްގައި ދަނާލުތައް ޤާއިމު ކުރުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ފަށާފައިވާ މަސައްކަތްތައް އަންނަ އަހަރުގެ ނިޔަލަށް މުޅީން ނިންމާލެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
"މި އަހަރު ނިމެންވާއިރު އިމާރާތްތައް ނިމި މި ތަންތަން ހުޅުވޭވަރުވާނެ ކަމަށް އަޅުގަނޑަށް ބެލެވޭ. އެހެންވީމަ ބޮޑު މައްސަލައަށް ވަރަށް ބޮޑު ޙައްލެއް މި އަންނަނީ," ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ވޮކޭޝަނަލް ޓްރެއިންއަކީ ވަރަށް މުހިންމު ދާއިރާއެއް ކަމަށާ އެ ކަމަށް ވެސް ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ. އެގޮތުން މިހާރުވެސް ޓިވެޓްގެ ޕްރަގްރާމްތައް ފުޅާކޮށްފައިވާ ކަަން ރައީސް ފާހަގަ ކުރެއްވި އެވެ.