ENGLISH

23 ޑިސެމްބަރު 2025

Advertisement

ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަން މި ސަރުކާރުން 27 ތަނެއް ކުއްޔަަށް ދޫކޮށްފި

23 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ޅ.އަތޮޅުގައި ތަރައްގީކޮށްފައިވާ ނަލަ މޯލްޑިވްސް ރިސޯޓު، ފޮޓޯ: ޕީއެސްއެމް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓަރުން ހޯދުމަށް ސަރުކާރުން ކުރި މަސައްކަތްތަކުގެ ތެރެއިން މިވީ މުއްދަތުގައި 27 ތަނެއް ތަރައްގީކުރަން ކުއްޔަށް ދޫކުރެވިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. 

ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވީ މި ސަރުކާރު ހަވާލުވުމަށްފަހު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް 27 ތަނެއް ދޫކޮށްފައިވާ ކަމށެވެ. 

އެގޮތުން ކްލޯޒްޑް ބިޑިންގެ ދަށުން 13 ތަނެއް ކުއްޔަށް ދޫކުރެވިފައިވާއިރު، ސަރުކާރުން ތައާރަަފުކޮށްފައިވާ ކްރޮސް ސަބްސިޑީ އުސޫލުގެ ދަށުން ދިހަ ތަނެއް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި އޯޕަން ބިޑިންގެ ދަށުން ހަތަރު ތަނެއް ކުއްޔަށް ދޫކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ސަރުކާރުންވަނީ ޓޫރިޒަމް ތަރައްގީވެފައި ނެތް ހަ އަތޮޅެއްގައި ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރުމުގެ ބޭނުމުގައި އެ އަތޮޅުތަކުގައި ޓޫރިޒަމް ވިޔަފާރި ގާއިމުކުރަ ފަރާތްތަކަށް ލީސް އިކުއިޒިޝަން ކޯސްޓު ކުޑަކޮށްދީ، ގްރޭސް ޕީރިއަޑުގެ ތެރޭގައި ތަނެއް ތަރައްގީކޮށް ހުޅުވުމުން އެ މުއްދަތުގައި ކުލި ދެއްކުން ފަސްކުރުމުގެ އިހުތިޔާރު ދިނުމާއި، ކެޕިޓަަލް އިންވެސްޓުމެންޓުގެ 15 އިންސައްތައާ ހަމައަށް ޑިއުޓީ މައާފުކޮށްދިނުން ފަދަ ލުއިތައް ތައާރަފުކޮށްފައެވެ. 

އާއްމުކޮށް ބީލަމަށް ހުޅުވާލައިގެން ދޫކުރާ ފަޅާއި ރަށްރަށުގެ ލީސް އިކުއިޒިޝަން ކޯސްޓު ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދިނުމާއި، ޑިއުޓީ މައާފުކުރުމުގެ އިތުރު ކެޓަގަރީތައް ކަނޑައެޅުން ފަދަ ލުއިތައްވަނީ ތައާރަފުކުރެވިފައެވެ. 

އޭގެ އިތުރަށް މުޅިން އައު ޕްރޮޑަކްޓެއްގެ ގޮތުގައި ތައާރަފުކޮށްފައިވާ ހަލާލް ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން ތަރައްގީކުރަން ދޫކުރާ ތަންތަނުގެ ލީސް އިކުއިޒިޝަން ކޯސްޓު 20 އިންސައްތަ ދަށްކޮށް، ގްރޭސް ޕީރިއަޑު ހަމަވުމުގެ ކުރިން ރަށް ތަރައްގީކޮށް ނިންމައި ހުޅުވައިފިނަމަ، ގްރޭސް ޕީރިއަޑުގެ ބާކީ އޮތް މުއްދަތަށް ބިމުގެ ކުލި ދައްކަންނުޖެހުމާއި، ކެޕިޓަލް އިންވެސްޓުމެންޓުގެ 20 އިންސައްތައާ ހަމައަށް ޑިއުޓީ މައާފުކޮށްދިނުން ފަދަ ލުއިތައްވަނީ ތައާރަފުކޮށްފއެވެ. 

ހަލާލު ޓޫރިޒަމް ކޮންސެޕްޓުގެ ދަށުން ހަ މަޝްރޫއެއް ހިންގުމަށް ސަރުކާރުން ހުޅުވައިލިއެވެ. އެ މަޝްރޫއުތަކުގެ ތެރެއިން އެއް ތަން ތަރައްގީކުރަން ޝައުގުވެރިވާ ފަރާތެއް ހޯދައި އެ ފަރާތާއެކު އެއްބަސްވުން ގާއިމުކޮށް އެކަމަށް ކަނޑައަޅާފައިވާ ތަން އެފަރާތަށް މިހާރުވަނީ ކުއްޔަށް ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު