ENGLISH
23 ޑިސެމްބަރު 2025
ކާވާ ވިމެންސް ކަޕް: ސައްތަ އިން ސައްތައިގެ ރެކޯޑަކާއެކު ރާއްޖެ ސެމީ އަށް
23 ޑިސެމްބަރު 2025
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު. ފޮޓޯ: ކާވާ
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ކަޕްގެ ލީގު ބުރުގެ އެންމެ ފަހު މެޗުގައި މިރޭ ފަހަތުންއަރައި ކިރްގިސްތާން ބަލިކޮށް، ރާއްޖޭން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅުނު ތިންވަނަ މެޗެވެ. ލީގު ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ރާއްޖެ ސެމީން ޖާގަ ހޯދީ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިއީ މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ކިރްގިސްތާން އަތުން ރާއްޖެ މޮޅުވި ފުރަތަމަ ފަހަރެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ކިރްގިސްތާން އަތުން ރާއްޖެ މޮޅުވީ 1-3 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-15 ކިރްގިސްތާން ގެންގޮސްފައިވަނިކޮށް، ރާއްޖޭން ވަނީ ވާދަވެރި ކުޅުމަކަށްފަހު 25-23 އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ.
އެއަށްފަހު، ތިންވަނަ ސެޓުގެ ކުރީކޮޅު ކިރްގިސްތާނުން ނެގި ލީޑު ފިޔަވައި އިތުރަށް އެ ޓީމަށް ފުރުސަތެއްނުދީ ރާއްޖޭން ވަނީ ކޮންޓްރޯލްނަގައި، 25-19 އިން އެ ސެޓު ކާމިޔާބުކޮށް، މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިފައެވެ.
ދެން ކުޅެވުނު ހަތަރުވަނަ ސެޓުގެ ކުރީކޮޅު ރާއްޖޭން ލީޑުނެގިނަމަވެސް، ކިރްގިސްތާނުން ލީޑު އަތުލާފައިވަނިކޮށް، 15-15 އިން އެއްވަރުކުރުމަށްފަހު ރާއްޖޭން ވަނީ 25-22 އިން ސެޓުގައި ކުރިހޯދައި، މެޗުވެސް ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި އަފްޣާނިސްތާނުން ވަނީ 3-1 ސެޓުން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު އަފްޣާނިސްތާނުން ގެންދިޔައީ، 25-20 އާއި 25-21 އިންނެވެ.
ނަމަވެސް، ދެން ޖެހިގެންއައި ސެޓުގައި 25-21 އިން ބަންގްލަދޭޝް ކުރިހޯދިއެވެ. އެކަމަކު، ދެން ކުޅެވުނު ހަތަރުވަނަ ސެޓުގައި އަފްޣާނިސްތާނުން ވަނީ 25-16 އިން ކުރިހޯދައި، މެޗުވެސް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ސެމީގައި ރާއްޖޭން ނިކުންނާނީ ލީގު ބުރުގެ ހަތަރުވަނަ މަގާމަށް ހޮވުނު ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރު 4:20 ގައެވެ.
މި މުބާރާތުގެ ދެވަނަ ސެމީގައި ކިރްގިސްތާން ބައްދަލުކުރާނީ އަފްޣާނިސްތާނާ އެވެ. މި މެޗު ކުޅޭނީ ބުދަ ދުވަހުގެ ރޭގަނޑު 8:40 ގައެވެ.
ސެމީގެ ދެ މެޗުން މޮޅުވާ ޓީމުތައް ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމުތައް ކުޅޭނީ ބްރޯންޒް މެޑަލް މެޗުގައެވެ. މި ދެ މެޗާއެކު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ވެސް އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ.