ENGLISH
23 ޑިސެމްބަރު 2025
ހުނަރު ދައްކާލަން ބޭނުންވާ ޒުވާނުންނަށް 'ލިޓް ފެސްޓް' ހަފްތާބަންދުގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
23 ޑިސެމްބަރު 2025
|
ޔޫތު ކޮންފަރެންސް 2025 ގެ ތެރެއިން
ތަފާތު ދާއިރާތަކުން ޒުވާނުންގެ ހުނަރުވެރިކަން ދައްކާލަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ 'ލިޓް ފެސްޓް' މި ހަފްތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ޒުވާނުންގެ ހަބުގައި މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ،26 އަދި 27 ވަނަ ދުވަހު އެވެ. އަދި މިފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފާރަތްތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ޒުވާނުންގެ ވުޒާރާއިން ބުނީ މި ފެސްޓިވަލް އަމާޒުކޮށްފައިވަނީ 14-20 އަހަރާ ދެމެދުގެ އުމުރުފުރައަށް ކަމަށެވެ. އަދި މި ފެސްޓިވަލްގައި އާޓްސް، ކުކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައިވެއެވެ. މީގެ އިތުރުން އަތްތެރި މަސައްކަތް، ލައިވް އަރޓް ސްޓޭޝަން، ކްލޭ އަރޓްސް، ހެނާ އަރޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ވެސް ހިމެނޭނެ އެވެ. ހަމައެއާއެކު ލައިވް އަރޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އަރޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިންގ ފަދަ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ވެސް ހުޅުވާލެވިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.
މި ފެސްޓިވަލްގެ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުން ޙަރަކާތްތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމުތަކާއި، ޙަރަކާތްތަކަށް ހިނގާނެ ޚަރަދު މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށް އެ ވުޒާރައިން ވަނީ ބުނެފަ އެވެ. އަދި އިދާރީ ގޮތުން ހޯދަން ޖެހޭ ތަކެތިވެސް މިނިސްޓްރީން ހޯދައިދޭނެ ކަމަށްވެސް ވުޒާރައިން ބުންޏެވެ.
ފެސްޓިވަލްގައި ކުރިއަށްދާ ހަރަކާތްތައް ބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލެވިފައިވާ ކަމަށާއި، އަދި ފެސްޓިވަލްގެ ބައިވެރިން ތައްޔާރު ކުރާ ތަކެތި ވިއްކުމުގެ ފުރުޞަތު އެ ބައިވެރިންނަށް ލިބިގެން ދާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.
ޒުވާނުންގެ ވުޒާރާއިން ބުނީ، ލިޓް ފެސްޓުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ގިނަ ޒުވާނުން ފާޅުކުރަމުން އަންނަ ކަމަށެވެ. އަދި މި ފެސްޓިވަލްގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ، ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ބެލެނިވެރިޔަކާއެކު ބައިވެރިވާން ޖެހޭ ގޮތަށެވެ. އަދި ބައިވެރިވުމަށް ފޭސްބްކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ފެސްޓާ ގުޅޭ ގޮތުން ހިއްސާ ކޮށްފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފަ އެވެ.
މި ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންގެ އަދަދު މިނިސްޓްރީން އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ އިތުރުވެއްޖެނަމަ ފުރުސަތު ލިބޭނީ ބައިވެރިވާ ތަރުތީބުން ކަމުގައި ވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.
ޔޫތު ހަބް ހުޅުވުމަށް ފަހު ޒުވާނުންގެ ވުޒާރާއިން އަންނަނީ އެތަނުގައި ޒުވާނުންނާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.