ENGLISH
23 ޑިސެމްބަރު 2025
ދުންފަތާ ގުޅުން ހުރި އެކި މައްސަލަތަކުގައި މާލެއިން އެކަނި ހަތް މިލިއަން ރުފިޔާގެ ތަކެތި އަތުލައިގަނެފި
23 ޑިސެމްބަރު 2025
|
ދެ ގެއެއް ބަލައި ފާސްކޮށް އަތުލައިގަނެފައިވާ ވޭޕާއި އެއާ ގުޅޭ ބައެއް ސާމާނު
ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ދުންފަތުގެ ބައެއް ބާވަތްތައް މަނާކޮށް، ވިއްކުން ކޮންޓުރޯލުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލޭ ސަރަހައްދުން 7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ދުންފަތާ ގުޅުންހުރި އެކި ތަކެތި އަތުލައިގަނެފައިވާކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މާލޭ ސަރަހައްދުގައި ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ފުލުހުންގެ ހިދުމަތުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބަދުﷲ ރަޝީދު ވިދާޅުވީ ދުންފަތާ ދެކޮޅަށް އަށް އޮޕަރޭޝަން މާލޭ ފުލުސް ސްޓޭޝަންތަކުން ހިންގާފައިވާ ކަމަށެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ތަކެތި އަތުލައިގަނެފައިވާއިރު 15 ފަރާތަކާމެދު ފުލުހުންގެ ހިދުމަތުން ގާނޫނީ ފިޔަވަޅު އެޅިކަމަށްވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އޭނާވަނީ މި އޮޕަރޭޝަންތަކުގައި ފުލުހުން އަތުލައިގަނެފައިވާ ބައެއް ސާމާނުގެ ތަފުސީލު ހިއްސާކުރައްވާފައެވެ.
އަބްދުﷲ ރަޝީދު ހާމަކުރެއްވި ގޮތުގައި މި އޮޕަރޭޝަންތަކުގެ ތެރެއިން 44،866 ފޮށީގެ ސިނގިރެޓާއި، 4،733 ވޭޕާއި، 765 ފްލޭވާފުޅި އަދި ކާޓްރޭޖާއި، 86 ވޭޕް ކޮއިލާއި، 93 ކިލޯގެ ދުންފަތް ޕެކެޓުވަނީ އަތުލައިގަނެފައެވެ.
މިތަކެތީގެ އަގު 7،341،961 (ހަތް މިލިއަން ތިންލައްކަ ސާޅީސްއެއްހާސް ނުވަސަތޭކަ ފަސްދޮޅަސް އެއް) ރުފިޔާއަށް އަރައެވެ. ދުންފަތާ ގުޅޭ ތަކެތީގެ އިތުރަށް މި އޮޕަރޭޝަންތަކުގެ ތެރެއިން 294،240 ރުފިޔާވެސް ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ވޭޕު ގަނެ ވިއްކުމާއި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމާއެކު، އެއިން އެއްޗެއް ރާއްޖެ އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާކޮށް، އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓެއް ނުވަތަ ވޭޕުގެ އާލާތަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ދެއްކުން ގާނޫނުން ލާޒިމުކޮށްފައިވެއެވެ.
ވޭޕު މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމުގެ އިތުރަށް ސިނގިރެޓު އެތެރެކުރުމުގައި ދައްކަންޖެހޭ ޑިއުޓީ ބޮޑުކޮށް، ވަގަށް ސިނގިރޭޓު އެތެރެކުރުން ހުއްޓުވުމަށާއި، ވަގަށް އެތެރެކުރާ ސިނގިރެޓު ހޯދައި ހިފަހެއްޓުމަށް ތަންފީޒީ އިދާރާތަކުން ގިނަ މަސައްކަަތްތަކެއް އަންނަނީ ކުރަމުންނެވެ.