ENGLISH

21 މާރިޗު 2026

Advertisement

އިއާދަކުރަނިވި ހަކަތައިގެ ނިޒާމް 102 ރަށެއްގައި ޤާއިމުކޮށް ވިއުގަ އަޕްގްރޭޑްކޮށްފި

23 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޠާރިޤު އިބްރާހީމް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އިއާދަކުރަނިވި ހަކަތައިގެ ނިޒާމް 102 ރަށެއްގައި ޤާއިމުކޮށް ވިއުގަ އަޕްގްރޭޑްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު އިބްރާހީމް ޠާރިޤް ވިދާޅުވެއްޖެއެވެ. 

އެ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް އާއްމުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަޒީރު ވަނީ ހަކަތައިގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުކޮށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ވެސް ހާމަކުރައްވާފައެވެ. 

ވަޒީރު ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ކުރިއެރުމަށް ކުރި މަސައްކަތާއެކު މި ސަރުކާރުން ދެއަހަރުތެރޭ 100 އިންސައްތައަށް ވުރެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންސްޓޯލްކޮށްފައިވާ ހަކަތައިގެ މިންވަރު ކުރިން 53 މެގަވޮޓުގައި ހުރިއިރު އެ މިންވަރު މިހާރު 110 މެގަވޮޓަށް އިތުރުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ހަކަތައިގެ ނިޒާމް ޤާއިމުކޮށްފައިވާ ރަށްތަކުގައި 28 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތާއި 10 ބެޓެރީ ސްޓޯރޭޖް ނިޒާމް ޤާއިމުކޮށްފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ރަށްރަށުގައި ކަރަންޓު ވިއުގަ ރަނގަޅުކުރުމުގެ ގޮތުން ގްރިޑް ތަރައްޤީކުރުމާއި، އެނާޖީ މެނޭޖްމަންޓް ނިޒާމް ޤާއިމުކޮށްފައިވާކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ހަކަތައިގެ މަޝްރޫޢުތަކަށް ކުރެވޭ މަސައްކަތްތަކާއެކު އަހަރަކު 13 މިލިއަން ލީޓަރު ޑީސަލް މަދުކުރެވޭނެ ކަމަށާއި، އެއީ ގާތްގަނޑަކަށް 190 މިލިއަން ދިވެހި ރުފިޔާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ރަށްރަށުގައި މިހާރު ކުރިއަށްދާ ހަކަތައިގެ މަޝްރޫޢުތައް ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ހާމަކުރެއްވިއެވެ. 

އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމުކުރުމާއި، ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް 101 ރަށެއްގައި ކުރިއަށްދާ ކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ. އެރަށްތަކުގައި، 164 ސޯލާ ޕީވީ ހަރުކުރުމާއި، 158 ބެޓެރީ ސްޓޯރޭޖް ނިޒާމް ޤާއިމުކުރުމާއި، ގްރިޑް އަޕްގްރޭޑްކުރުމާއި އެނާޖީ މެނޭޖްމަންޓް ނިޒާމް ޤާއިމުކުުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. 

އެރަށްތަކުގެ މަސައްކަތް ނިމޭއިރު އަހަރަކު 76 މިލިއަން ލީޓަރު ޑީސަލް ސަލާމަތްކުރެވޭނެއެވެ. ވަޒީރު ވިދާޅުވީ އެއީ ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ ކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ. 

އިއާދަކުރަނިވި ހަކަތައިގެ އިތުރު މަޝްރޫޢުތަކަށް ބަލާއިރު އަޖުމަ ބެލުމުގެ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ. އެގޮތުން، ދަނޑުވެރިކަމަށް ސޯލާ އެސިސްޓެޑް އިރިގޭޝަން ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތާއި ކަނޑު ދަތުރުފަތުރަށް ސޯލާ ފެރީއެއް ވަނީ ބަނދެފައެވެ. އަދި، ވައިން ހަކަތަ އުފެއްދުމާއި މަސްވެރިކަމުގެ ދާއިރާއިން ސޯލާ އެސިސްޓެޑް ކޮމިއުނިޓީ އައިސްޕްލާންޓް ހަތަރު ރަށެއްގައި ޤާއިމުކުރުމުގެ މަސައްކަތުގެ އިތުރުން، ކަނޑުގެ އޮއިވަރުން ހަކަތަ އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންގެންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު