ENGLISH

23 ޑިސެމްބަރު 2025

Advertisement

ދެ އަހަރު ތެރޭ ފަތުރުވެރިކަމުގެ 714 ވިޔަފާރި ރަޖިސްޓްރީކުރެވި، 6،665 އެނދު ބާޒާރަށް ނެރެވުނު

23 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރާއްޖޭގެ ރިސޯޓެއް، ފޮޓޯ: ގޫގުލް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނޮވެންބަރު 17، 2023 ވަނަ ދުވަހުގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވި ދެ އަހަރެއްހަައި ދުވަހުގެ ތެރޭގައި 714 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ވިޔަފާރި ރަޖިސްޓްރީކުރެވި، ޖުމްލަ 6،665 އެނދު ހިދުމަތަށް ނެރެވިފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރުވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ވަރަށް ގިނަ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. 

އެގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތްދޭ 1،330 ތަނެއް ހިންގަމުން އަންނަ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެއީ 178 ރިސޯޓާއި 167 ލިވަބޯޑް ނުވަތަ ސަފާރީ/ ޔޮޓުފަހަރާއި، 16 ހޮޓަލެއްގެ އިތުރަށް 969 ގެސްޓުހައުސްއެވެ. 

ރިސޯޓުތަކުގައި ހުރި 44،524 އެނދާއި، ލިވަބޯޑުތަކުގައި ހުރި 3،322 އެނދާއި، ހޮޓާތަކުގައި ހުރި 2،598 އެނދުގެ އިތުރަށް ގެސްޓުހައުސްތަކުގައި ހުރި 16،786 އެނދު ހިމެނޭހެން ޖުމްލަ 67،229 އެނދު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ބޭނުންކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

ތާރިގު އިތުރަށް ވިދާޅުވި ގޮތުގައި ރައީސް ޑރ.މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި 714 ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވެއެވެ. އެއީ 6 ރިސޯޓާއި، 22 ލިވަބޯޑާއި، ތިން ހޮޓަލާއި، 197 ގެސްޓުހައުސްއާއި 45 ޑައިވް ސެންޓަރާއި، 50 ހޯމްސްޓޭ އަދި 391 ޓްރެވަލް އެޖެންސީއެވެ. 

އަލަށް ރަޖިސްޓްރީކުރެވުނު އެނދަށް ބަލާއިރު، ފާއިތުވި ދެ އަހަރު ތެރޭ ރިސޯޓުތަކުގައި އލަަށް 1،474 އެނދު އަދި ގެސްޓުހައުސްތަކުގައި 3،704 އެނދު ރަޖިސްޓްރީކޮށްފައިވެއެވެ. ހޮޓާތަކުގައި 708 އެނދު އަދި ލިވަބޯޑުތަކުގައި 463 އެނދު އަލަށް ރަޖިސްޓްރީކޮށްފައިވާއިރު ހޯމްސްޓޭ އެނދުގެ ގޮތުގައި އަލަށް ރަޖިސްޓްރީކޮށްފަައިވަނީ 316 އެނދެވެ. 

މިވަގުތު ފަތުރުވެރިކަމަށް 150 އަށްވުރެ ގިނަ ތަން ތަރައްގީކުރުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރެވެމުންދާއިރު، އަަލަށް ތަރައްގީކުރަމުންދާ ތިން ރިސޯޓެއްގެ މަސައްކަތް ނިންމައި މި އަހަރު އެތަންތަން ހުޅުވައި ބާޒާރަށް ނެރެފައިވެއެވެ. 

އެއީ 188 އެނދުގެ އަނާނިއާ މަޑިވަރު މޯލްޑިވސްއާއި، 138 އެނދުގެ ޑުސިޓްޑީޓޫ ރިސޯޓާއި، 96 އެނދުގެ މެއްޔަފުށި މޯލްޑިވްސްއެވެ. މި ތިން ރިސޯޓުގެ އިތުރަށް 200 އެނދުގެ ބާސެލޯ ނަސަންދުރަ ހޮޓަލްވެސް މިއަހަރުވަނީ ހުޅުވާފައެވެ. 

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 2،174،423 ފަތުރުވެރިން ޒިޔާރަތްކުރިއިރު، އެއީ ނިމުނު އަހަަރަށްވުރެ 10 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރަކީ ރާއްޖޭގެ ތާރީހުގައި އެއް މިލިއަން ފަތުރުވެރިން އެންމެ އަވަހަށް ހަމަވި އަހަރެވެ. އަދި މި އަހަރު ދެ މިލިއަން ފަތުރުވެރިން ހަމަވީވެސް ނިމުނު އަހަރަށްވުރެ އަވަހަށެވެ. 

ކިޔުންތެރިންގެ ހިޔާލު