ENGLISH
23 ޑިސެމްބަރު 2025
ފަސް މިލިއަން ގަސް ޕްރޮގުރާމު؛ އެކި ކަންކޮޅުތަކުގައި މިލިއަނަކަށްވުރެ ގިނަ ގަސް އިންދައިފި
23 ޑިސެމްބަރު 2025
|
ފަސް މިލިއަން ގަސް ޕްރޮގުރާމުގެ ތެރެއިން ރައީސް ޑރ.މުޢިއްޒު ގަހެއް އިންދަވަނީ
ރާއްޖެ ފެހިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިލިއަނަކަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ތާރިގު އިބްރާހީމް ހާމަކުރެއްވި ގޮތުގައި ފަސް މިލިއަން ގަސް ޕްރޮގުރާމުގެ ދަށުން މިހާތަނަށް 1،027،372 (އެއް މިލިއަން ހަތާވީސްހާސް ތިންސަތޭކަ ހަތްދިހަ ދެ) ގަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވެއެވެ.
މި ޕްރޮގުރާމުގެ ދަށުން ގަސް އިންދުމަށް އަމިއްލަ ވިޔަފާރިތަކާއި ސަރުކާރު ކުންފުނިތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ވައުދުވެފައިވާ އަދަދަށް ބަލާއިރު 6،400،000 (ހަމިލިއަން ހަތަރު ލައްކަ) ގަސް އިންދުމަށް އެކި ފަރާތްތަކުން ވައުދުވެފައިވާ ކަމަަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިހާރު ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަކީ ގަސް އިންދުމަށް ވައުދުވެފައިވާ ފަރާތްތަކާ ގުޅިގެން އެ ފަރާތްތަކުން ވައުދުވީ އަދަދަށް ގަސް އިންދުމަށް މަސައްކަތްކުރުމެވެ. އެގޮތުން ވަކި ތާވަލެއްގެ ދަށުން ގަސް އިންދުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ރާވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ޕްރޮގުރާމުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މަދުވެގެން ދެ ހައިވަކަރު ގަސް އިންދުމަށް ކުރަމުންދާ މަސައްކަތް ގޮސްފައިވާ ހިސާބަށް އަލިއަޅުވައިލައްވަމުން ވަޒީރު ވިދާޅުވީ ހުރިހާ ރަށަކަށް ހައިވަކަރު ގަސް ފޯރުކޮށްދީ އެ ގަސްތައް އިންދައި ނިމިފައިވާ ކަމަށެވެ.
ޗައިނާ ސަރުކާރުންވަނީ މި މަޝްރޫއަށް އެހީތެރިވުމަށް ނާސަރީއެއް ހަދިޔާކޮށްފައެވެ. ޑިސެންބަރު 30 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭގައި އެނާސަރީގެ މަސައްކަތް ފެށޭނެއެވެ. މި ނާސަރީއަކީ ރާއްޖެއިން ބޭރުން ލިބޭ ގަސްތަކާއި މުޑުވައް އާލާކޮށް، ފަސް މިލިއަން ގަސް ޕްރޮގުރާމު ހިންގުމަށް މީހުން ތަމްރީނުކުރުން ފަދަ ކަންކަން ކުރުމަށް ބޭނުންކުރެވޭނެ ނާސަރީއެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.
"އޭގެ އިތުރަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ނާސަރީ ހަދައިގެން ގަސް އިންދުމުގެ ޕްރޮގުރާމަށް ބޭނުންވާ ގަސް ޑިސްޓްރިބިއުޓުކޮށްގެން ކުރިއަަށްގެންދިއުމަށް އަޅުގަނޑުމެން އެބަ ރާވަން،" މިނިސްޓަރު ވިދާޅުވިއެވެ.
އިންދާ ގަސްތަކަށް ފެން ދިނުމަަށް ބޭނުންކުރާނެ އިލެކްޓްރިކް ވެހިކަލްތައް ހޯދުމަށްވެސް މަސައްކަތްތަކެއް މިނިސްޓްރީން ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.