ENGLISH
24 ޑިސެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެފްއޭއެމް ވިމެންސް ލީގު 2025 ގެ ޗެމްޕިއަންކަން ކަނޑައެޅިގެންދިޔަ މެޗު ޝަރަފުވެރިކޮށްދެއްވައިފި
23 ޑިސެމްބަރު 2025
|
އެފްއޭއެމް ވިމެންސް ލީގު 2025 ގެ ޗެމްޕިއަންކަން ކަނޑައެޅިގެންދިޔަ މެޗު ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވުން. --ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު، އެފްއޭއެމް ވިމެންސް ލީގު 2025 ގެ ޗެމްޕިއަންކަން ކަނޑައެޅިގެންދިޔަ މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިއަދު ހަވީރު، ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ބައްދަލުކޮށްފައިވަނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އޮޑި ސްޕޯޓްސް ކްލަބެވެ. މި މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.
މިއަދުގެ މެޗަށްފަހު ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ އިތުރުން މާޒިޔާއާ އޮޑި ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށާއި، މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ އާއި އެފްއޭއެމް ވިމެންސް ލީގުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާގެ ކުޅުންތެރިންނަށް މެޑަލް ދެއްވާ، އެ ޓީމާ ޝީލްޑް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެގާރައަހަރަށްފަހު ކްލަބުތަކަށް ހާއްސަކޮށް، އެފްއޭއެމުން އަންހެން ކުޅުންތެރިންގެ މެދުގައި ބޭއްވި މި ފަހަރުގެ މުބާރާތުގައި ހަ ޓީމަކުން ވާދަކުރިއެވެ. އެއީ ވިކްޓްރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އޮޑި ސްޕޯޓްސް ކްލަބް އަދި ބިސް ބުރު ސްޕޯޓްސް ކްލަބެވެ.