ENGLISH

23 ޑިސެމްބަރު 2025

Advertisement

ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާ ކުރަން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފި

23 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާ ކުރުމަށް ހުޅުވާލުން--ފޮޓޯ:ޕީއެސްއެމް

އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފި އެެވެ.

މި މަސައްކަތަށް އީ.އޯ.އައި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ދުވަހުގެ 14:00 (ދެ ގަޑި ސުންމިނެޓް) އެވެ. މި މަސައްކަތަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، އަދި ޖޮއިންޓް ވެންޗަރގެ ގޮތުގައިވެސް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.

މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު އެވުޒާރާއިން ކުރިއަށްގެންދާ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިންދަ ސައުތުވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ މަސްވެރި އުޅަނދެއް ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މި މަސައްކަތުގެ ބޭނުމަކީ، މިވަގުތު މަސްވެރިންނަށާއި މަސްވެރި އުޅަނދުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް، އެ ހުރިހާ މައްސަލަތަކަށް ޙައްލު ހޯދައިދޭނެ ގޮތަކަށް އުޅަނދު ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.

ވުޒާރާއިން ވަނީ މަސްވެރިންނާއި އަދި މަހުގެ އެކިބާވަތްތައް ތައްޔާރުކުރާ ފަރާތްތަކާއެކު ބޭއްވި މަޝްވަރާތަކުގައި މުހިންމު ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން، ބާނާމަހުގެ ކޮލޮޓީ ރަނގަޅުކުރުމާއި، ކަނޑުމަތީގައި މަސްވެރިންގެ ރައްކާތެރިކަން އިތުރުކުރުމާއި، ދޯނީގައި މަސް ގިނަދުވަހު ރައްކާކުރެވޭނެ ގޮތްތަކާއި، މަސް ބޭނުމުގެ ތެރޭގައި މަހަށްލިބޭ ގެއްލުން ކުޑަކުރެވިދާނެ ގޮތްތަކާއި، ފަސޭހައިން ދޯންޏަށް މަސްއަރުވާ ބޭލޭނެގޮތްތަކާއި، މަސްއައިން ހޯދުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، ގިނަދުވަހަށް އެން ރައްކާކުރެވޭނެ ގޮތްތަކާއި، ތެލަށް ކުރާ ޚަރަދު ކުޑަކުރުމާއި، އަދި ތިމާވެއްޓާ ރައްޓެހި މަސްވެރިކަމެއް ކުރެވޭނެ ގޮތްތަކާ މެދު ވަނީ މަޝްވަރާކޮށްފަ އެވެ. އަލަށް ފަރުމާކުރާ މަސްވެރި އުޅަނދު ވާންވާނީ މިކަންތައްތަކަށް ރިއާޔަތް ކުރެވިގެން ފަރުމާކުރެވޭ އުޅަނދެއްކަމަށް ވެސް ވުޒާރާއިން ވަނީ ބުނެފަ އެވެ.

މި މަޝްރޫޢަކީ، ކުރިއަށް އޮތް ޖީލުތަކަށްޓަކައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ބިނާކުރުމަށް ލިބިގެންދާ ވަރަށް މުހިއްމު ފުރުސަތެއްކަމަށާއި އަދި މި ފުރުސަތުގެ ބޭނުން ހިފައި، ޚަރަދުކުޑަ އަދި ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް މަސްވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ. އަދި މީގެ އިތުރުން މަސްވެރިންނާއި މަހުގެ ބާވަތްތައް އުފައްދާ ފަރާތްތަކަށް އިޤްތިޞާދީ ކުރިއެރުންތައް ލިބިގެންދާނެ ކަމަށާއި އަދި މަސްވެރިކަމަކީ ފައިދާހުރި ވަޒީފާއެއްގެ ގޮތުގައި ކުރެވޭނެ ދާއިރާއެއްގެ ގޮތުގައި ދައްކުވައިދީ، ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި ކަޅުބިލަމަހުގެ ވާދަވެރިކަން އިތުރުކުރުމަކީވެސް މި މަޝްރޫޢުގެ މުހިއްމު ބޭނުމެއް ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.

ވުޒާރާއިން އިން އިތުރަށް ބުނެފައިވަނީ، މި ޒަމާނީ މަސްވެރި އުޅަނދު ވެގެންދާނީ ރާއްޖޭގެ މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، މުޖުތަމަޢާއި ތަރައްޤީގެ ކުރިމަގަށް ކުރާ ސްޓްރެޓީޖިކް އިންވެސްޓްމަންޓެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު