ENGLISH

23 ޑިސެމްބަރު 2025

Advertisement

ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް: ގދ. އަތޮޅުގެ ޗެމްޕިއަންކަން ގައްދޫ އަށް

23 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ގައްދޫ ޓީމުން ޓްރޮފީއާއެކު. ފޮޓޯ: އަހުމަދު

އެފްއޭއެމް އެޓޯލް ފުޓްބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު ގދ. އަތޮޅުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ހޯނޑެއްދޫ ބަލިކޮށް، ގައްދޫ އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

ގައްދޫން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ހޯނޑެއްދޫ ބަލިކޮށްގެންނެވެ.

މި މެޗުގައި ދެ ޓީމުން ޖެހި ހުރިހާ ގޯލެއްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ.

ގދ. ގައްދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ހޯނޑެއްދޫން ލީޑުނެގީ ނާއިފް ޝަފީޤުގެ ލަނޑުންނެވެ. އޭގެ ދެ މިނެޓުފަހުން، ހޯނޑެއްދޫގެ ތޮޤީރު އުލް ހަސަން އަތުން ބައިކޮޅަށް ވަތް ގޯލަކުން ގައްދޫން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ކުރީގެ ލެޖެންޑަރީ ފޯވާޑް، އާދަމް ލަރީފް ވައްދާލި ލަނޑުން އަނެއްކާވެސް ހޯނޑެއްދޫން ލީޑުނެގިއެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި އާލިމް ޢަބްދުލް އަޒީޒްގެ ގޯލުން ގައްދޫން ދެވަނަ ފަހަރަށް އެއްވަރުކުރިއެވެ. މި ގޯލާއެކު ހާފު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ގައްދޫ އާއި ހޯނޑެއްދޫ އަށް ލަނޑެއްޖެހޭގޮތްނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްއަކަށްފަހު އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ގައްދޫން ފޮނުވާލި ފަސް ޕެނަލްޓީގެތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމަށް ނާކާމިޔާބުވީ އެންމެ ފުރަތަމަ އާލިމް ޢަބްދުލް އަޒީޒް ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. އޭގެފަހުން، އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، އަރިންޒޭ ކްރިސްޓިއަން އެންވޮޒޮރް އާއި އަހުމަދު އާތިފްގެ އިތުރުން އިޝްހާގު ރަޝީދު އާއި އިޝްހާގު ޢަބްދުލްޣަނީ ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރިއެވެ.

ހޯނޑެއްދޫން ފޮނުވާލި ހަތަރު ޕެނަލްޓީގެތެރެއިން ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ. އެއީ، އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ ބިދޭސީ ކުޅުންތެރިޔާ، ތޮޤީރު އުލް ހަސަން އާއި އަލީ އުޒައިރު އެވެ. ސާއިން އަސްލަމް އާއި އަލީ ހައްސާން ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުނުކުރެވުނެވެ.

މި ފަހަރުގެ އެޓޯލް ޗެމްޕިއަންޝިޕްގެ ގދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ގައްދޫ އާއި، ރަނަރަޕް މަގާމު ހޯދި ހޯނޑެއްދޫ ވަނީ ރީޖަނަލް ލީގުގެ ކޮލިފައިންގ ބުރަށް ދަތުރުކޮށްފައެވެ.

އެފްއޭއެމުން އެކުލަވާލި އާ ފޯމެޓާއެކު ފެށި މި ފަހަރުގެ އަތޮޅު މުބާރާތުގައި 49 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު