ENGLISH
23 ޑިސެމްބަރު 2025
ޓޫރިޒަމް ދާއިރާގެ ޖުމްލަ އާމްދަނީ މި އަހަރު %16 މަތިވާނެ ކަމުގައި ލަފާކުރެވޭ
23 ޑިސެމްބަރު 2025
|
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް ވީއައިއޭގައި، ފޮޓޯ: މިހާރު
ފަތުރުވެރިކަމުގެ ދާއިރާގެ ޖުމްލަ އާމްދަނީ މި އަހަރު ނިމޭއިރު ފާއިތުވި އަހަރާ އަޅާބަލާއިރު %16 މަތިވާނެ ކަމަށް ބެލެވޭކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެވުޒާރާގެ މަސައްކަތްތަކާ ގުޅޭ އަދާހަމަ މައުލޫމާތު ދެއްވަމުން ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވީ މިހާރު ސަރުކާރުން އަމަލުކުރަމުންދާ ފަސްވަނަ ޓޫރިޒަމް މާސްޓާޕްލޭނުގެ އަމާޒަކީ، 2027 ވަނަ އަހަރާ ހަމައަށް ޓޫރިޒަމް ދާއިރާގެ ޖުމްލަ އާމްދަނީ ހަ ބިލިއަން ޑޮލަރަށް އިތުރުކުރުން ކަމަށެވެ.
މި މަސައްކަތުގެ ތެރެއިން އަހަރުން އަހަރަށް ޓޫރިސްޓް އެރައިވަލްސް ނުވަތަ ފަތުރުވެރިން އަންނަ މިންވަރާއި ރާއްޖޭގައި ފަތުރުވެރިން ފައިސާ ހޭދަކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވި ރަނގަޅު ނަތީޖާތަކެއް ނެރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު ނިމުނު އަހަރު ރާއްޖެއަށް 2.04 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. އަދި މި އހަރު 2.24 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމުގައި މިހަރު ބެލެވެއެވެ. އެއީ ނިމުނު އަހަރާއަޅާބަލާއިރު 9.4 އިންސައްތައިގެ އިތުރުވުމެކެވެ.
ނިމުނު އަހަަރު ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީ ނުވަތަ ޓޫރިޒަމް ރިސީޓްސްއަކީ 4.79 ބިލިއަން ޑޮލަރެވެ. މި އަހަރަށް ކުރިން ލަފާކުރެވުނު ޓޫރިޒަމް ރިސީޓްސްއަކީ 5.45 ބިލިއަން ޑޮލަރެވެ. އެއީ ނިމުނު އަހަރުގެ ޓޫރިޒަމް ރިސީޓްސްއަށްވުރެ 13.8 އިންސައްތަ އިތުރު މިންވަރެކެވެ.
ނަމަވެސް މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި، ފަތުރުވެރިން ރާއްޖޭގައި ފައިސާ ހޭދަކުރަމުންދާ ޕެޓާނަށް ބަލައި މި އަންދާޒާތަކަށް ބަދަލުތަކެއްވަނީ ގެނެސްފައެވެ. އެގޮތުން މިހާރު ލަފާކުރެވޭ ގޮތުގައި މި އަހަރު ފަތުރުވެރިކަމުގެ ރިސީޓްސް ނުވަތަ ޖުމްލަ އާމްދަނީ 5.55 ބިލިއަން ޑޮލަރަށް އަރާނެއެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 16 އިންސައްތައިގެ އިތުރުވުމެކެވެ.
ސަރުކާރުން އަންނަނީ ފަތުުރުވެރިކަން ފުޅާކޮށް އެ ސިނާއަތުގެ ވިލުންތެރިކަން އިތުރުކޮށް، އެ ދާއިރާއިން ލިބޭ މަންފާ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބެހިގެންދާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.