ENGLISH
25 ޑިސެމްބަރު 2025
ލިވަޕޫލް އެފްސީ އާއެކު ކުރިއަށްގެންދިޔަ "ޕެނަލްޓީ ޓު ޕެރަޑައިސް" ކެމްޕޭނުގެ ޕެނަލްޓީ ޝޫޓްއައުޓް ޗެލެންޖު ކާމިޔާބުކުރި ފަރާތް އިއުލާންކޮށްފި
23 ޑިސެމްބަރު 2025
|
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އާއި ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ)އާ ދެމެދު ގާއިމުކޮށްފައިވާ ޕާޓްނާޝިޕްގެ ދަށުން، "ޕެނަލްޓީ ޓު ޕެރަޑައިސް" ގެ ނަމުގައި އެ ކްލަބުގެ ފޭނުން ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ "ޑެތު-ޕެނަލްޓީ ޝޫޓްއައުޓް ޗެލެންޖު" ގައި ކާމިޔާބުކުރި ފަރާތް އިއުލާންކޮށްފިއެވެ.
މިއީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ފުޓްބޯޅަ ލީގު ކަމަށްވާ، އިނގިރޭސި ޕްރިމިއާ ލީގު މެދުވެރިކޮށް، ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ސަމާލުކަމާއި މަގުބޫލުކަން އިތުރުކޮށް އިޝްތިހާރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ޕެނަލްޓީ ޓު ޕެރަޑައިސް ކެމްޕޭނުގެ ދަށުން ކުރިއަށްގެންދިޔަ ޗެލެންޖުގައި ލިވަޕޫލް އެފްސީގެ 50 ފޭނުންގެ ގޮތުގައި ފާހަގަކޮށްލެވޭ 50 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މި ޗެލެންޖް ކާމިޔާބުކުރާ ފަރާތަކަށް ހުށަހަޅާފައިވާ އިނާމަކީ، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ދަތުރެކެވެ. މި ދަތުރަށް ހޮލިޑޭ ޕެކޭޖު ހަދިޔާކޮށްފައިވަނީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުންނެވެ.
ތަފާތު ރައުންޑުތަކަކަށް ބަހާލައިގެން އެކި ސަޕްރައިޒް ސައިޑް ޗެލެންޖްތައް ވެސް ހިމަނައިގެން ކުރިއަށްގެންދިޔަ މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ފިންލީ މެކްގޮވާން ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ ބައިވެރިއެކެވެ.
މި ކޮންޓެސްޓުގައި ހައި ޕްރެޝަރ-ޕެނަލްޓީ ރައުންޑުތަކާއި، އެލްއެފްސީގެ ކުޅުންތެރިންގެ ސަޕްރައިޒް އެޕިއަރެންސްތަކުގެ އިތުރުން ތަފާތު ގިނަ ސައިޑް ޗެލެންޖްތަކެއްވެސް ހިމަނާފައިވެއެވެ. އަދި މި ސައިޑް ޗެލެންޖްތައް މެދުވެރިކޮށް ބައިވެރިންނަށް އިތުރު އިނާމުުތައް ހޯދުމުގެ ފުރުސަތު ވެސް ވަނީ ދީފައެވެ.
މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދެވުނު "ޑެތު-ޕެނަލްޓީ ޝޫޓްއައުޓް ޗެލެންޖު" ގެ ފުލް އެޕިސޯޑު 22 ޑިސެންބަރު 2025 އިން ފެށިގެން އެލްއެފްސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ޔޫޓިއުބްގައި ވަނީ އާއްމުކޮށްފައެވެ.
މި ކެމްޕޭނަކީ، މާޗް 2025 ގައި ލިވަޕޫލް ފުޓްބޯޅަ ކްލަބާއެކު ރާއްޖެއިން ގާއިމުކުރި ޕާޓްނާޝިޕްގެ ދަށުން ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. އެލްއެފްސީއާއެކު ޕާޓްނާޝިޕް ގާއިމުކޮށްފައިވާ މި މުއްދަތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މިފަދަ އެތައް ކަމެއް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާވައި ހިންގާނެ އެވެ.