ENGLISH
22 ޑިސެމްބަރު 2025
ދިވެހި ތަރިކަ ދެމެހެއްޓުމަށް އޭއައިގެ ބޭނުންހިފަންޖެހޭ: ވަޒީރު އާދަމް ނަޞީރު
22 ޑިސެމްބަރު 2025
|
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް -- ފޮޓޯ: ރައީސް އޮފީސް
ދިވެހި ތަރިކަ ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދީ ދެމެހެއްޓުމަށް 'އާޓިފިޝަލް އިންޓެލިޖެންސް' (އޭއައި)ގެ ބޭނުން ހިފަންޖެހޭކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ 2025 ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ތަރިކައިގެ ކުރިއެރުމަށް އަލިއަޅުވާލައްވައި ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 'މޯލްޑިވްސް 2.0' ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން ތަރިކައިގެ ދާއިރާ އާ ޒަމާނަށް ހިޖުރަކުރުމަށް އެކަށޭނަ ޑާޓާ ބޭނުންވާނެ ކަމަށެވެ.
މިކަން ފުރިހަމަކުރުމަށްޓަކައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ވިލަރެސްވެރިން މިހާރު ދަނީ ދުވަސްވީ މީހުންގެ ހަނދާންތައް އެއްކޮށް ރެކޯޑްކުރުމުގެ ޤައުމީ މަޝްރޫއެއް ހިންގަމުންކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ދިވެހި ތަރިކަ ޑިޖިޓަލްކޮށް އޭއައިގެ ދުނިޔެއަށް މި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޑާޓާބޭސް ގާއިމްކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދިވެހިންގެ އުފެއްދުންތަކަކީ ދިވެހި އެއްޗެއްކަން ކަނޑައެޅޭނެ ގޮތްތައް އިލްމީގޮތުން ކަށަވަރު ކުރުމަށްޓަކައި ޔުނިފޯމް ފްރޭމްވޯކުތައް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާކަމަށެވެ. މި މަސައްކަތުގެ ސަބަބުން ދިވެހި ތަރިކައިގެ އަސްލުވަންތަކަން އިތުރަށް ކަށަވަރު ކުރެވި، އޭ އައިގެ ދުނިޔޭގައި ދިވެހި ތަރިކަ ދެމިއޮތުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.