ENGLISH
22 ޑިސެމްބަރު 2025
ހުޅުމާލޭ މުނިސިޕަލް ހިދުމަތްތަަކާ ކައުންސިލުން ހަވާލުނުވުން؛ މޭޔަރަށް ކައުންސިލަރުންގެ ހޫނު ރައްދެއް
22 ޑިސެމްބަރު 2025
|
ާމާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު އަރީޝް އަދި ކައުންސިލަރު ނަހުލާ
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން ވަކިކޮށް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތީ ސިޓީ ކައުންސިލުން އެކަމާ ހަވާލުނުވުމުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ވާހަކަފުޅު ދޮގުކުރައްވައި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ދެއްކެވި ވާހަކަފުޅަށް އެހެން ބައެއް ކައުންސިލަރުން ރައްދު ދެއްވައިފިއެވެ.
އާދަމް އާޒިމްވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާން ސިޓީ ކައުންސިލުގެ ފަރާތުން ސިޓީތަކެއް ރައީސް އޮފީހާއި އިދާރާތަކަށް ހުށަހަޅުއްވާފައިވާކަމަށް ވިދާޅުވެ، ސިޓީ ފޮނުއްވި ތާރީހުތައް ހާމަކުރައްވާފައެވެ. އެ ވާހަކަފުޅާ ގުޅިގެން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި އެހެން ބައެއް ކައުންސިލަރުން މޭޔަރަށް ރައްދު ދެއްވާފައިވެއެވެ.
އެގޮތުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭޔަރު މި މައްސަލައިގެ ހަގީގަތް އޮޅުވައިލައްވާތީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލުން ރަސްމީ ގޮތަށް ކަމެއް ނިންމުމަށް ކައުންސިލުގައި ވޯޓެއް އާޒިމް ނަންގަވާފައި ނެތް ކަމަށެވެ.
"ކައުންސިލުގެ ވޯޓަކަށް ނާއްސަވާ މޭޔަރު މިކަން ކުރައްވާނެ ގާނޫނީ ގޮތަކީ ކޮބައިތޯ؟ އިޚްލާޞްތެރި ނިޔަތެއް މޭޔަރުގެ އޮތް ނަމަ ކައުންސިލުގެ ވޯޓަކާއެކު މިކަމަށް ޢަމަލީ ފިޔަވަޅު އަޅުއްވަންވީ ނޫންތޯ؟،" ގާނޫނީ އިޖުރާއާތު ފުރިހަމަނުކޮށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުނުވެވޭނެކަން ފާހަގަކުރައްވަމުން އަރީޝް ސުވާލުކުރެއްވިއެވެ.
އޭނާ އިތުރަށް ތުހަމަތުކުރެއްވި ގޮތުގައި ސިޓީ ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވުމަށް އަމަލީ ގޮތުން މޭޔަރު އެއްވެސް ކަމެއް ނުކުރައްވައި، ސިޓީ ފޮނުއްވިކަމަށް ވިދާޅުވެ މީޑިޔާތަކަަށް ދައްކަވަނީ ދަޅައެކެވެ. އަދި މޭޔަރު ގެންދަވަނީ ރޯމާ ދުވާލު ރައްޔިތުންނަށް އިތުރުފުޅު ހައްދަވަމުންކަމަށް ޑެޕިއުޓީ މޭޔަރު ތުހުމަތުކުރެއްވިއެވެ.
އަދި ރައީސް ރޭ އެކަމުގައި ދެެއްކެވި ވާހަކަފުޅުގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތަައް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ކުރި މަސައްކަަތްތައް ތަފުސީލުކޮށް ބަޔާންކޮށްދެއްވިކަން ފާހަގަކުރައްވައި އަރީޝސް ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކަށް އިޖާބަނުދެއްވީ މޭޔަރުކަމަށް ކައުންސިލުގައި ތިއްބެވި ހަގީގަތް އެނގިވަޑައިގަންނަވާ ހުރިހާ ބޭފުޅުން ހެކިވެވަޑައިގަންނަވާނެ ކަމަށެވެ.
އަރީޝުގެ އިތުރުން ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ މޭޔަރު އާދަމް އާޒިމް މިކަމުގައި ހައްދަވަނީ އިތުރުފުޅު ކަމަށާއި، ކައުންސިލުގެ ތަޅުމަށް އެ މައްސަލަ ގެންނަވައި ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް ކައުންސިލުގެ ދަށަށް ބަދަލުކުރުމަށް މޭޔަރު ހުށަަނާޅުއްވާ ކަމށެވެ.
"ފިލްމު ކުޅުއްވުމާއި، ދޮގު ހެދުން މެކުހަށް،" މޭޔަރު އާދަމް އާޒިމް މަސައްކަތް ކުރައްވަނީ އިތުރުފުޅު ހައްދަވައިގެން ސިޔާސީ ޑްރާމާއެއް ކުޅުއްވުމަށް ކަމަށް ތުހުމަތުކުރައްވަމުން ނަހުލާ ވިދާޅުވިއެވެ.